19 އޯގަސްޓް 2018 - 12:26

ބުދަ ދުވަހާ ގުޅޭ
"ކޮއްކޮ ދެކެ ލޯބިވާންޖެހޭނެ. އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެ. ޖެނީ ދެން އުޅޭނީ މި ގޭގަ. ޝާޒްލީ ކޮޓަރީގަ ޖެނީ އޮންނާނީ. ރިއަލީ؟ ބައްޕަގެ ރެސްޕޮންސިބިލިޓީއެއް ނޫނޭ އެއީ. އިންއިރު ވެސް ނޭނގުނުތަ ދަރިޔަކު ނެތް މީހަކާ އިންނާކަށް."
ސުހެއިލު ދެން ފާހަގަކުރި ނުކުތާ ވެސް ޝާޒްލީއަކަށް އެހާ ރަނގަޅެއް ނުވިއެވެ.
"ޑެޑްގެ އެބަތިބި ތިން ދަރިން،" ޝާޒްލީ ބުންޏެވެ. "އެހެންވެ ތި ވާހަކަ ވެސް ނެތް ދެއްކޭކަށް."
"އަނެއްކާ އަނެއް ކަންތައް،" ސުހެއިލު ކުޑަކޮށް ރުޅިއައިސްފައި ބުންޏެވެ. "ބައްޕަގެ ސައިޑަށްތަ ޝާޒްލީ ތި ހުންނަނީ ނޫނީ އަހަރުމެންގެ ސައިޑަށްތަ ތި ހުންނަނީ؟ ދިހަ ކުދިން ތިއްބަސް އަހަރުމެން ނުދާނަމޭ އެ ރީނާގެ ގޭގަ އުޅޭކަށް."
"ރީނާއެއް ނޫން ޒޫނާ!" ޝާޒްލީ ރަނގަޅުކޮށްދިނެވެ.
"ވަޓްއެވަރ!" ތަންކޮޅެއް ބާރަށް ސުހެއިލަށް ބުނެވުނެވެ.
"ޝޫޝޫ!" ފަޒޭލު އެދުނީ މަޑުން ވާހަކަދެއްކުމަށެވެ. "ނަމުން ނުކިޔާ!"
"ދެން މަންމަ ކިޔަންވީ؟" ސުހެއިލު އެހިއެވެ. "ނެވަރ!"
"ދޮންމަންމަ ކިޔަސް، ދައްތަ ކިޔަސް،" ފަޒޭލު ބުންޏެވެ. "އެޔެއް ނޫން ޕޮއިންޓަކީ. ޕޮއިންޓަކީ މިއަދު އޭނައޭ ޖެނީ ދެކެ ލޯބިން އެ އުޅެނީ. މާދަމާ މާމަ. އަނެއް ދުވަހުން ޑެޑް. އަހަރުމެން.."
ފަޒޭލުގެ ވާހަކަ އެ ހިސާބަށް ދިޔަތަނާ ބުޅާ ގޮވައިލި އަޑު އިވުނެވެ. ކަމެއްވެގެން ގޮވައިލާ ކަހަލަ ގޮތަކަށެވެ. ޝާޒްލީ ފުންމައިގެން ތެދުވިއެވެ. ދޮރު ހުޅުވައިލައިފައި ބޭރު ބަލައިލިއެވެ. އޭރު ޖިނާ ހުރީ ފިހިގަނޑު މަޅައިލައިގެންނެވެ.
"ޑެޑީ!" ޝާޒްލީ ހަޅޭއްލަވައިގަތެވެ.
"ޖިނާ" ސިއްސައިގެނެއް ނުދެއެވެ. އެކަމަކު ޝާޒްލީއާ ދިމާއަށް ބަލައިލިއެވެ. ޝާޒްލީ ދުވެފައި ގޮސް ބުޅާ ނެގިއެވެ. އަދި ވަރަށް ދެރަވެފައި ބުޅަލުގެ ގައިގައި ފިރުމައިލިއެވެ.
"ކީއްވެ ޖޫޑީ ގައިގަ ޖެހީ؟" ޝާޒްލީ ސުވާލުކުރިއެވެ. "ޑެޑީއެއްނު ބުނީ ދިރޭ އެއްވެސް އެއްޗަކަށް އަނިޔާކުރާކަށް ނުވާނޭ."
ފަޒޭލާއި ސުހެއިލު ވެސް ތިބީ ހައިރާންވެފައެވެ. ބައްޕަގެ އެ ސިފަ ކުރިން ފެނިފައިނުވާތީއެވެ. ޖިނާ އެއްވެސް އެއްޗެއް ނުބުނެއެވެ. ޝާޒްލީއަށް ބަލަހައްޓައިގެން ހުރީއެވެ. ޝާޒްލީ ހުއްޓައިނުލައި ބުޅަލުގެ ގައިގައި ފިރުމިއެވެ. ކޮޓަރީގެ ދޮރު ވަރަށް ހަނިކޮށް ހުޅުވައިލައިގެން ޖެނީ ބަލަން ހުއްޓެވެ. އެކަކަށް ވެސް އެ ކަމެއް ނޭނގެއެވެ.
އެއްބަނޑުއެއްބަފާ މީހުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނު ނަމަވެސް ޒޫނާއާ ގާތް ގުޅުމެއް ބޭއްވުމަށް ޝާޒްލީ މަސައްކަތްކުރިއެވެ. ސަބަބަކީ ޒޫނާ ބަލާ ޝާޒްލީއަށް ދެވުނީމަ އެކަންޏެއް ނޫނެވެ. އެކަމަކު ބައްޕަ ދެކެ ޝާޒްލީ ވާ ލޯބީގެ ބޮޑުކަމުންނެވެ. މަންމަ ކަންތައް ކުރިގޮތުން ބައްޕައަށް ލިބޭނެކަމަށް ޝާޒްލީ ދެކޭ އެކަނިވެރިކަމުން ބައްޕަ ސަލާމަތްކުރުމަށް ޓަކައި ވެސް މެއެވެ. ދުވަހަކީ ޒޫނާއާ އެކުގައި ޝާޒްލީ ބާޒާރުކުރަން ނުކުތް ދުވަހެކެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން އެ ދުވަހު ވެސް ޝާޒްލީ އެތަކެއް ފަހަރަކު ޢަލީއަށް ގުޅައިފިއެވެ. ފޯނެއް ނުނަގައެވެ. މެސެޖަކަށް ޖަވާބެއް ނުދެއެވެ. އެހެންނަމަވެސް ކަންތައް ދިމާވީ އެންމެ ހީނުކުރާ ގޮތަށެވެ. ފިހާރައެއްގައި ހުރި ހެދުންތަކެއް ބަލަމުން ދަނިކޮށް، ޢަލީހެން ހީވާ މީހަކު ޝާޒްލީއަށް ފެނުނެވެ. އޭނަ ހުރީ ޝާޒްލީއަށް ފުރަގަސްދީގެން ގަމީސްތަކެއް ބަލާށެވެ. ޝާޒްލީ އެތައް އިރަކު ބެލިއެވެ. ޔަގީންކުރުމަށް ޓަކައެވެ. ޝާޒްލީ ބަލާތަން ޒޫނާއަށް ފެނުނެވެ.
"ކޮން ކުއްޖަކަށް ތި ބަލަނީ؟" ޝާޒްލީގެ ކަންފަތްދޮށުގައި ޒޫނާ މަޑުމަޑުން ބުނެލިއެވެ.
"ހިނގާބަލަ ދައްތައަށް މީހަކު އިންޓްރޮޑިއުސް ކޮށްދޭނަން." ޖަވާބުގައި ޝާޒްލީ ބުންޏެވެ.
ޒޫނާގެ އަތުގައި ހިފައިގެން ޝާޒްލީ ގޮސް ޢަލީގެ ކޮނޑުގައި ކޮއްޓައިލިއެވެ. ޢަލީ އެނބުރުނެވެ. ޒޫނާ ހިނިތުންވެލިއެވެ. އެހެންނަމަވެސް ޢަލީ އެ ފަދައިން ރައްދެއް ނުދިނެވެ. ހިތްހަމަނުޖެހިފައި ހުރީއެވެ.
"ކޮންތާކު ތި އުޅެނީ؟" ޝާޒްލީ އެހިއެވެ. "އަހަރެން ގުޅާގުޅާ! ފޯނު ޗޭންޖުކުރީތަ؟"
ޢަލީ ދެން ބަލައިލީ ޒޫނާއަށެވެ. ނިތްކުރިޔަށް އެރި ރޫތައް ދޭކުން ގުނަކުރަމުންނެވެ.
"މީ މިހާރު އަހަންނަށް ލިބުނު އާ މަންމަ!" ޝާޒްލީ ތަޢާރުފުކޮށްދިނެވެ. "ދޮންދޮން މަންމަ! އެކަމަކު އެހާ ދޮނެއް ނޫނެއްނު ދޯ! އެހެންވެ އަހަރެން ކިޔަނީ ދައްތަ. ދެން މީ އައްޔަ!"
"އެހެންތަ؟" ހިނިތުންވެލައިފައި ޒޫނާ ބުންޏެވެ. "މީތަ އައްޔައަކީ؟"
ޒޫނާ ހިނިތުންވެފައި ސަލާންކުރަން އަތްދިއްކޮށްލިއެވެ. ޢަލީ ހިނިތުން ނުވި ތަނުގައި ސަލާން ވެސް ނުކުރިއެވެ. އަދި ނުކުންނަން ހިނގައިގަތެވެ.
"އައްޔަ!" ޝާޒްލީ ގޮވައިލިއެވެ.
އިވުނުކަމަށް ވެސް ނުހަދައި ޢަލީ ފިހާރައިން ނުކުތީއެވެ.
"ކިހިނެއް އެ ވީ؟" ޒޫނާ ހައިރާންވެފައި އެހިއެވެ.
ދޭނެ ޖަވާބެއް ޝާޒްލީއަކަށް ނޭނގުނެވެ. ވިސްނަން ހުރެވުނީއެވެ.
ިރާދަމުގެ ކުރީކޮޅުގެ ވަގުތަކީ ޖިނާ ގެއިން ބޭރުގައި އުޅޭ ވަގުތެވެ. ވަކީން ޚާއްޞަކޮށް މަޣުރިބުނަމާދު ވަގުތު ޖެހޭއިރަށް ޖިނާ ގެއިން ނުކުމެއެވެ. އެ ވަގުތު ޖިނާ ދާ ތަނެއް ކުރާ ކަމެއް ޒޫނާއަކަށް ނޭނގެއެވެ. ހަވީރު ވަގުތު ވަރަށް ވަރުގަދަ ފުޓުބޯޅަމެޗެއް ދެއްކި ދުވަހެކެވެ. ހުރިހާ ކުދިން ވެސް ތިބީ ގޭގައެވެ. ބޮޑުކޮޓަރީގައި، ޓީވީ ކުރިމަތީގައެވެ. ޝާޒްލީ ފިޔަވައެވެ. ޝާޒްލީއަށް ނުކުމެވުނީ ތަންކޮޅެއް ފަހުންނެވެ. އޭރު ޖެނީ އިނީ ޝާޒްލީ "ބައްޕަގެ" ކަނާއަތް ފަރާތުގައި އިށީނދެގެން ބައްޕަ ގައިގައި ލެނގިލައިގެންނެވެ. އެ މަންޒަރު ފެނުމާއެކު ޝާޒްލީގެ މޫނުގެ ކުލަވަރު ބަދަލުވި ތަން ސުހެއިލަށް ފެނުނެވެ. އެ ހިސާބުން ސުހެއިލަށް މުހިންމުވީ ފުޓުބޯޅަމެޗެއް ނޫނެވެ. ދެން ކަންތައްވާނެ ގޮތް ބެލުމެވެ. ޝާޒްލީ ރުޅި ކޮންޓުރޯލުކުރިއެވެ.
"މަގޭ ޕްލޭސް!" ޝާޒްލީ އައިސް ސޯފާ ކައިރިއަށް ހުއްޓިފައި ބުންޏެވެ.
ޖެނީ ހިތްހަމަނުޖެހިފައި ޖިނާއަށް ބަލައިލައިފައި ތެދުވަން އުޅުނެވެ. ޖެނީގެ ކޮނޑުގައި ޖިނާ މަޑުމަޑުން ޖަހައިލިއެވެ. އިންނާށޭ ބުނާ ކަހަލަ ގޮތަކަށެވެ. ޝާޒްލީއަށް ތަންދެއްކުމުގެ ގޮތުން ޖިނާގެ ވައަތްފަރާތު ސޯފާގައި އަތުން ޖަހައިލިއެވެ. އެ ތަނަށް އަންނާށޭ ބުނުމުގެ ގޮތުންނެވެ. ޝާޒްލީ އެއްބަހެއް ނުވިއެވެ.
"ނޫން!" ތަޅުންގަނޑުގައި ދެ ފައި ތަޅައިލައިފައި ޝާޒްލީ ބުންޏެވެ. "އަހަރެން އެ ތާނގަ އިންނާނީ. ދެޓްސް މައި ޕްލޭސް!"
"ޝާޒްލީ މިހާރު ތިހެން އުޅޭ ވަރަށް ވުރެ ބޮޑުވެއްޖެއްނު!" ޖިނާ ތަންކޮޅެއް ހަރުކަށިކޮށް ބުނެލިއެވެ.
ސުހެއިލު ހައިރާންވެފައި ބަލަހައްޓައިގެން އިނެވެ. ފަޒޭލު ވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބައްޕަ ކިތަންމެ ފަހަރަކު ސުހެއިލު ނަގައިފައި އެ ތަނުގައި ޝާޒްލީ ބައިންދައެވެ. ވީއިރު، ދޮންދަރިޔަކަށް އެ ގޮތަށް ކަންތައް ނުކުރެވުނީ ކީއްވެގެންކަމެއް ސުހެއިލަކަށް ނުވިސްނުނެވެ. ޝާޒްލީ ދެރަވެފައި ދަމުން ފަޒޭލަށް ބަލައިލިއެވެ. ޖެނީ އިސްޖެހިތަނާއި ޖެނީގެ ބޮލުގައި ޖިނާ ފިރުމައިލިތަން ވެސް ތިން ދަރިންނަށް ފެނުނެވެ. އެ ވަގުތު ބުޅާ އޮތީ ކޮންތާކުކަމެއް ޝާޒްލީއަކަށް ނޭނގެއެވެ. ފެނުނީ އަޑެއްލައްވައިލައިފައި ފުންމައިގެން ޖިނާގެ އުނގަށްއެރި ތަނެވެ. ޖެނީ ސިއްސައިގެންގޮސްފައި ހަޅޭއްލަވައިގަތެވެ. ބުޅާ ނަގަން ޝާޒްލީ ދަނިކޮށް، ޖިނާ ރުޅިއައިސްފައި ބުޅާ ހޫރައިލިއެވެ. ބުޅާ ބިރުން ދުއްވައިގަތެވެ. ބައްޕަ ދުވަހަކު ވެސް ބުޅަލަށް އެ ގޮތަކަށް ކަންތަކެއް ނުކުރެއެވެ. ބުޅަލާ ދިމާއަށް ބާރަށް އެއްޗެއް ވެސް ނުބުނެއެވެ. ފަހަކަށް އައިސް ބައްޕަގެ ފަރާތުން ކުދިންނަށް ފެންނަނީ ގަބޫލުކުރަން ދަތި މަންޒަރުތަކެކެވެ.
"އެ ބުޅާގަނޑު މިގެއިން ބޭރުކުރަން ވެއްޖެއްނު!" ޖިނާ ހަޅޭއްލަވައިގަތެވެ. އަދި އޯގާތެރިކަމާ އެކުގައި ޖެނީއާ ވާހަކަދެއްކިއެވެ. "ދަރިފުޅު ގައިގަ ވަކިއެޅިތަ؟"
ޖިނާގެ އަޑަށް ޒޫނާއާއި އަޒީޒާ ވެސް އެ ތަނަށް ނުކުތެވެ. ނަސީބަކުން ޖެނީއަކަށް އެއްވެސް އަނިޔާއެއް ނުވެއެވެ.
"ކިހިނެއްވީ؟" ޒޫނާ އެހިއެވެ.
"ކިހިނެއްވީ ދަރިފުޅާ؟" އަޒީޒާ ވެސް ސުވާލުކުރިއެވެ.
އެކަކު ވެސް ޖަވާބެއް ނުދިނެވެ. ޝާޒްލީ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ނަމާދު ވަގުތު ޖެހުނުކަން ޓީވީއަށް އެރީ އެ ދަނޑިވަޅުގައެވެ. ޖިނާ ބުރިކަށްޓަށް ހީވީ ކަށްޓެއް ހަރައިލިހެންނެވެ. ފުންމައިގެން ތެދުވިއެވެ. ބަންގި ފެށުމުގެ ކުރިން ޖިނާ ގެއިން ނުކުތެވެ.
ހަނދުވަރު ރީތި ރެޔެކެވެ. ވައި މަޑުވެފައި ކަނޑު ވެސް މަޑެވެ. ޒޫނާއާއި ޖިނާ ތިބީ ހުޅުމާލޭގެ އަތިރިމަތީގައި އިށީނދެލައިގެންވެ. އެއިން ހިސާބަކު ވެސް މީހަކު ފެންނާކަށް ނެތެވެ. ވާހަކަނުދައްކައި އެތައް އިރަކު ތިބެފައި ޒޫނާ ފުން ނޭވައެއްލިއެވެ.
"ކޮބާ އޭގެ މާނައަކީ؟" ޖިނާ ސުވާލުކުރިއެވެ.
"ހިތަށްއެރީ ޖިނާ ހޯދަން ހާދަހާ ދިގު ދަތުރެކޭ އަހަރެން ކުރަން މި ޖެހުނީ. ދެން އަހަންނަށް ޖިނާ ގެއްލިއްޖެއްޔާ.." ޒޫނާއަށް ބުނެވުނީ އެ ހިސާބަށެވެ.
"އަހަރެންނަށް ކުރަންޖެހުނު މަސައްކަތްތައް ޒޫނާއަށް ނޭނގޭތީ ތިހެން ތި ބުނަނީ،" ޖިނާ ބިންމަތީގައި އޮށޯވެލަމުން ބުންޏެވެ. "ކޮން ހިސާބެއްގަ ހުރެފަ ކޮން ހިސާބަކަށް އައިސް މިހިރީ."
ޒޫނާ ވެސް އޮށޯވެލިއެވެ. ޖިނާއާއި ޒޫނާގެ ބޯ ޖެހޭހާ ގާތުގައެވެ. ކުއްލިއަކަށް މޫނުމައްޗަށް ޒޫނާ ފޯނު ދިއްކޮށްލިއެވެ. ދަބަހުން ޒޫނާ ފޯނު ނެގިތަނެއް ޖިނާ ނުދެކެއެވެ. އޭރު ފޯނު ހުރީ ކެމެރާއަށް ލައިފައެވެ. އެކަމަކު އަނދިރިކަމުން ފޯނުން އެއްޗެއް ފެންނަނީ ވަރަށް ފަނޑުކޮށެވެ.
"މި ފޯނަކުން ރީތި ހަނދާނެއް ވެސް ރައްކައެއް ނުކުރެވޭނެ." ޗޮކެއްކަނޑައިފައި ޒޫނާ ބުންޏެވެ.
"ފޮޓޯއަކުން ހަނދާނެއް ނުފޮރުވޭނެ،" ޔަގީންކަމާ އެކުގައި ޖިނާ ބުންޏެވެ. "ހަނދާން ފޮރުވޭނީ ހިތުގަ."
ޖިނާއަށް އެހެން ބުނެވުނީ ބޭއިޚުތިޔާރުގައެވެ. ދުލުން ލަފުޒު ބޭރުވުމުން ދެން ހަދާނެގޮތެއް ނޭނގުނެވެ. ޒޫނާގެ ހަނދާންތައް، ކޮޅު ތޫނު ތީރުތަކެއްހެން އައިސް ހިތަށް ހެރުނެވެ. ތީރަކަށް ފަހު ތީރެކެވެ. ޒޫނާ ކުއްލިއަކަށް ތެދުވިއެވެ. ޖިނާއާ ދިމާއަށް ބަލައިލިއެވެ. އެއީ ކީއްވެގެންކަން ޖިނާއަށް އެނގެއެވެ. އެހެންނަމަވެސް އެނގުނުކަމަކަށް ނުހެދިއެވެ.
"ކިހިނެއްވީ؟" ޖިނާ އެހިއެވެ. "ކަކުންޏެއް ދަތްއެޅީ؟"
"އެއްކަލަ ޖިންނިގަނޑު ހަނދާންވީ!" ފޯނާ ކުޅެމުން ޒޫނާ ބުންޏެވެ. "އޭނަ ހާދަ މަކަރުގަދައޭ. އެހެން މީހެއްގެ ސިފަޖެހިގެން އައިސް.."
"ވެދާނެއްނު ޒޫނާގެ މޫނުން އޭނައަށް ވެސް އެހެން މީހަކު ފެނުނީކަމަށް،" ޖިނާ ބުންޏެވެ. "ވެދާނެއްނު ޒޫނާއަކީ އޭނަ ލޯބިވި ފުރަތަމަ އިންސާނާ ނޫންކަމަށް. އޮޅުވާލުން އެއީ ކުށެއް. އެކަމަކު އަހަންނަކަށް ހިއެއްނުވޭ ޒޫނާދެކެ އެހާ ލޯބިވާ އިންސާނަކު ހުންނާނެހެނެއް."
ކުރިން ޖިނާއާ ދިމާއަށް ބަލައިލިހެން އަނެއްކާ ވެސް ޒޫނާ ބަލައިލިއެވެ.
(ނުނިމޭ)
ނޯޓް: މި ވާހަކައިގެ ނުނިމި އޮތް ބައިތައް ދެން ޖަހަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން