ރެއާލުން ޖެސޭ ވިއްކާލަނީ ބާސާ އަށް ނުދެވޭ ގޮތަށް
ރެއާލުން ޖެސޭ ވިއްކާލަނީ ބާސާ އަށް ނުދެވޭ ގޮތަށް

މެޑްރިޑް (ޖުލައި 4) - ރެއާލް މެޑްރިޑުން އެ ޓީމުގެ ފޯވާޑް ޖެސޭ ރޮޑްރިގޭޒް ޕީއެސްޖީ އަށް ވިއްކާލަނީ، އޭނާ އަށް ބާސެލޯނާ އަށް ނުދެވޭ ގޮތަށް ކަމަށް ސްޕެނިޝް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރެއާލުން މިހާރު ވަނީ ޖެސޭ ޕީއެސްޖީ އަށް ވިއްކާލުމާ ގާތަށް ގޮސްފަ އެވެ. އެއްބަސްވުމުގައި ސޮއިނުކުރި ނަމަވެސް، ސްޕެއިނުގެ ނޫސްތަކުން ބުނާ ގޮތުގައި ރެއާލުން ވަނީ، ޖެސޭ ވާދަވެރި ބާސެލޯނާ އަށް ނުވިއްކޭނެ ފަދަ މާއްދާއެއް ކޮންޓްރެކްޓުގައި ހިމަނައިފަ އެވެ.

ރެއާލުން އޭނާ ވިއްކާލަނީ 25 މިލިއަން ޔޫރޯ އަށެވެ. ރެއާލުން ފަހުން ބޭނުންވެއްޖެ ނަމަ އޭނާ ގަނެވޭ ގޮތަށް ކޮންޓްރެކްޓަށް މާއްދާއެއް އިތުރުކުރަން ރެއާލުން ބޭނުންވި ނަމަވެސް ފްރާންސުގެ ގަވާއިދު ބުނާ ގޮތުން އެކަން ނުކުރެވޭނެ އެވެ. އެހެންވެ ރެއާލުން ބޭނުންވަނީ އޭނާ ލޯނެއްގެ ގޮތުން ދޫކުރާށެވެ. އެކަމަކު ޕީއެސްޖީން ބޭނުންވަނީ ދާއިމީ ކޮންޓްރެކްޓެއް ހަދާށެވެ.

ރެެއާލުން ވަނީ އެ ޓީމުގެ ފޯވާޑް އަލްވާރޯ މޮރާޓާ ވެސް މީގެ ދެ އަހަރު ކުރިން ޔުވެންޓަސް އަށް ލޯނެއްގެ ދަށުން ދޫކުރުމަށް ފަހު މި ސީޒަނުގައި އަނބުރާ އޭނާ ގެނެސްފަ އެވެ. ރެއާލުން 20 މިލިއަން ޔޫރޯ އަށް ވިއްކާލި ކުޅުންތެރިޔާ އަނބުރާ ގަތީ، ކޮންޓްރެކްޓުގައި ހިމަނާފައިވާ މާއްދާއެއްގެ ދަށުން 30 މިލިއަން ޔޫރޯ އަށެވެ.