ސަލްމާން ހާނާ ގާތް ގުޅުމެއް އޮންނަ އޫލިއާ ވަންތޫރް ވެސް ބޮލީވުޑް ފިލްމެއް ކުޅެނީ
ސަލްމާން ހާނާ ގާތް ގުޅުމެއް އޮންނަ އޫލިއާ ވަންތޫރް ވެސް ބޮލީވުޑް ފިލްމެއް ކުޅެނީ

ސަލްމާން ހާނާއި އޭނާގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ރޮމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރް ވެސް ބޮލީވުޑްގެ ފިލްމެއް ކުޅެން ތައްޔާރުވާން ފަށައިފި އެވެ.

އަޑުތައް އަރާފައިވާ ގޮތުން އޭނާ ލީޑިން ބަތަލާއެއްގެ ގޮތުގައި ކުޅޭ ފުރަތަމަ ފިލްމަކީ 2013 ގައި ޕްރިތީ ޒިންތާ ކުޅުނު ފިލްމް "އިޝްގް އިން ޕެރިސް" ގެނެސް ދިން ޕްރޭމް ސޯނީ ޑައިރެކްޓް ކުރާ ފިލްމެކެވެ. ސަލްމާން ޕްރޮޑިއުސް ކުރާ މި ފިލްމްގައި އޫލިއާއާ އެކު ބަތަލުގެ ރޯލް ކުޅޭނީ ރަންދީޕް ހޫޑާ ކަމަށް ނޫސްތަކުން ބުންޏެވެ.

ޕިންކް ވިލާ އިން ބުނި ގޮތުގައި ގޯއާގައި ޝޫޓް ކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. އަދި ފިލްމްގެ ނަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބުންޏެވެ.

ޕްރޭމް ދާދި ފަހުން ވަނީ "ގަނިތު" ކިޔާ ފިލްމެއް ހަދާކަން އިއުލާންކޮށް، އޭގެ ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލައިފަ އެވެ. މި ފިލްމަކީ އަންނަ އަހަރުގެ ޖޫން އަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.

ބޮލީވުޑް ފިލްމެއްގެ ބަތަލާގެ ރޯލުން އޫލިއާ ފެންނަން ތައްޔާރުވަމުންދާ އިރު، އޭނާ މީގެ ކުރިން ވަނީ ސަލްމާންގެ އާއިލާ އިން ޕްރޮޑިއުސް ކުރި 2014 ގެ "އޮ ތޭރީ" ގެ އައިޓަމް ލަވައެއް ވެސް ކުޅެފަ އެވެ.

މީގެ އިތުރުން ޖޫން މަހު ރިލީޒް ކުރި ސަލްމާންގެ "ރޭސް 3" ގެ "ސެލްފިޝް" ލަވައިގެ އަންހެން އަޑުގެ ވެރިޔަކީ ވެސް އޫލިއާ އެވެ.

ހަމަމިއާ އެކު ދާދި ފަހުން އޫލިއާ ވަނީ "އިންޑިއަން އައިޑޮލް" ސީޒަން 10 މިހާރު ހޯސްޓް ކުރަމުން އަންނަ މަނީޝް ޕޯލްއާ އެކު ވީޑިއޯ ލަވައެއް ވެސް ކުޅެފަ އެވެ.

އޫލިއާ ސަލްމާނާއި އޭނާގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ އިރު، މީޑިއާތަކުން ތުހުމަތު ކުރާ ގޮތުގައި ސަލްމާނާއި އޭނާއާ ދޭތެރޭ "ގޮތް ނޭނގޭ ހާއްސަ ގުޅުމެއް" އޮވެ އެވެ.