18 އޯގަސްޓް 2018 - 13:34

އޭޑީކޭ ހޮސްޕިޓަލްގެ އޯޕީޑީ ހިދުމަތް ފުޅާކޮށް ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ ކުރިން، ފުޑް ކޯނަ ހުންނަ ތަނުގައި އޯޕީޑީގެ ހިދުމަތް ދިނުމަށް ނުވަ ކޮޓަރިއެއް ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި، އެތަނަށް އިތުރު ބަދަލުތަކާއި ކުރިއެރުންތައް ގެންނާނެ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވި ގޮތުގައި، އޯޕީޑީގައި ސްޕެޝަލިސްޓުންގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 10 އަށް ކުރިއަށް ދާނެ އެވެ. އަދި ޖެނެރަލް އޯޕީޑީތަކުގެ ހިދުމަތް 24 ގަޑިއިރު ދޭނެ އެވެ.
އޭޑީކޭ އިން ބުނި ގޮތުގައި، އޯޕީޑީގެ ކޮޓަރިތަކަކީ ބަލި މީހުންނަށް ފަސޭހަކަމާއެކު ތިބެވޭނެ ތަނެކެވެ. އެ ތަނުން ބައެއް ބަލިތަކަށް ފަރުވާ ކުރެވެން ހުންނާނެ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. އޯޕީޑީގައި ވަނީ ސާވިސް ކައުންޓަރުތަކާއި ކްލިނިކަލް ސަޕޯޓު ކައުންޓަރުތައް ގާއިމުކޮށްފަ އެވެ.
މީގެއިތުރުން، މައިންނަށް ހާއްސަ ރޫމަކާއި ފާހަނާއަކާއި އިތުރު ވަސީލަތްތައް ވަނީ ގާއިމުކޮށްފަ އެވެ.
އޭޑީކޭއަކީ ރާއްޖޭގައި ހުރި އަމިއްލަ ހޮސްޕިޓަލްތަކުގެ ތެރެއިން، އެންމެ ބޮޑު ކުރިއެރުމެއް އަންނަ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ވަނީ އޯޕަން ހާޓް ސާޖަރީ އަށް ތިން ތިއޭޓަރު ހާއްސަކޮށް، އޭޑީކޭގައި އެންމެ ޒަމާނީ ކެތުލެބެއް މިދިޔަ މާޗު މަހުގެ ތެރޭގައި ހުޅުވައިފަ އެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކުރީ މި މަހުގެ ކުރީކޮޅެވެ.