ސާރާ އަލީ ހާންގެ އަލަތު ފިލްމަކީ ކޮބައިކަން އަނެއްކާ ވެސް އޮޅުންބޮޅުންވެއްޖެ
ސާރާ އަލީ ހާންގެ އަލަތު ފިލްމަކީ ކޮބައިކަން އަނެއްކާ ވެސް އޮޅުންބޮޅުންވެއްޖެ

ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފުކުރަން އިއުލާން ކުރި ފިލްމު "ކެދަރްނާތު" އަކީ އަރަތެކެވެ. އަބީޝެކް ކަޕޫރް ޑައިރެކްޓް ކުރާ މި ފިލްމް މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާން ކުރީ މި އަހަރުގެ ސެޕްޓެމްބަރު 21 ގައި ރިލީޒްކުރާ ގޮތަށެވެ.

އެކަމަކު ފިލްމްގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރާ ދެމެދު ޖެހުނު މައްސަލަތަކާ ގުޅިގެން ދުވަސްތަކެއް ވަންދެން ފިލްމްގެ ޝޫޓިން ވެސް ހުއްޓުމަކަށް އަ އެވެ. އެ މައްސަލަގަނޑުގެ ތެރެއިން ސާރާ ފަހުން ވަނީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ "ސިމްބާ" އަށް ސޮއިކޮށްފަ އެވެ.

އެހެންވެ ޑިސެމްބަރު 28 ގައި އެ ފިލްމް ރިލީޒް ކުރަން ތާވަލު ކުރި އިރު، "ކެދަރްނާތު" އޮތީ ވާނުވާގަ އެވެ. މި ސަބަބާ ބެލެވުނީ ސާރާގެ އަލަތު ފިލްމަކަށް ވާނީ "ސިމްބާ" ކަމަށެވެ. އެކަމަކު ފަހުން "ކެދަރްނާތު" އާ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ހަވާލުވެ، އަލުން މަސައްކަތް ފަށައި، ފިލްމް ރިލީޒް ކުރާނެ ތާރީހަކަށް އަންނަ ނޮވެމްބަރު މަހުގެ 30 ހަމަޖެއްސި އެވެ.

މިއާ އެކު އަނެއްކާ ވެސް ގަބޫލު ކުރެވުނީ ސާރާ ބޮޑު ސްކްރީނަށް ފުންމައިލާނެ ފިލްމަކީ އެ ފިލްމް ކަމަށެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް އެހެން ނުވާނެ ކަމުގެ އިޝާރާތްތަކެއް ވަނީ ލިބެން ފަށައިފަ އެވެ.

ބޮލީވުޑް ހަންގާމާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި "ކެދަރްނާތު" މި އަހަރު ރިލީޒް ކުރާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އެ ފިލްމް ރިލީޒް ކުރަން އޮތް ތާރީހުގެ އެއް ދުވަސް ކުރިން ވަރުގަދަ ދެ ސްޕަސްޓާރުން ކަމަށްވާ ރަޖްނީކާތު އާއި އަކްޝޭ ކުމާރްގެ އަގު ބޮޑު ސައިންސް ފިކްޝަން ފިލްމް "2.0" ރިލީޒް ކުރަން ނިންމާފައި އޮތުމެވެ.

އެހެންވެ އެ ފިލްމާ ބޮކްސް އޮފީހުގައި ވާދަކޮށްގެން ފޫނުބެއްދޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެތީ "ކެދަރްނާތުގެ" ގެ ޓީމުން މިހާރު ނިންމާފައި ވަނީ އަންނަ އަހަރަށް ފަސްކޮށްލުން ކަމަށްވެ އެވެ. ނަމަވެސް މިކަން އަދި އަބީޝެކާއި ރޯނީ ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

ނޮވެމްބަރު 29 އަށް ކުރިން ތާވަލު ކުރި ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމް "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ވެސް ވަނީ "2.0" އާ ކުރިމަތިލުމަކަށް ނުދާންވެގެން އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެ ފިލްމް މިހާރު ތާވަލުކޮށްފައި ވަނީ ޖެނުއަރީ، 25، 2019 އަށެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ސިމްބާ" އަންނަ އަހަރަށް ފަސްކުރުން ނޫން އިތުރު ގޮތެއް މިހާރަކު ނެތެވެ.

ސަބަބަކީ އަހަރުގެ ފަހު ދެ މަހުގެ ތެރޭގައި ވަރުގަދަ އަދި އުންމީދީ ފިލްމްތަކެއް ރިލީޒްވާން ހުރުމެވެ.

އޭގެ ތެރޭގައި ނޮވެމްބަރު 7 ގައި ރިލީޒް ކުރާ އާމިރް ހާނާއި އަމީތާބް ބައްޗަންގެ "ތަގްސް އޮފް ހިންދުންތާން" އާއި ޑިސެމްބަރު 7 ގައި ރިލީޒް ކުރާ އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓް އަދި އަޖޭ ދޭވްގަންގެ "ޓޯޓަމް ދަމާލް" އާއި ޑިސެމްބަރު 21 ގައި ރިލީޒް ކުރާ ޝާހްރުކް ހާންގެ "ޒީރޯ" ގެ އިތުރުން ސާރާ، ރަންވީރް އާއި ސިންގްގެ "ސިމްބާ ޑިސެމްބަރު 28 އަށް ތާވަލުކޮށްފައި އޮތުމެވެ.

އެހެންވެ އަބީޝެކް އަށް އޮތް ފިކުރަކީ ސާރާ ބޮލީވުޑަށް ތައާރަފުކޮށް ދިނުމުގެ ނަސީބު ވެސް އޭނާ އަށް ބީވެގެން ދިއުމެވެ. ބަދަލުގައި އެ ފުރުސަތު މިހާރު ބޮޑީ ރޯހިތު ޝެޓީއަށެވެ.

އެކަމަކު މި އޮޅުން ބޮޅުންގަނޑުގެ ތެރެއިން އަބީޝެކް ނިންމާ ނިންމުމެއް ބަލަން ވަރަށް ގިނަ ބަޔަކު މިހާރު ތިބީ ބޭނުންވެފަ އެވެ. ބޮޑު ސުވާލަކީ ސައިފާއި ކުރީގެ ބަތަލާ އަމްރިތާގެ ސިންގްގެ ދޮށީ އަންހެން ދަރިފުޅުގެ ފުރަތަމަ ފިލްމަކީ އަބީޝެކްގެ "ކެދަރްނާތު" އަށް ހަމަ ހަގީގަތުގައި ވެސް ވެދާނެތޯ އެވެ؟