19 އޯގަސްޓް 2018 - 11:27

ދޯހާ (އޮގަސްޓް 19) - ގަތަރުގެ ހައްޖުވެރިންނަށް މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ސައުދީ އަރަބިއާ އިން ހުރަސް އަޅަމުންދާ ކަމަށް ދޯހާ އިން ބުނެފި އެވެ.

ނަމަވެސް ސައުދީން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޑިޕްލޮމެޓިކް މައްސަލައާ ހައްޖާ ގުޅުމެއް ނެތް ކަމަށް ވެސް ރިޔާޒުން ބުނެފައިވެ އެވެ.
ސައުދީ ހައްޖު ކޯޓާ ސިސްޓަމުގެ ދަށުން ގަތަރުގެ 1،200 މީހުންނަށް މި އަހަރު ހައްޖަށް ދެވޭނެ އެވެ. ނަމަވެސް ގަތަރުން ބުނީ ސައުދީން ސިޔާސީ ގުޅުން ކަނޑާލާފައިވުމުން ގަތަރުގެ ހައްޖުވެރިން މައްކާ އަށް ދަތުރު ކުރުން ވަރަށް ދަތި ކަމަށެވެ.
ސައުދީގެ ހައްޖު މިނިސްޓްރީން ޖޫން މަހު ވަނީ ގަތަރުގެ ހައްޖުވެރިން ރަޖިސްޓްރީ ކުރަން ވެބްސައިޓެއް ހަމަޖައްސާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ގަތަރުގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޓީގެ އަބްދުﷲ އަލް ކާބީ ވިދާޅުވީ ގަތަރުގެ ހައްޖުވެރިންނަށް ވިސާ ހޯދަން ޓްރޭވަލް އެޖެންސީތަކުން ބޭނުން ކުރާ އިލެކްޓްރޯނިކް ސިސްޓަމް ސައުދީން ބަންދުކޮށްފައިވާ ކަމަށެވެ.
"ގަތަރުގެ ރައްޔިތުން މި އަހަރު ހައްޖަށް ދެވޭނެ ގޮތެއް ނެތް. ގަތަރު މީހުން ރަޖިސްޓްރީ ކުރުން ވަނީ ބަންދުކޮށްފައި. ޑިޕްލޮމެޓިކް މިޝަނެއް ނެތުމުން ގަތަރު މީހުންނަށް ވިސާ ލިބޭނެ ގޮތެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.
ސައުދީން ބުނީ ހައްޖުވެރިންނަށް ޚާއްސަކޮށްފައިވާ ވަރަށް ގިނަ ރެޖިސްޓްރޭޝަން ލިންކްތައް ގަތަރުން ބްލޮކް ކޮށްފައިވާ ކަމަށެވެ.
ސައުދީ ހައްޖު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ގަތަރުގެ ބައެއް މީހުން ހައްޖުވާން މައްކާ އަށް ދަތުރުކޮށްފައިވަ ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. މިދިޔަ އަހަރު ވެސް ގަތަރުގެ 1،624 މީހަކު ހައްޖަށް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުުދީ އަރަބިއާ އިން ބުނީ ހައްޖުގެ މައްސަލަ ގަތަރުން ސިޔާސީ ކުރަމުންދާ ކަމަށެވެ. ސައުދީން ބުނީ ގަތަރު އެއާވޭސް ނޫން ކޮންމެ އެއާލައިނަކުން ވެސް ގަތަރު މީހުން ސައުދީ އަށް ދަތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް ގަތަރުގެ ބައެއް ޓްރޭވަލް އެޖެންސީތަކުން ބުނެފައި ވަނީ ހައްޖު ޕެކޭޖުތަކުގެ އަގު 120،000 ރިޔާލް (33،000 ޑޮލަރު) އަށް ވުރެ ބޮޑުވުމުން، ޕެކޭޖް ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ.
ސައުދީން މިދިޔަ އަހަރު ވަނީ ގަތަރުގެ ހައްޖުވެރިންނަށް އެއްގަމު މަގުން ބޯޑަރު ހުޅުވާލައިފަ އެވެ. އެކަމަކު މި އަހަރު އެކަން ކޮށްފައެއް ނުވެ އެވެ.