18 އޯގަސްޓް 2018 - 15:39

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ބަރު ގުރުއަތުން މިއަދު އެވަނީ ނަގައިފަ އެވެ. ރައީސް އަބްދުﷲ ޔާމީނަކީ ކެންޑިޑޭޓް ނަންބަރު "1" އެވެ. ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބިވަޑައިގަތީ ނަންބަރު "2" އެވެ. އެ ނަންބަރުތަކާއި މިދިއަ ރިޔާސީ އިންތިހާބުތަކުގެ ކެންޑިޑޭޓް ނަންބަރުތަކުގެ ނަތީޖާއާ މެދު ބައެއް މީހުން އަންނަނީ މިހާރު ބަހުސްކުރަމުންނެވެ.
ވަކި ނަންބަރެއް ލިބުމަކީ ކާމިޔާބީއެއް ނުވަތަ ނާކާމިޔާބީއެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. ނަމަވެސް ކުރިން އޮތް ރިޔާސީ ދެ އިންތިހާބުގައި ކެންޑިޑޭޓުންގެ ނަންބަރުތައް ބެހުނު ގޮތާއި ލިބުނު ނަތީޖާއަށް ބަލާއިރު ފާހަގަކުރެވޭ ބައެއް ކަންކަން އެބަ ހުއްޓެވެ.
ފުރަތަމަ ވެސް ދާން ޖެހޭނީ ކެންޑިޑޭޓް ނަންބަރު އެކަކަށެވެ. އެކެއްގެ ދަށުން ވާދަކުރެއްވި އެއްވެސް ބޭފުޅަކަށް މިހާތަނަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއެއް ނެތެވެ. މިދިއަ ދެ އިންތިހާބުގެ ފުރަތަމަ ބުރުގައި އެކެއް ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ. އެކަމަކު 2008 ގައި އޭނާ ހަތަރު ވަނަ އަށް ދިޔަ އިރު 2013 ގައި ލިބިވަޑައިގަތީ، ފުރަތަމަ ބުރު އޮތް ދެ ފަހަރު ވެސް، ތިން ވަނަ އެވެ.
ދެ ވަނަ ބުރުގައި ކެންޑިޑޭޓް ނަންބަރު "2" ލިބިވަޑައިގެން، 2008 ގެ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކާމިޔާބުކުރެއްވި އެވެ. އެ އަހަރުގެ ދެ ވަނަ ބުރުގައި ކެންޑިޑޭޓް ނަންބަރު އެކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
ކުރީގެ ރައީސް ނަޝީދު 2008 އަދި 2013 ގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ވާދަކުރެއްވީ ކެންޑިޑޭޓް ނަންބަރު "4" ގަ އެވެ. އެ ދެ ފަހަރު ވެސް ދެ ވަނަ ބުރަށް ވަޑައިގަތެވެ.
1- މައުމޫން އަބްދުލްގައްޔޫމް، 82،121
2- މުހައްމަދު ނަޝީދު 97،222
ރައީސް އަބްދުﷲ ޔާމީން 2013 ގެ އިންތިހާބުގައި މުޅިން ވެސް ވާދަކުރެއްވީ ކެންޑިޑޭޓް ނަންބަރު "3" ގަ އެވެ. އެފަހަރުގެ ފުރަތަމަ ބުރުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލު ކުރުމަށްފަހު ދެ ވަނަ ފަހަރަށް ފުރަތަމަ ބުރު ބާއްވަން ޖެހުނީ، ރިޔާސީ ދައުރު ހަމަވާން ފަސް ދުވަހަށް ވެފައި ވަނިކޮށް ނޮވެމްބަރު 6 ގަ އެވެ. ދެ ވަނަ ބުރަކަށް ދިޔައީ އޭގެ 10 ދުވަސް ފަހުން ނޮވެމްބަރު 16 ގަ އެވެ. އެފަހަރު ކަންކަން އަވަސް އަރުވާލަން ޖެހުމުން، ދެ ވަނަ ބުރުގައި ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުނުކޮށް، އެ ބުރު ބޭއްވީ ފުރަތަމަ ބުރުގައި ދެ ކެންޑިޑޭޓުންނަށް ލިބިވަޑައިގެންނެވި ނަންބަރުގަ އެވެ. އެހެންކަމުން 6،000 ވޯޓުގެ ތަފާތަކުން ނަޝީދު ބަލިކުރައްވައި، ރައީސް ޔާމީން ކާމިޔާބު ހޯއްދެވީ ކެންޑިޑޭޓް ނަންބަރު "3"ގައި ވާދަކުރައްވައިގެންނެވެ.
3- އަބްދުﷲ ޔާމީން، 111،203
4- މުހައްމަދު ނަޝީދު 105،181
ދެ އިންތިހާބުގެ ތާރީޚަށް ބަލާއިރު އެނގެން އޮތް ހަގީގަތަކީ ކެންޑިޑޭޓް ނަންބަރު "1" އަށް މިހާތަނަށް އިންތިހާބު ކާމިޔާބުކުރެއްވިފައި ނެތް ކަމެވެ. ދެ އިންތިހާބުގެ ނަތީޖާ ބުރަވެފައި އޮތީ ނަންބަރު "2" އާއި ނަންބަރު "3" އަށެވެ. މިފަހަރު ނަންބަރު "3" ނެތެވެ.
މި ފަހަރު މި އޮންނަނީ ކުރީ ދެ އަހަރަށް ވުރެ ތަފާތު އިންތިހާބެކެވެ. ކުރިން ނަމަ އިންތިހާބުގެ ނަތީޖާ ނެރުނީ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓްގެ ވޯޓު ލިބިވަޑައިނުގަތުމުން، ދެ ވަނަ ބުރަކަށް ގޮހެވެ. އެކަމަކު މިފަހަރު އެންމެ ދެ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަތުމުން، އެއް ބުރުން ނަތީޖާއަކާ ހަމައަށް ދެވޭނެ އެވެ.
ވަކި ނަންބަރެއް، ވަކި ކުލައެއް، ވަކި ގަޑިއެއް ބަލައިގެން ކަންކަން ކާމިޔާބުކުރެވޭ ނަމަ އެންމެން ވެސް އުޅެންވީ އެއިން ކަމަކާ އެވެ. މޮޅުވުމުގެ ނުވަތަ ކާމިޔާބުވުމުގެ ސަބަބަކީ އެއެއް ނޫނެވެ. ދުނިޔޭގައި ކާމިޔާބު މީހުން އެކަން ހާސިލްކުރަނީ ބުރަ މަސައްކަތާއި އެހެން މީހުންނަށް ވުރެ މޮޅަށް ވިސްނައިގެންނެވެ. އިންތިހާބުތަކުގައި ނަތީޖާ ނުކުންނަނީ އަދި އެއަށް ވުރެ ވެސް ގިނަ ސަބަބުތަކަކާ އެކުގަ އެވެ. އޭގެ ތެރޭގައި އާންމު ރައްޔިތުންގެ ލޯތްބާއި އިތުބާރާއި އުއްމީދު ހިމެނެ އެވެ.