ބީއެމްއެލް އަށް "މޯސްޓް އިނޮވޭޓިވް ބޭންކިން ޓީމް" އެވޯޑު
ބީއެމްއެލް އަށް "މޯސްޓް އިނޮވޭޓިވް ބޭންކިން ޓީމް" އެވޯޑު

ލަންޑަންގެ ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލުން ދޭ އަހަރީ އެވޯޑުތަކުގެ ތެރެ އިން "މޯސްޓް އިނޮވޭޓިވް ބޭންކިން ޓީމް އިންޑިއަން އޯޝަން" އެވޯޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެ އެވެ.

ބީއެމްއެލް އަށް މި އެވޯޑު ދީފައި ވަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ބޭންކިން ހިދުމަތް އެންމެ ފުރިހަމަ އަށް ފޯރު ކޮށްދިނުމަށް ކުރާ މަސައްކަތްތަކާއި، އެ ބޭންކުން ކުރި އަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

އެވޯޑަށް އިންސާފުކުރި ފަނޑިޔާރުންގެ ޕެނަލުން ބުނީ ބީއެމްއެލް އިން ރާއްޖޭގައި މޯބައިލް ބޭންކިން އެޕްލިކޭޝަނާއި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ތައާރަފް ކުރުމުން މުޅި ރާއްޖެ އަށް ލުއި ފަސޭހަ ކަމާ އެކީ ބޭންކިންގެ ހިދުމަތް ލިބިފައިވާ ކަމަށެވެ.

އަދި ބޭންކުން ތައާރަފްކޮށް، ކުރި އަށް ގެންދާ ދޯނި ބޭންކިންނާއި އެ ބޭންކުން އެންމެ ފަހުން ތައާރަފް ކުރި ކޭޝް އެޖެންޓު ހިދުމަތަށް އެ ފަނޑިޔާރުން ތައުރީފް ކުރި ކަމަށް ބޭންކުން ބުނެ އެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އާބާދީތަކަށް ހިދުމަތް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން މި އެވޯޑާ ހަވާލުވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އިތުރު ފަސް ބްރާންޗާއި އަށް ސެލްފް ސާވިސް ބޭންކިން ސެންޓަރު ހުޅުވުން،" އެވޯޑާ ހަވާލުވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވި އެވެ.

މީގެ އިތުރުން މި އަހަރު ނިމުމުގެ ކުރިން އާ އުފެއްދުންތަކެއް ވެސް ތައާރަފް ކުރާނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އަކީ ވިޔަފާރި، އިގްތިސާދު އަދި މާލީ ހަބަރުތައް ގެނެސްދޭ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ ޕްރިންޓް އަދި އޮންލައިން ނޫހެކެވެ. އެ ނޫހުގެ އަހަރީ އެވޯޑު ހަފްލާގައި ބީއެމްއެލްގެ އިތުރުން ދުނިޔޭގެ މަޝްހޫރު ބޭންކުތައް ކަމަށްވާ ޔޫބީއެސް، ބީއެންވައި މެލަން އަދި ކޮމާޒް ބޭންކަށް އެވޯޑު ލިބިފައިވެ އެވެ.