އައިއެސް އަށް އެހީވި ކަމުގެ ކުށުގައި އެމެރިކާ ފުލުހަކަށް ދައުވާ ކުރަނީ
އައިއެސް އަށް އެހީވި ކަމުގެ ކުށުގައި އެމެރިކާ ފުލުހަކަށް ދައުވާ ކުރަނީ

ވޮޝިންޓަން (އޮގަސްޓް 4) - ވޮޝިންޓަނުގެ ޓްރާންސްޕޯޓް ނިޒާމުގައި މަސައްކަތް ކުރި އެމެރިކާ ފުލުހުންގެ އޮފިސަރަކު އިސްލާމިކް ސްޓޭޓް (އައިއެސް) އަށް އެހީވެދީފައިވާތީ އޭނާ ހައްޔަރުކޮށް ދައުވާ ކޮށްފި އެވެ.

މިއީ އައިއެސް އަށް އެހީވެގެން އެމެރިކާ ފުލުހަކު ހައްޔަރުކޮށް ދައުވާ ކުރާ ފުރަތަމަ ފަހަރެވެ.

އުމުރުން 36 އަހަރުގެ ނިކޮލަސް ޔަންގަކީ 2003 ވަނަ އަހަރުން ފެށިގެން ވޮޝިންޓަންގެ މެޓްރޯ ޓްރާންސިޓް ޕޮލިސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި މީހެއް ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުންޏެވެ. އޭނާ ވަނީ ޓެރަރިސްޓް ޖަމާއަތްތަކަށް އޭނާގެ ހުރި ޝައުގާ ބެހޭ ގޮތުން އެފްބީއައި އާއި ފުލުހުންގެ ސިއްރު އެޖެންޓުންނާއި އެތައް އަހަރެއް ވަންދެން ވާހަކަ ދައްކައިފަ އެވެ.

"މެޓްރޯ ޓްރާންސިޓް ފުލުހުން ވަނީ އެފްބީއައި އަށް އޭނާއާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައި. އަދި އޭނާ ހައްޔަރު ކުރުމާ ހަމައަށް އެފްބީއައިއާ ގުޅިގެން ވަނީ މަސައްކަތް ކޮށްފައި،" ވޮޝިންޓަން މެޓްރޯޕޮލިޓަން އޭރިއާ ޓްރާންސިޓް އޮތޯރިޓީގެ ޖެނެރަލް މެނޭޖަރު އަދި ސީއީއޯ ޕޯލް ވިއެޑެފެލްޑް ވިދާޅުވި އެވެ.

އެފްބީއައިގެ ސިއްރު އެޖެންޓުންނާއި ޔަންގު ވަނީ 2014 ވަނަ އަހަރު 20 ފަހަރު ބައްދަލުވެފަ އެވެ. އެފްބީއައިގެ އެޖެންޓް މަސައްކަތް ކުރީ އޭނާ އަކީ އައިއެސްއާ ގުޅެން ބޭނުންވާ މީހަކަށް ހެދިގެންނެވެ. އަދި ޔަންގު ވަނީ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުގެ އަތު ނުޖެހި އައިއެސްއާ ގުޅެން ދަތުރުކުރެވޭނެ ގޮތްތައް ކިޔައިދީފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އައިއެސް އަށް ފައިސާ ފޮނުވާނެ ގޮތަކާ ބެހޭ ގޮތުން އެފްބީއައިގެ ސިއްރު އެޖެންޓުންނަށް ޖޫން 2015 ގައި އީމެއިލްކޮށްފަ އެވެ. އަދި އައިއެސް އަށް މީހުން ވައްދަން އެ ޖަމާއަތުން ގެންގުޅޭ މޯބައިލް މެސޭޖިން އެކައުންޓްތައް ޗާޖު ކުރުމަށް އޭނާ ވަނީ 245 ޑޮލަރުގެ ގިފްޓް ގާޑު އެފްބީއައިގެ އެޖެންޓުންނަށް މިދިޔަ މަހު ފޮނުވައިފަ އެވެ.

ޔަންގު ހައްޔަރު ކުރުމާ އެކު އޭނާ ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އެފްބީއައި އިން ވަނީ 2010 ވަނަ އަހަރުން ފެށިގެން ޔަންގަށް ފާރަލާން ފަށައިފަ އެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ޔަންގު ވަނީ 2011 ވަނަ އަހަރު ލީބިއާ އަށް ދަތުރުކޮށްފައި ކަމަށާއި އަދި ދެ ވަނަ ފަހަރަށް ވެސް އެ ގައުމަށް ދަތުރު ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ކުށްވެރިވެއްޖެ ނަމަ ޔަންގު 20 އަހަރަށް ޖަލަށްލާނެ އެވެ.

ޔަންގު ހައްޔަރު ކުރުމަށް އެފްބީއައި އިން ކުރި މަސައްކަތަށް ހޯމްލޭންޑް ސެކިއުރިޓީ ކޮމިޓީން ވަނީ ތައުރީފްކޮށްފަ އެވެ.