18 އޯގަސްޓް 2018 - 23:14

އިދިކޮޅު ފަރާތްތަކުން މޭޑޭ ފާހަގަކުރަން 2015 ވަނަ އަހަރު ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ހައްޔަރުކުރި މީހަކު ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދަނީ ގ. ފްރެޝް ލައިޓް، އިބްރާހިމް ރަޝީދު 26، އަށެވެ.
އޭނާގެ އައިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ ރަޝީދަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތީ އެހެން މީހުންނާ ވަކިން އައިސޮލޭޝަން ކޮޓަރިއެއްގައި ކަމަށެވެ.
"އޭނާގެ ގައިގެ އެކި ތަންތަނުގައި ފޮޅުނަގާފައި ހުރީ. އެހެން ނަމަވެސް ޑޮކްޓަރަކާ ބައްދަލު ނުކުރެވޭތީ ވީ ކިހިނެއް ކަމެއް ސާފެއް ނުވޭ. ކަރެކްޝަންސް އިން ނުބުނޭ ކީއްވެގެން އެޑްމިޓްކޮށްފައި އޮތީ. ބެލެނިވެރިއަކަށް ވެސް ކައިރީގައި ނުހުރެވޭ،" އޭނާ ބުންޏެވެ.
އެ މީހާ ބުނީ އައިލާގެ މީހަކަށް ކައިރީގައި ހުރެވޭނީ ސަރުކާރުން ހުޅުވުމުން މެޑިކަލް ބޯޑުން ގޮތެއް ނިންމުމަށްފަހު ކަމަށް ކަރެކްޝަންސް އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގިފައި އޮތީ އޭނާގެ ލޭގެ ޖަރާސީމެއް އުފެދުނީ ކަމަށް. އެކަމަށް ދާއިމީ ބޭސް ވެސް ދޭން ޖެހޭ. އެކަމަކު އެ ބޭހެއް ވެސް ނުދޭ ކަމަށް އެނގިފައި ވަނީ،" އޭނާ ބުންޏެވެ.
ރަޝީދު ހައްޔަރުކޮށް ދައުވާ އުފުލީ މޭޑޭގެ މުޒާހަރާގެ ތެރޭގައި އޭނާގެ އަތުގައި އޮތް ފޯނަކުން މަގުމައްޗަށް ވެއްޓުނު ފުލުސް މީހެއްގެ ގައިގައި ޖެހިކަމަށް ބުނެ އެވެ.
މޭޑޭގެ މައްސަލާގައި ޖަލަށްލާފައިވާ ރަޝީދަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، މޭޑޭގެ މައްސަލައިގައި ހައްޔަރުކުރި އަބްދުﷲ ރަޝީދަށް ފަރުވާ ދިނުން ލަސްވެގެން މަރުވެފައިވެ އެވެ.