ނެޓްފްލިކްސްގެ ސިލްސިލާއަކަށް ރެނީ ޒެލްވެގާ ސޮއިކޮށްފި
ނެޓްފްލިކްސްގެ ސިލްސިލާއަކަށް ރެނީ ޒެލްވެގާ ސޮއިކޮށްފި

ނެޓްފްލިކްސްގެ ސިލްސިލާއަކަށް، އޮސްކާ ހާސިލުކޮށްފައިވާ މަޝްހޫރު ބަތަލާ ރެނީ ޒެލްވެގާ ސޮއިކޮށްފި އެވެ.

ޖުމްލަ 10 އެޕިސޯޑްގެ މައްޗަށް އެކުލެވޭ ގޮތަށް މައިކް ކެލީ ޑައިރެކްޓް ކުރާ ސިލްސިލާ އަށް ދީފައިވާ ނަމަކީ "ވަޓް/އިފް" އެވެ.

އޭނާއަކީ އޭބީސީން 2011-2015 އަށް ގެނެސް ދިން ކާމިޔާބު ސިލްސިލާ "ދަ ރިވެންޖް" ގެ ޑައިރެކްޓަރެވެ. މައިކްގެ ފާހަގަކޮށްލެވޭ މަސައްކަތުގެ ތެރޭގައި ސީބީއެސް އިން 2008 ގައި ގެނެސް ދިން "ސްވިންގްޓައުން" ވެސް ހިމެނެ އެވެ.

ވެރައިޓީން ބުނި ގޮތުގައި "ވަޓް/އިފް" ގެ އެޕިސޯޑްތައް ގެނެސް ދޭނީ އަންހެނުންނާ ގުޅުން ހުރި ތީމްތަކަކަށް ބަހާލައިގެންނެވެ. ނަމަވެސް މީގެ އިތުރު ކާސްޓާއި ޝޫޓިން ފަށާނެ އިރަކާއި ބެލުންތެރިންނަށް ސިލްސިލާ ގެނެސް ދޭން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ބްރިޖެޓް ޖޯންސް ޑައިރީ" ފަދަ ފިލްމްތައް ކުޅެފައިވާ ރެނީ އަށް އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އޮސްކާ ލިބުނީ 2003 ގެ "ކޯލްޑް މައުންޓެއިން" އިންނެވެ. މީގެ އިތުރުން 2001 ގެ "ބްރިޖެޑް ޖޯންސް ޑައިރީ" އާއި 2002 ގެ "ޝިކާއޯ" ވެސް އޭނާ އޮސްކާ އަށް ނޮމިނޭޓްވެފައިވެ އެވެ.

މީގެ ކުރިން ވެސް މިނީ ސީރީޒްތަކުގައި މަސައްކަތްކޮށްފައިވާ 49 އަހަރުގެ ބަތަލާ އެންމެ ފަހުން ކުޅުނު ސިލްސިލާއަކީ 2001 ގެ "ކިންގް އޮފް ދަ ހިލް" އެވެ.

ރެނީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ސޭމް ކައިންޑް އޮފް ޑިފެރަންޓް އޭސް މީ" އިންނެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ނޮވެމްބަރު 9 ގައި ރިލީޒް ކުރާ ހިއާ އެންޑް ނައު (ބްލޫ ނައިޓް) އަދި އިނގިރޭސިވިލާތުގެ ކުރީގެ ލަވަކިޔުންތެރިޔާ ޖޫޑީ ގާލަންޑްގެ ބައޮގްރިފިކަލް ޑްރާމާ "ޖޫޑީ" ހިމެނެ އެވެ.