18 އޯގަސްޓް 2018 - 16:16

ޓްރިވެންޑްރަމް (އޮގަސްޓް 18) - އިންޑިއާގެ ކެރަލާ ސްޓޭޓަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ހާލުގައި ޖެހުނު މާބަނޑު އަންހެނަކު ސަލާމަތް ކުރެވުނީ ކިރިޔާ އެވެ.

އުމުރުން 25 އަހަރުގެ ސަޖީތާ ޖަބީލް ވިންޗުގެ އެހީގައި ހެލިކޮޕްޓަރަށް ނެގީ ކޮމާންޑަރު ވިޖޭ ވަރްމާ އެވެ. ކޮޗިންގެ އަލުވާ ޑިސްޓްރިކްޓުގައި މީހުން ސަލާމަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ވަރްމާ އަށް ދަނީ ގިނަ ބަޔަކު ތައުރީފް ކުރަމުންނެވެ.
"އަންހެން މީހާ އިނީ ވިހަން ތައްޔާރުވެފައި. އޭނާގެ ފެންދުލި ވެސް ވަނީ ފަޅައިގެން ގޮސްފައި،" ޗނަލް 18 ޓެލެވިޒަން އަށް ވަރްމާ ބުންޏެވެ.
އޭނާ ބުނީ އިމަޖެންސީ ފޯން ކޯލެއް ލިބުމާ އެކު އަންހެން މީހާ ސަލާމަތް ކުރަން އޭނާގެ ޓީމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
"އަންހެން މީހާ ސަލާމަތް ކުރަން ދިޔައީ ޑޮކްޓަރަކާ އެކު. އަންހެން މީހާ އަށް އެހީވުމަށް ދެ މީހަކު ހެލިކޮޕްޓަރުން ތިރިއަށް ބާލަން ވެސް ޖެހުނު،" ވަރްމާ ބުންޏެވެ.
ސަޖީތާ ހެލިކޮޕްޓަރަށް ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރެއް ނުވަނީސް ވަނީ ވިހައިފަ އެވެ.
ކޮޗިންގެ ފުރާޅެއްގެ މަތީގައި ތާށިވެފައި ތިބި 60 މީހުން އިއްޔެ ވަނީ އެހެން ޕައިލެޓަކު ސަލާމަތްކޮށްފަ އެވެ.
ކެރަލާ އަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ވަނީ 324 މީހުން މަރުވެފަ އެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިއްޔެ ވަނީ ކެރަލާ އަށް ވަޑައިގެން، ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައިފަ އެވެ. މިއީ ވޭތުވެދިޔަ 100 ވަރަކަށް އަހަރު ތެރޭ ކެރަލާ ސްޓޭޓަށް ކުރާ އެންމެ ވަރުގަދަ ވިއްސާރަ އެވެ.