18 އޯގަސްޓް 2018 - 16:02

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ޔޫތު ސިޓީ އޯޕަން ޑޭ" ނަމުގައި ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފި އެވެ.
އެޗްޑީސީން ބުނީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ހަރަކާތުގެ މަގްސަދަކީ ހުޅުމާލޭގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނަށް ދިނުމާއި ހުޅުމާލޭން ލިބޭ ހިދުމަތްތަކަށް އަހުލުވެރިކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.
ރާއްޖޭގައި މިހާރު ހިނގަމުން އަންނަ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއުތައް ހިނގަނީ ހުޅުމާލޭގައި ކަމަށްވާއިރު، މިއަދު ފެހިވެނި ކޮމިއުނިޓީ ސެންޓަރުގައި ވަނީ ޒުވާނުންނަށް މައުލޫމާތު ދިނުމަށް ހާއްސަ ސެޝަނެއް ބާއްވައިފަ އެވެ. މި ސެޝަންގައި ޒުވާނުންގެ ގިނަ ބަޔަކު ބައިވެރިވި އެވެ.
މީގެއިތުރުން، ހުޅުމާލެ ފުރަތަމަ ފިޔަވެއްސާއި ދެވަނަ ފިޔަވަހީގައި ހިނގަމުން އަންނަ މަޝްރޫއުތައް ބަލާލުމުގެ ފުރުސަތު ހުޅުވާލުމަށް އެޗްޑީސީން ވަނީ ނިންމައިފަ އެވެ. ހުޅުމާލެ ބަލާލުމުގެ ޓުއާ އަށް ބޭނުންވާ މީހުން ނަން ނޯޓު ކުރުމުގެ ފުރުސަތު އެޗްޑީސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި ހުޅުމާލޭގައި އިތުރު ހަރަކާތްތަކެއް ބޭއްވުމަށް ވެސް ވަނީ އެޗްޑީސީން ވަނީ ނިންމައިފަ އެވެ.