މާލޭގެ ދެކުނު ފަރާތު ނެރަށް އެރި ލޯންޗު އެއްކޮށް ހަލާކުވެއްޖެ
މާލޭގެ ދެކުނު ފަރާތު ނެރަށް އެރި ލޯންޗު އެއްކޮށް ހަލާކުވެއްޖެ

މާލޭގެ ދެކުނު ފަރާތު ނަރަށް އެރި ލޯންޗު އެއްކޮށް ހަލާކުވެ، ލޯންޗުގެ ބައިތައް އޮޔާދާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ލޯންޗު ނެރުމައްޗަށް އެރި ކަމުގެ މައުލޫމާތު ލިބިފައި ވަނީ ހެނދުނު ހަތެއް ޖަހާކަން ހާއިރު ކަމަށެވެ. ލޯންޗުގެ ބައިތައް އޮޔާދާތީވެ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވެގެން ދަތުރު ކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި، ނެރު މައްޗަށް އެރީ އައިމާ ކޮންސްޓްރަކްޝަންގެ ލޯންޗެކެވެ. އެ ލޯންޗު ނެރުމައްޗަށް އެރީ 17 މީހުންނާއެކު، ނެރުން ނުކުންނަނިކޮށް ނެގި ރާޅުތަކެއްގައި ޖެހިގެންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، ލޯންޗު ހަލާކުވުމުގެ ކުރިން، އެ މީހުން ވަނީ ލޯންޗުން ފައިބައި، ސަލާމަތްވެފަ އެވެ.

މާލޭގެ ދެކުނު ފަރާތު ނެރު މައްޗަށް އެރުމުގެ ސަބަބުން، ބައެއް ދޯނިތަކާއި ލޯންޗުތަކަށް ބޮޑެތި ގެއްލުންތަކެއް މީގެ ކުރިން ވަނީ ލިބިފަ އެވެ. ހައުސިން މިނިސްޓްރީން ވަނީ އެ ނެރުގެ މަސައްކަތް އެއްކޮށް ނުނިމޭތީ ބޭނުން ނުކުރުމަށް މީގެ ކުރިން އިލްތިމާސް ވެސް ކޮށްފަ އެވެ.