21 އޯގަސްޓް 2018 - 05:57

ތިމާވެއްޓާ ރަހުމަތްތެރި އެކި އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި މިހާރު ވަރަށް ގިނައެވެ. އަންނައުނާއި ލިޔެކިޔުމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ބޫޓާއި ފައިވާނަކީ ވެސް މިހާރު ދެވަނަ ފަހަރަށް ގޮވާންކުރެވިދާނެ ބާވަތަކަށް ބަދަލުވެދާނެ ކަމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ.
މިއީ ބޫޓު އުފައްދާ ނަން މަޝްހޫރު ރީބޮކް މަރުކާގެ "ޒުވާރި" ބޫޓުގެ ވާހަކައެވެ. ޒުވާރީގެ މާއްދާއެއް ބޭނުންކޮށްގެން އުފައްދާފައިވާ މި ބޫޓު ފަރުމާކޮށްފައިވަނީ ރީބޮކްގެ އެހެން ބޫޓުތަކެކޭ މާބޮޑު ތަފާތެއް ނެތިއެވެ. ބަލާ ބެލުމަކުން އާދަޔާ ޚިލާފް ކަމެއް ފާހަގައެއް ނުވާނެއެވެ. އެ ކުންފުނީގެ ފިޔުޗަ ޓީމާ ހަވާލުކުރެވުނު މަސައްކަތަކީ މިހާރު ބޭނުންކުރާ ބާވަތްތަކުގެ ބަދަލުގައި ގަސްގަހާގެހީގެ މާއްދާއެއް ބޭނުންކޮށްގެން ބޫޓެއް އުފެއްދުމެވެ. މިކަމަށްޓަކައި އެ ޓީމުން މަސައްކަތް ފެށީ ބޫޓުގެ އަސްލު އެނގި ހިތްހަމަޖެހިލުމަށް ބާރުލިބޭ ވާހަކަތަކުން މީހުންގެ ހިތްދަމައިގަންނަމުންނެވެ.
ބޫޓަށް ބޭނުންވާ މާއްދާތައް ހޯދުމަށް ރީބޮކް ފިޔުޗަ ޓީމުން ގުޅުނީ ޑުޕޮންޓް ޓޭޓް އެންޑް ލައިލް ބަޔޯ ޕްރޮޑަކްޓްސް ކުންފުންޏާއެވެ. އެ ކުންފުންޏާ ހަވާލުކުރި މަސައްކަތަކީ ބޫޓު އުފައްދަން ބޭނުންވާ ޒާތުގެ މާއްދާ، ޒުވާރި ދަނޑުން ހޯދައި އެއްކުރުމެވެ. ރީބޮކް ފިޔުޗަ އިން ދެކޭ ގޮތުގައި އެވެރިން ފެށި މި މަސައްކަތަކީ ރީބޮކްގައި ބޫޓު "ގޮވާން"ކުރުމުގެ މަސައްކަތެވެ. ބޫޓު އުފެއްދުމަށް ބޭނުންވާ މާއްދާތައް މުޑުވައްކުރުމާއި ފިހާރައިން ބޫޓު ގަންނަ މީހުން ބޭނުންވާ ސިފަތަކަށް ބޫޓު އުފެއްދުމާއި، ބޫޓު ބާވުމުން ދެން އެއާ މެދު މީހުން ކަންތައް ކުރާ ގޮތާ ހަމައަށް ރީބޮކް ސަމާލުވެ ތިބޭ ކަމަށް އެޓީމުން ބުންޏެވެ. ބޭކާރުވެގެން ކުނީގެ ގޮތުގައި ބޫޓު އެއްލާލުމުގެ ބަދަލުގައި ފަސޭހައިން ނައްތާލެވޭނެ އެއްޗަކަށް އެ ބޫޓު ހެދުމާއި ނައްތާލުމުގެ މަރުހަލާއަށްފަހު އާ ބޫޓެއް އުފެއްދުމަށް ބޭނުންވާނެ މުޑުވައް، ނެތިދިޔަ ބޫޓުން ހޯދުމަކީވެސް ރީބޮކްގެ މަގްސަދެކެވެ.
ޒުވާރި ބޫޓުގެ ފުލުގައިވާ ބައި، ހަދާފައިވަނީ ކާސްޓަ ބީން ތެޔޮ ބޭނުންކޮށްގެންނެވެ. ބޫޓުގެ މައިގަނޑުގައިވަނީ ޒުވާރީގެ މާއްދާއަކުން ރީތިކޮށް ގަތާފައިވާ ގެތުމެކެވެ. އިތުރު ކުލައެއް ބޫޓުގައި ޖައްސާފައެއް ނުހުރެއެވެ. ރީބޮކްއިން ސިފަކުރަނީ މިއީ މުޑުވައްކުރާ ބޫޓެއްގެ ގޮތުގައެވެ. މީގެ ބޫޓު މިވަގުތު އޮންލައިންކޮށް ވިއްކަން ހުރީ 95 އެމެރިކާ ޑޮލަރަށެވެ.