21 އޯގަސްޓް 2018 - 06:00

ކުރީގެ ހިތްގައިމު މަގުބޫލު ލަވަތަކުގެ އާ ވާޝަންތަކެއް ހެދުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އެއީ އެފަދަ ލަވަތައް ހަލާކުކުރުން ކަމަށް މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަމިތު ތުރިވެދީ ބުނެފި އެވެ.
އޭނާ ބުނީ ކުރީގެ ލަވަތަކުގެ ރިމިކްސްތަކާއި އެ ލަވަތައް އަލުން މި ޒަމާނުގެ މިއުޒިކްގެ ތެރެއަށް މަސްހުނި ކުރުމަކީ ލަވަތައް ހަރާބުކޮށްލުން ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ކުރީގެ ލަވަތައް މޮޑިފައިކުރާ މިއުޒިޝަނުންނަށް ފާޑު ކިޔަމުން އޭނާ ބުނި ގޮތުގައި އެއީ އަމިއްލަ މީހާގެ އުފެއްދުންތެރިކަން ނެތުމުން ދިމާވާ ކަމެކެވެ.
"އެއީ ހަގީގަތުގައި ކޮޕީކުރުން. އެއީ ހުއްޓާލަން ޖެހޭ ކަމެއް. ހުނަރެއް ހުރިކަން ދައްކައިލެވޭނީ ތިމާ މީހާ އަމިއްލަ އަށް ވިސްނައިގެން، އަމިއްލަ ސިކުނޑިން ދިޔަ ފެލައިގެން ކުރާ މަސައްކަތެއް ގެނެސް ދީގެން،" މި އަހަރު ހަތް ފިލްމަކަށް މިއުޒިކް ހަދައިދީފައިވާ އަމިތު ބުންޏެވެ. "އާ އެއްޗެއް ހަދައިގެން އެ އެ ވިއްކުމުގެ ރިސްކް ނަގަން ބިރު ގަތުމަކީ ގަޓް ނެތުން. ހަގީގަތުގައި އޮރިިޖަނަލް އެއްޗެއް ހަދާފައި ނެރުމަކީ މީހާގެ ގަޓް ހުރިކަން ދައްކުވައިދޭ ކަމަކީ."
އޭނާ ބުނި ގޮތުގައި ކޮޕީކޮށްފައި ނެރޭ ލަވަތައް ޕްރޮމޯޓް ކުރުން މީޑިއާތަކުން ވެސް ހުއްޓައިލަން ޖެހެ އެވެ. އަދި އިންޑިއާގެ މިއުޒިޝަނުންނާއި ލަވަކިޔުންތެރިންނަށް ލިބެންވާ ހައްގު މަގާމު ވެސް ލިބޭނީ އުފެއްދުންތެރި މަސައްކަތްތަކެއްކޮށްގެން ކަމަށް ބުންޏެވެ.
"އަހަރެން ބުނަން އޮތް ވާހަކައަކީ ލަވަކިޔާ މީހުން ވެސް އޮރިޖަނަލް މަސައްކަތްތަކަށް އިސްކަން ދޭށޭ. ޓެލެންޓެޑް މީހެއްކަން ސާބިތުކޮށް ދެވޭނީ އެގޮތަށް މަސައްކަތްކޮށްގެން. ލަވައެއް ރިކްރިއޭޓްކޮށްގެން ކިއުމަކުން މީހާ އަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް،" އަމިތު ބުންޏެވެ. "ފަހަރުގައި ވެދާނެ އެއީ ކުއްލި މަޝްހޫރު ކަމެއް ހޯދަންވެގެން ކުރާ ކަމެއް ކަމަށް."
އަމިއްލަ އަށް ރާގުތައް ހަދައިގެން ލަވަތައް ގެނެސްދޭ އިރު، ބައެއް ފަހަރު އެ ރާގުތައް ބެލުންތެރިންނަށް ކަމުނުދާނެކަން އަމިއްލަ އަށް ވެސް ގަބޫލު ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެންގެ ވާހަކައަކީ ފެއިލްވެދާނެތީ ބިރުގަންނާނެ ކަމެއް ނެތޭ. މީގައި އޮންނާނީ ހިތްވަރުކޮށްފައި މަސައްކަތްކުރި ވަރެއް،" މިހާތަނަށް 50 އަށް ވުރެ ގިނަ ފިލްމްތަކަށް މިއުޒިކް ހަދައި ދިން ހުނަރުވެރިޔާ ބުންޏެވެ.
މި އަހަރު ރިލީޒް ކުރި "ޕެޑްމޭން" އާއި "ފަނޭ ހާން" އަށް ވެސް މިއުޒިކް ހަދައި ދިން އަމިތުގެ މިއުޒިކް އަޑު އިވިގެން ދާނެ ތިން ފިލްމެއް މި އަހަރު އަދި ރިލީޒް ވާނެ އެވެ.
އެއީ އަންނަ މަހުގެ 7 ގައި ރިލީޒް ކުރާ ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" އާއި އަންނަ މަހުގެ 14 ގައި ރިލީޒް ކުރާ އަބީޝެކް ބައްޗަންގެ "މަންމަރްޒިޔާން" ގެ އިތުރުން އޮކްޓޯބަރު 5 ގައި ރިލީޒް ކުރާ އަޔޫޝްމަން ކުރާނާގެ "އަންދާދުން" އެވެ.
އަމިތު މިއުޒިކް ހަދައި ދީފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި "ވޭކް އަޕް ސިދް"، "އިޝަގްޒާދޭ"، "އިންގްލިޝް ވިންގްލިޝް"، "ލުޓޭރާ" އަދި "ސީކްރެޓް ސްޕަސްޓާ" ފަދަ ފިލްމްތައް ހިމެނެ އެވެ.