18 އޯގަސްޓް 2018 - 15:20

ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ގުޅުމާ ބެހޭ ގޮތުން ދެން ދައްކަން ހުރީ ތުންތުންމަތިން ދެކެވޭ ވާހަކަތަކެއް ނޫނެވެ.
މިދިޔަ މަހު ޕްރިޔަންކާގެ 36 ވަނަ އުފަން ދުވަހާ ދިމާކޮށް ދެ ތަރިން އެންގޭޖްވެފައިވާ ކަމަށް ބުނެ، މީޑިއާތަކުން ފަތުރަމުން ދިޔަ ވާހަކަތައް މިއަދު މި ވަނީ ތެދުކަން ސާބިތުވެފައެވެ. މުމްބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމަންޓް ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
ދެ ފަރާތުގެ އާއިލާގެ މީހުން ބައިވެރިވި ހަފުލާގައި، ވަނީ ކައިވެނީގެ ކުރިން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ރޯކާ ސެރެމަނީ ބާއްވައިފަ އެވެ.
އެ ހަފުލާގައި ޕްރިޔަންކާ ހުރީ ރީނދުލާއި ހުދު ކުލަ އެކުލެވޭ ހެދުމެއްގަ އެވެ. ނިކް ލައިގެން ހުރީ ކްރީމް ކުލައިގެ ޝެރްވާނީ އެވެ. ރޯކާ ސެރެމަނީގައި ނިކްގެ ބައްޕަ އާއި މަންމަ ވެސް ބައިވެރި އެވެ.
ދެ ތަރިންގެ އެންގޭޖްމަންޓާ ގުޅިގެން ބާއްވާ ހަރަކާތްތަކަށް ނިކް އާއިލާ ގޮވައިގެން އިންޑިއާ އަށް ދިޔައީ ބުރާސްފަތި ދުވަހު އެވެ. ރޯކާ ސެރެމަނީ އަށް ފަހު، މިއަދު ހަވީރާއި މިރޭ ވެސް މެހުމާނުންނަށް ހާއްސަކޮށްގެން ހަފުލާތަކެއް ބާއްވަން ހަމަޖެހިފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ، 36، އާއި ނިކް، 25، ގެ ކައިވެނީގެ ހަފުލާ މި އަހަރު ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާން ވެސް ކުރާނެ އެވެ. އަޑުތައް އަރާފައިވާ ގޮތުން އަންނަ މަހުގެ 16 ގައި ފާހަގަ ކުރާ ނިކްހެ 26 ވަނަ އުފަން ދުވަހު ކައިވެނި ވެސްކޮށް ފާނެ އެވެ.
އެންގޭޖްމަންޓް ރަސްމީވުމާ ގުޅިގެން ޕްރިޔަންކާ ބައެއް ތަރިން ވަނީ ސޯޝަލް މީޑިއާގައި ތަހުނިޔާ ކިޔައިފަ އެވެ. އަދި ހުދު ޕްރިޔަންކާ ވެސް ވަނީ ފުރަތަމަ ފަހަރަށް ނިކްއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި މިއަދު ހިއްސާކޮށްފަ އެވެ.
އެންގޭޖްމަންޓަށް ފަހު ނިކް އާއި އާއިލާ އެމެރިކާ ވަރަށް އަވަހަށް އެމެރިކާ އަށް ފުރާނެ އެވެ. އެކަމަކު ޕްރިޔަންކާ މިހާރު ކުޅެމުން އަންނަ ހިންދީ ފިލްމް "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން އަށް މުމްބާއީގައި މަޑުކުރާނެ އެވެ.