ނެޓްފްލިކްސްގެ ޝޯތަކުގެ ތެރެއަށް އިޝްތިހާރު
ނެޓްފްލިކްސްގެ ޝޯތަކުގެ ތެރެއަށް އިޝްތިހާރު

ނެޓްފްލިކްސްގެ ފަދަ ސްޓްރީމިން ސާވިސްތަކަށް ލޯބިކުރާ މީހުން އެންމެ އުފާވާ އެއް ކަމަކީ އިޝްތިހާރުތަކާ ނުލައި، އެއްވާނެއްގައި ގޮސް ޝޯތައް ބަލައިލެވޭތީ އެވެ. ބަލަން އިންނަ އެއްޗެއް މެދުކެނޑި، ބްރޭކްތަކަށް ދާން ޖެހުމަކީ ބައެއް ފަހަރު ޝައުގުވެރިކަން ވެސް ގެއްލޭ ކަމެކެވެ.

އެކަމުގެ ނެޓްފްލިކްސްގެ ކަސްޓަމަރުންނަށް މިހާރު އޮތް ބޮލުގެ ރިހުމަކީ އިޝްތިހާރުތައް، ޝޯތަކުގެ ތެރެއަށް ލާން އުޅުމެވެ.

މިކަމާ ބެހޭ ގޮތުން، ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ސާވިސް އިން ބުނީ އިޝްތިހާރުތައް ލުމުގެ މަސައްކަތް މިހާރު ޓެސްޓް ކުރަމުންދާ ކަމަށެވެ. އަދި އިޝްތިހާރުތައް ލާނީ ސީދާ ނެޓްފްލިކްސްގެ އޮރިޖިނަލް ޝޯތަކުގެ ތެރެއަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިކަން ކުރަނީ ކަސްޓަމަރުންނަށް އިޝްތިހާރު ސްކިޕްކޮށްލެވޭ ގޮތަށް ބުނި ނަމަވެސް މިކަމާ ގުޅޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ޓެސްޓް ކުރުމުގެ މަރުހަލާ އަށް ފަހު، ދާއިމީކޮށް، އިޝްތިހާރުތައް ޝޯތަކުގެ ތެރެއަށް ދޫކޮށްލާނެތޯ ނޫންތޯ ވެސް އަދި ކަށަވަރެއް ނުވެ އެވެ.

ނަމަވެސް މި ބަދަލު ގެންނާތީ ގިނަ ބަޔަކު ތިބީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ. މި ބަދަލު ގެންނަން އުޅޭތީ، ބައެއް މީހުން ވަނީ ސޯޝަލް މިޑިއާގައި އެކަމާ ދެކޮޅަށް ޝުއޫރު ވެސް ފާޅުކޮށްފަ އެވެ.

ބައެއް މީހުން ބުނި ގޮތުގައި ނެޓްފްލިކްސްއަކީ އަގު ނަގައިގެން ހޯދާ ހިދުމަތަކަށްވާތީ، ހިދުމަތް ދޭން ވާނީ ކަސްޓަމަރުން ރުހޭ ގޮތަކަށެވެ. އަދި ގިނަ ބަޔަކު އިޝްތިހާރުތަކާ އެކު ޝޯ ބަލަން ބޭނުން ނުވާނެ ކަމަށް ބުނެފައިވެ އެވެ.