ދެވަނަ ދަރިފުޅަށް ކިޔާނީ މީރާ ބޭނުން ނަމެއް
ދެވަނަ ދަރިފުޅަށް ކިޔާނީ މީރާ ބޭނުން ނަމެއް

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރާއި މީރާ ރާޖްޕޫތަށް ދެވަނަ ދަރިއަކު ވަރަށް އަވަހަށް ލިބޭނެ އެވެ. އާއިލާ އަށް އިތުރުވާ ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނަ އިރު، ދަރިފުޅަށް ކިޔާނެ ނަމަކާ ދޭތެރޭ ވެސް މިހާރު އަންނަނީ ވާހަކަ ދެކެމުންނެވެ.

ޒޫމް ޓީވީ އަށް މީރާ ބުނި ގޮތުގައި ފުރަތަމަ ދަރިފުޅު މީޝާގެ ނަމަކީ ޝާހިދުގެ ހޮވުމެކެވެ. އެހެންވެ މިއީ އޭނާގެ ފަހަރު ކަމަށް މީރާ ބުންޏެވެ. މިހާރު ދެ އަހަރުވާން ކައިރިވަމުން އަންނަ މީޝާއަކީ ޝާހިދާއި މީރާގެ ނަމުން ލަފުޒުތައް ނަގައިގެން ހަދާފައިވާ ނަމެކެވެ.

"މި ފަހަރު ދަރިފުޅަށް ކިޔާނީ އަހަރެން ބޭނުންވާ ނަމެއް. ދަރިފުޅަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން އެއްވެސް ހިޔާލެއް ދޭން އޮތް ނަމަ، އެކަމަށް މަރުހަބާ ކިޔަން،" އިންސްޓަގްރާމްގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ މީރާ ބުންޏެވެ.

ޝާހިދާއި މީރާ އަށް މި ފަހަރު ލިބެނީ ކޮން ޖިންސެއްގެ ކުއްޖެއް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު އަލަތު ދަރިފުޅަކީ އަންހެން ކުއްޖަކަށްވާތީ ޒުވާން ދެމަފިރިން އުންމީދު ކުރަނީ ފިރިހެން ކުއްޖަކަށް ކަމަށްވެ އެވެ.

އެކަމަކު މީރާ އާއި ޝާހިދު ވެސް ކުރިން ބުނެފައިވާ ގޮތުގައި ކޮންމެ ޖިންސެއްގެ ކުއްޖެއް ލިބުނަސް އެ މީހުންނަކަށް އެއްވެސް މައްސަލައެއް ނެތެވެ.

ޝާހިދާއި މީރާ ކައިވެނި ކުރީ 2015 ގަ އެވެ. ދެ މީހުންނަށް ދެވަނަ ދަރިއަކު ލިބޭކަން އިއުލާން ކުރީ މިދިޔަ އެޕްރީލް މަހުގެ 20 ވަނަ ދުވަހު އެވެ.