ތިން މަގެއްގެ ޓްރެފިކަށް ބަދަލު ގެނެސްފި
ތިން މަގެއްގެ ޓްރެފިކަށް ބަދަލު ގެނެސްފި

އަލިކިލެގެފާނު މަގާއި ހުސްނުހީނާ މަގާއި ފާށަނާކިލެގެފާނު މަގުގައި މީގެ ކުރިން އުޅަނދު ދުއްވަމުން އައި ގޮތަށް މިއަދު ބަދަލުތަކެއް ގެނެސްފި އެވެ.

ތިން މަގެއްގެ ޓްރެފިކަށް ބަދަލު ގެނެސްފި
ތިން މަގެއްގެ ޓްރެފިކަށް ބަދަލު ގެނެސްފި

އެއްކޮޅަށް ދުއްވާ މި ތިން މަގުގެ ތެރޭން، ސިޓީ ޕާކު ހުންނަ އަލިކިލެގެފާނު މަގުގައި ކުރިން އުޅަނދު ދުއްވޭނީ އުތުރުން ދެކުނަށެވެ. އެކަމަކު މިހާރު ލިލީމަގުން ގޮސް ދެކުނަށް މި މަގަށް އަޅާލެވޭނެ އެވެ. އަދި މަޖީދީމަގުން ގޮސް އަލިކިލެގެފާނު މަގަށް ވެސް ވަދެވޭނެ އެވެ.

ތިން މަގެއްގެ ޓްރެފިކަށް ބަދަލު ގެނެސްފި
ތިން މަގެއްގެ ޓްރެފިކަށް ބަދަލު ގެނެސްފި

ސިޓީ ޕާކު އަނެއް ފަޅީގަައި އޮންނަ ފާށަނާކިލެގެފާނު މަގަށް ކުރިން މަޖީދީމަގުން ގޮސް ވަދެވުނު ނަމަވެސް މިހާރު އެ މަގުން ދުއްވޭނީ އަނެއް ކޮޅަށެވެ.

އަލޯރާ ފަރުނީޗަރު ވިއްކާ ފިހާރަ ހުންނަ ހުސްނުހީނާ މަގުގައި މިހާރު އުތުރުން ދެކުނަށް ދުއްވަމުން އައި ނަމަވެސް މިހާރު ދުއްވަން ޖެހޭނީ އޭގެ އިދިކޮޅަށް، ދެކުނުން އުތުރަށެވެ. އެ މަގަށް މިހާރު މަޖީދީމަގުން ވަދެވޭނެ އެވެ.

މިއީ އަދި ވަގުތީ ގޮތުން ގެނައި ބަދަލެކެވެ.

ފުލުސް އޮފީހުން ބުނީ މި ތިން މަގުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައީ އިސްކަންދަރު ސްކޫލާއި އަމީނިއްޔާ އަދި އަރަބިއްޔާ ސްކޫލުގެ ކިޔެވުން ފެށޭ ގަޑި އާއި ނިމޭ ގަޑީގައި އެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދު ވަނުން މަނާ ކުރުމާ ގުޅިގެން، ޓްރެފިކްގެ ބާރު ބޮޑުވާތީ ކަމަށެވެ.

އަދި މި ބަދަލުތައް ދާއިމީ ކުރާނީ މި ގޮތަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުން، ލިބޭނެ ފަސޭހަތަކާއި ދަތިތައް ބަލައި ދިރާސާ ކުރުމަށް ފަހުގައި ކަމަށް ފުލުސް އޮފީހުން ބުންޏެވެ.

މިއަދު ގެނައި މި ބަދަލުތައް މޮނީޓާކޮށް، ދަތުރުފަތުރު ކުރުމަށް ފަސޭހަ ގޮތް ދެނެގަތުމަށް މިއަދު މެންދުރު ފަހު ދޭއް ޖަހަން ދެން އެ ތިން މަގުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް އެތަނުން ބުންޏެވެ.