04 އޯގަސްޓް 2016 - 12:13

ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ވިސާ މި އަހަރު ޖަހާނީ މާލޭގައި ހުރި ސައުދީ އަރަބިއްޔާގެ އެމްބަސީން ކަމަށް ކުރިން ހަމަޖެހިފައި އޮތަސް، އެ ތަނުން ވިސާ ޖެހޭނެ ކަމުގެ އުއްމީދު ގެއްލިއްޖެ އެވެ. އެހެންވެ މި އަހަރު ވެސް ވިސާ ޖަހައިދިނުމަށް ސައޫދީ އަރަބިއްޔާ އިން ޓީމެއް މާލެ އަންނަ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައި ވަނީ ސައުދީ އެމްބަސީ ހުޅުވުމުން އެންމެ ބޮޑު އެއް ލުޔަކަށް ވާނީ ހައްޖާއި އުމްރާގެ ވިސާ ޖެހުމުގައި ފަސޭހަތަކެއް ލިބުން ކަމަށެވެ. އެނގިފައިވާ ގޮތުގައި، ވަރަށް ފަހަކާ ޖެހެންދެން ވެސް އުއްމީދުކޮށްގެން ތިބީ ސައޫދީ އެމްބަސީ މެދުވެރިކޮށް ވިސާގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށެވެ.
އެކަމަކު އެމްބަސީން މިހާތަނަށް އެ އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ ވިސާ ޖަހައިދޭނެ ޓީމެއް ރާއްޖެ ފޮނުވައިދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ސައޫދީ ހައްޖު ވުޒާރާގައި އެދިފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހްސަން ވިދާޅުވީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ވިސާ ޖަހަން ސައުދީގެ ޓީމެއް އަންނާނެ ކަމަށެވެ. އެކަމަކު އެ ޓީމު އަންނާނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
ރާއްޖެ އިން ހައްޖަށް ދާ މީހުން މި މަހު 15 އިން ފެށިގެން ފުރަން ހަމަޖައްސާފައިވާ އިރު އެޑްވާންސް ޓީމުތައް އަންނަ ހަފުތާގައި ފުރަން ފަށާނެ އެވެ. އެޑްވާންސް ޓީމުތައް ވިސާ ޖަހަނީ، އެނގިފައިވާ ގޮތުގައި، ސްރީ ލަންކާގައި ހުންނަ ސައުދީ އެމްބަސީ މެދުވެރިކޮށެވެ.
ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ފަސް ކުންފުންޏަކަށް 2،000 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދީފަ އެވެ. އެކަމަކު އޭގެ ތެރެއިން ރާއްޖެ އަށް މިހާތަނަށް ކަށަވަރުވީ 1،000 ޖާގަ އެވެ. ބާކީ 1،000 ޖާގަ ހަމަނުޖެހި، ގިނަ ބަޔަކަށް ހައްޖަށް ނުދެވިދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.