އިންޑިއާ ޓީމު ސިޑްނީގައި ކޭމްޕްކޮށްފި، ތިން މެޗު ކުޅޭނެ
އިންޑިއާ ޓީމު ސިޑްނީގައި ކޭމްޕްކޮށްފި، ތިން މެޗު ކުޅޭނެ

ބަންގްލަދޭޝްގައި އަންނަ މަހު ފަށާ ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) ގެ ތަށި ދިފާއުކުރުމުގެ މަސައްކަތަށް ތައްޔާރުވުމަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުން އޮސްޓްރޭލިއާގެ ތަމްރީން ކޭމްޕެއް ފަށައިފި އެވެ.

އޮސްޓްރޭލިއާގެ ސިޑްނީއަށް ހުކުރު ދުވަހު ފުރި އިންޑިއާ ޓީމުން އެތަނުގައި ދެ ހަފުތާގެ ތަމްރީން ހަދައި ތިން މެޗު ކުޅޭނެ އެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އޮސްޓްރޭލިއާ ލީގުގެ ދެ ޓީމަކާ ދެކޮޅަށް އަދި އޮސްޓްރޭލިއާގެ 20 އަހަރުން ދަށް ނުވަތަ 23 އަހަރުން ދަށުގެ ޓީމަކާ ދެކޮޅަށް ކުޅެން ވަނީ ހަމަޖެހިފަ އެވެ.

މުބާރާތަށް އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ނެގި ސްކޮޑުގައި ހިމެނެނީ 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. އެ ޓީމުން އައި ޖުލައި 28 އިން ފެށިގެން ނިއު ދިއްލީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމުގައި ޕްރެކްޓިސްކުރަމުންނެވެ.

އިންޑިއާ އިން މި ފަހަރު ޒުވާން ޓީމެއް ފޮނުވާ އެއް ސަބަބަކީ 23 އަހަރުން ދަށުގެ ޓީމު ވާދަކުރާ އޭޝިއަން ގޭމްސްގައި ކުޅުމުގެ ފުރުސަތު ނުލިބުމުންނެވެ. ކެޕްޓަން ސުނިލް ޗެތުރީގެ އިތުރުން ފޯވާޑް ޖޭޖޭ ލާލްޕެކްލުއާ، ބަލްވަންތު ސިންގް އަދި ކީޕަރު ގުރްޕްރީތު ސިންގް ސްކޮޑުގައި ނުހިމެނެ އެވެ. ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު އެންމެ ފަހުން ސާފުގައި ވިދާލި ޒުވާން ފޯވާޑް ލަލިއަންޒުއާލާ ޗާންޓޭ އާއި ބެންގަލޫރުގެ ނިޝޫ ކުމާރާއި ޑެނިއަލް ލަލިމްޕުއާ ހިމެނެ އެވެ.

ފުރުސަތު ނުލިބުމުނު ކުޅުންތެރިންގެ ތެރެއިން ޗެތުރީ އަކީ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އަށް ފަހު ސާފުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އެވެ. ލިސްޓުގެ ކުރީގައި އޮތް ދަގަނޑޭ މިހާތަނަށް ސާފްގައި 20 ލަނޑު ޖަހާފައިވާއިރު، ޗެތުރީ ވަނީ 13 ގޯލު ޖަހައިފަ އެވެ. ރާއްޖޭގެ ސްކޮޑުގައި ދަގަނޑޭ ނުހިމެނެ އެވެ.

އިންޑިއާ އިން 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 23 އަހަރުން ދަށުގެ ޓީމެއް ފޮނުވައިގެންނެވެ. އެންމެ ފަހުން އަމިއްލަ ގައުމުގައި 2015 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ފަހު އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ވަނީ މި މުބާރާތުގައި ދެން އިންޑިއާ އިން ގިނައިން ފުރުސަތު ދޭނީ ޒުވާން ކުޅުންތެރިންނަށް ކަމަށް ބުނެފަ އެވެ. އަދި ދެން އިންޑިއާ އިން ވިސްނާނީ އޭޝިއަން ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށް ކަމަށް އޭރު އޭނާ ބުނެފައިވެ އެވެ.

ސާފް ޗެމްޕިއަންޝިޕް 1997 ގައި ތައާރަފްކުރި ފަހުން އެ ގައުމުން ވަނީ މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފަ އެވެ. އަންނަ މަހުގެ 4-15 އަށް ބާއްވާ މި އަހަރުގެ މުބާރާތުގައި އިންޑިއާ ހިމެނެނީ ރާއްޖެ އާއި ސްރީ ލަންކާއާ އެއް ގްރޫޕެއްގަ އެވެ. އަނެއް ފަޅީގައި އޮތީ ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޕާކިސްތާނެވެ.

މި ފަހަރުގެ މުބާރާތަށް ތައްޔާރުވަން ރާއްޖޭގެ ގައުމީ ޓީމުން އަންނަނީ ގަތަރުގައި ތަމްރީން ހަދަމުންނެވެ. މި ކޭމްޕުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ ޓީމެއްގެ އަތުން 4-3 އިން މޮޅުވެފަ އެވެ. މުބާރާތުގެ ކުރިން ޕާކިސްތާނާ ދެކޮޅަށް މެޗެއް ކުޅެން ވެސް ރާއްޖޭން ވަނީ ރާވައިފަ އެވެ.