19 އޯގަސްޓް 2018 - 07:08

އޭޝިއަން ގޭމްސްގައި މަސައްކަތްކުރާނީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަށް ރަނގަޅަށް ތައްޔާރުވުމަށް ކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފި އެވެ.
ސާއިދު ވަނީ 2015 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ސެމީ ފައިނަލުގައި ދުވެ އަދި އެ ދެ އިވެންޓުން ގައުމީ ރެކޯޑް އާކޮށްފަ އެވެ. އޭރު އޭނާ ޖެމެއިކާގައި ތަމްރީން ހެދި ނަމަވެސް މި އަހަރު ތަމްރީންތައް ކުރިއަށް ގެންދިޔައީ ރާއްޖޭގަ އެވެ.
ސާއިދު ބުނީ މިހާރު އޭނާ އެންމެ ބޮޑަށް ތައްޔާރުވަނީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން އަނެއްކާ ވެސް ރަން މެޑަލް ހޯދައި އަދި ސައުތު އޭޝިއަން ގޭމްސް އިން ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ހޯދަން ކަމަށެވެ.
"އޭޝިއަން ގޭމްސްގެ ބޭނުންކުރާނީ ވެސް އެކަމަށް. އަޅުގަނޑުގެ އަމާޒަކީ އަންނަ އަހަރުގެ ދެ މުބާރާތުން ރަން މެޑަލް ގެނައުން،" އިންޑޮނީޝިއާގައި މިވަގުތު ހުރި ސާއިދު ބުންޏެވެ.
އޭނާ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމަކީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހު ދުށް އެންމެ ބޮޑު އެއް ކާމިޔާބެވެ. އަދި އޭނާ އަކީ ގިނަ ކުޅިވަރުތައް ވާދަކުރާ ގޭމްސްއަކުން ރަން މެޑަލް ހޯދި ފުރަތަމަ ދިވެހި އެތުލީޓް ވެސް މެ އެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ރަން މެޑަލް ހޯދާނެ ކަމަށް ބެލެވުނު ނަމަވެސް 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ލިބުނީ ރިހި މެޑަލެވެ.
ގޭމްސްގައި ސާއިދުގެ 100 މީޓަރު ދުވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަދި 200 މީޓަރު ދުވުން އޮންނާނީ މި މަހު 28 ގަ އެވެ.
ސާއިދުގެ އިތުރުން އޭޝިއަން ގޭމްސްގައި އިތުރު ތިން ދުވުންތެރިން ރާއްޖެ ތަމްސީލްކުރާނެ އެވެ. އެއީ މެރެތަންގައި ވާދަކުރާ މުހައްމަދު ޝިފާޒާއި 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުގައި ވާދަކުރާ އައިޝަތު ހިމްނާ ހަސަން އަދި 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުގައި ވާދަކުރާ އައިމިނަތު ޖައިޝާ ޖުނީޒެވެ. މީގެ ތެރެއިން ޝިފާޒަކީ 26 އަހަރަށް ފަހު ބައިނަލްއަގްވާމީ އިވެންޓެއްގައި ރާއްޖެ ތަމްސީލްކުރާ ފުރަތަމަ މެރެތަން ދުވުންތެރިޔާ އެވެ.