18 އޯގަސްޓް 2018 - 17:30

ޔޫރަޕް މާކެޓުން ލިބުނު ބޮޑު ކުރިއެރުމާއެކު، މިދިޔަ މަހު ޓޫރިޒަމަށް 8 ޕަސެންޓްގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޔޫރަޕް މާކެޓުން 12.8 ޕަސެންޓް ކުރިއެރުމެއް ލިބުނުއިރު ޗައިނާ ހިމެނޭ އޭޝިއާ އަދި ޕެސިފިކް މާކެޓުން ވެސް 6.5 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވެ އެވެ. އެކަމަކު ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 3.1 ޕަސެންޓް ދަށްވެފަ އެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 122،332 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ޖުލައި މަސް ނިމުނުއިރު ޖުމްލަ 848،847 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.1 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިޔަ މަހު ވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން އެކަނި 33،277 ޓޫރިސްޓުން އައިސްފައިވެ އެވެ. ޔޫރަޕް މާކެޓުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 8،421 ޓޫރިސްޓުން މިދިޔަ މަހު އައިސްފައިވެ އެވެ. މިއީ 9.3 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭގެ އޮކިއުޕަންސީ ވަނީ 54 ޕަސެންޓަށް އަރައިފަ އެވެ. އަދި އެވްރެޖްކޮށް ރާއްޖޭގައި 6.3 ދުވަސް ހޭދަކޮށްފައިވެ އެވެ.