ޑިޒްނީގެ "ލޭޑީ އެންޑް ޓްރޭމްޕް" ގެ ލައިވް އެކްޝަން ފިލްމެއް
ޑިޒްނީގެ "ލޭޑީ އެންޑް ޓްރޭމްޕް" ގެ ލައިވް އެކްޝަން ފިލްމެއް

ކުރިން ގެނެސްދީފައިވާ އެނިމޭޓެޑް ފިލްމްތަކެއް އަސްލު އެކްޓަރުންނާ އެކު އުފައްދަން ޑިޒްނީން ފަށާފައިވާ މަސައްކަތުގެ ތެރެއަށް އަނެއްކާ ވެސް ފިލްމެއް އިތުރުވެއްޖެ އެވެ.

މި ފަހަރު ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ހަދަން ނިންމާފައި ވަނީ ކުއްތާތަކެއްގެ ލޯބީގެ ވާހަކައެއް ކިޔައި ދިން ރޮމޭންޓިކް މިއުޒިކަލް "ލޭޑީ އެންޑް ދަ ޓްރޭމްޕް" އެވެ. މި ފިލްމަކީ ޑިޒްނީން 1955 ގައި ގެނެސް ދިން ކާމިޔާބު އެނިމޭޓެޑް ފިލްމެކެވެ.

"ލޭޑީ އެންޑް ދަ ޓްރޭމްޕް" ހަގީގީ އެކްޓަރުންނާ އެކު ގެނެސް ދޭ އިރު، ފިލްމްގެ ބައެއް ކާސްޓުން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ލޭޑީގެ ރޯލް ކުޅެން ޓެސާ ތޮމްޕްސަން ނަގާފައިވާ އިރު، ތޯމަސް މަން އަދި ކިއާސީ ކްލެމެންސް ވެސް ވަނީ ފިލްމްގެ ކާސްޓަށް އިތުރުވެފަ އެވެ.

މީގެ އިތުރުން ޖެނިފާ އެނިސްޓަންގެ ކުރީގެ ފިރިމީހާ ޖަސްޓިން ތެރަކްސް "ލޭޑީ އެންޑް ޓްރޭމްޕް" ގެ ކެރެކްޓާއަކަށް އަޑު އަޅައި ދޭނެ އެވެ.

މި ފިލްމް ޑައިރެކްޓް ކުރަން ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު "ކޮން: ދަ ސްކަލް އައިލެންޑް" އާއި "ދަ ލެގޯ ނިންޖާ މޫވީ" ފަދަ ފިލްމްތައް ބެލުންތެރިންނަށް ގެނެސް ދިން ޗާލީ ބީން އެވެ.

އޭނާގެ ކުރިއަށް އޮތް ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ނެޓްފްލިކްސްގެ ކްރައިމް ޑްރާމާ "ދަ ހައިވޭމެން" އެވެ.

ޑިޒްނީން ބުމނި ގޮތުގައި "ލޭ އެންޑް ޓްރޭމްޕް" ބޮޑު ސްކްރީނަށް ގެނައުމުގެ ބަދަލުގައި ފިލްމް ބެލުންތެރިންނަށް ގެނެސް ދޭނީ އަންނަ އަހަރުގެ ފަހުކޮޅު ފަށާ އެ ކުންފުނީގެ ސްޓްރީމިން ސާވިސްގެ ތެރެއިންނެވެ.

"ދަ ޖަންގަލް ބުކް" އާއި "ބިއުޓީ އެންޑް ދަ ބީސްޓް" ފަދަ ފިލްމްތަކުގެ ލައިވް-އެކްޝަން ފިލްމްތައް ގެނެސް ދީގެން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީތަކެއް ހޯދާފައިވާ އިރު، ޑިޒްނީގެ ލިސްޓްގައި ވަރަށް ގިނަ-ލައިވް އެކްޝަން ފިލްމްތަކެއް ކުރިއަށް އެބަ ހުއްޓެވެ.

އޭގެ ތެރޭގައި ޑަމްބޯ، އަލައްދިން، ޕިނޯކިއޯ، މުލާން، ލަޔަން ކިންގް އަދި ދަ ސްވޯޑް އިން ދަ ސްޓޯމް ހިމެނެ އެވެ.

އެންމެ ހަތަރު މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ލޭޑީ އެންޑް ޓްރޭމްޕް" އަކީ ބޮކްސް އޮފީހުގައި 187 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.