18 އޯގަސްޓް 2018 - 10:18

ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމަށް ގައުމީ ޓީމު ގަތަރުގައި ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ވާތު ބެކަކަށް މުހައްމަދު ސާމިރު ހިމެނުން ވެގެންދިޔައީ ހައިރާންކަމަކަށެވެ. ގައުމީ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓްގެ އިރުޝާދުގެ ދަށުން މީގެ ކުރިން ކުޅުނު ދެ މެޗުގެ ސްކޮޑުގައި ވެސް ސާމިރު ހިމެނިފައިނުވާއިރު، އަމުދުން މީގެ ކުރިން އުމުރުފުރާ ގައުމީ ޓީމެއްގައި ވެސް އޭނާ ނުކުޅޭތީ އެވެ. ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބް އަތުން 4-3 އިން ރާއްޖެ މޮޅުވި މެޗުގައި ސާމިރަށް ޖާގަދިން އެއް ސަބަބަކީ އޭނާ ޕްރެކްޓިހުގައި ކުރާ މަސައްކަތެވެ. ފުރަތަމަ އެގާރައިގައި ހިމެނޭކަން ކޯޗު ސެގާޓް ފުރަތަމަ އެންގީ ވެސް ސާމިރަށެވެ.

"ވަރަށް ހާސްވި ފުރަތަމަ މެޗުވެފައި ގައުމީ ޖާޒީ ވީމާ. އުނދަގޫގޮތެއް ވެސް ހުރި. ޕްރެޝަރެއް އައިސްފައި ހުރީ. ފުރަތަމަ ހާފް ނިންމާފައި އެކަން ގޮސްފި. ދެން ދެ ވަނަ ހާފް ފެށުމާ އެކު ހަމަޖެހިލައިގެން ކުޅެވެން ފެށި،" ސާމިރު ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ ވެސް ބޮޑު ޓީމަކަށް ކުޅުމުގެ ނަސީބު ލިބޭނީ ވަރަށް ހިތްވަރުންނެވެ. ވަރަށް މަސައްކަތް ވެސް ކޮށްގެންނެވެ. ގަލޮޅު މަދަރުސާގެ ގްރޭޑް 9 ގައި އުޅެނިކޮށް 2012 ވަަނަ އަހަރު ނިއު ރޭޑިއަންޓްގެ ޓްރަޔަލެއްގައި ސާމިރު ބައިވެރިވީ ރަހުމަތްތެރިއަކު ހޯދައިދިން ފުރުސަތެއްގަ އެވެ. އޭރު ނިއުގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) ލޮލުގައި އުމުރުން 16 އަހަރުގެ ސާމިރު އަޅައިގަތެވެ.
ނިއު އިން އެ އަހަރު އެފްއޭ ކަޕް ފިޔަވައި ހުރިހާ މުބާރާތެއް ކާމިޔާބު ކުރިއިރު، ސާމިރު ވަނީ ދެ މެޗެއްގައި ކުޅެފަ އެވެ. ޕްރެކްޓިސްތަކުގައި ގަވައިދުން ބައިވެރިނުވެވުނަސް އޭނާ ދިޔައީ ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ގިނަ ކަންތައްތަކެއް ދަސްކުރަމުންނެވެ.
"އޭރު ސްކޫލް އޮންނާތީ ބައެއް ދުވަސް ދުވަހު ދެވެނީ ޕްރެކްޓިހަށް. އޭރު ދެ މެޗެއް ވަރު ކުޅެވުނީ. އެންމެ ކުޑަ އިރުއްސުރެއް ވެސް ބޭނުންވި އެއް ކަންތައް އޭރުވި. އެއީ ދަގަނޑޭއާ އެއް ޓީމަށް ކުޅެލަން. އެއް ތަށި ނޫން ހުރިހާ ތަށްޓެއް އެ ސީޒަނުގައި ލިބުނު. ވަރަށް ގިނަ ކަންތައްތަކެއް ދަސްވި އެ ފަހަރު،" ސާމިރު ކިޔައިދިނެވެ.
ޖެހިގެން އައި އަހަރު ސާމިރު ބަދަލުވީ ބީޖީ ސްޕޯޓްސް ކްލަބަށެވެ. ގޯލްކީޕަރު ޓްރެއިނަރު އަދި ޔޫތު ޓީމު ކޯޗު ހަސަން ހަމީދު (ޑަކޭ)ގެ އެދުމަކަށް ސާމިރު ވަނީ 2013 ވަަނަ އަހަރު ބީޖީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ.
ބީޖީގައި ހޭދަކުރި ދުވަސްތަކަށް ފަހު ދެން ސާމިރު ބަދަލުވީ އަމިއްލަ ރަށް ކަމަށްވާ އދ. މަހިބަދޫ އަށެވެ. މަހިބަދޫ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު އޭރު ކުޑަހުޅަށް ލިބުނު އަނިޔާއަކާ ހުރެ ގިނަ ދުވަސްތަކަކަށް ސާމިރު ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.
އަނެއްކާ ވެސް ސާމިރު އަލުން އެނބުރި އައީ ނިއު އަށެވެ. އެ ގޮތުން 2015 ވަނަ އަހަރު ނިއުގެ ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) ހުރިއިރު، ސާމިރު ވަނީ އޭއެފްސީ ކަޕް ދެ މެޗެއްގައި ކުޅެފަ އެވެ. ޖެހިގެން އައި 2016 ވަނަ އަހަރުގެ ފުރަތަމަ ކޮޅުގައި ނިއު އިން ފުރުސަތު ނުލިބޭތީ އެހެން ޓީމަކަށް ބަދަލުވެ، ފަހުން އޭނާ ޓްރެއިނިން އަށް ނުކުތީ ޓީސީ ސްޕޯޓްސް ކްލަބާ އެކު އެވެ. އެއީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ދިން ފުރުސަތެކެވެ.
"ޓީސީގައި ޓްރެއިން ކުރަން ފެށީ އެ ދުވަސްކޮޅުގައި އަސްލު ވާތު ބެކަށް ކުޅެން ފެށީ. ކޯޗު ނިޒާމްބެ މި މަގާމަށް ކުޅުވަން ފެށީ އޭގެ ކުރިން ދުވަހަކު ވެސް ނުކުޅެން. ކުޅުނީ މުޅިން ވިންގަށް. ދެން އެ ފަހަރު އަލުން ނިއު ރޭޑިއަންޓަށް އައިސް ފުރަތަމަ އެގާރައިގައި ވެސް ކުޅުނިން ހަމަ އެ މަގާމަށް. އެއީ އޭރު އެ މަގާމަށް ކުޅެމުން އައި ހޮކޭ މެދަށް ކުޅުވަން ފެށީމަ،" ސާމިރު ބުންޏެވެ.
ސާމިރު ދެކޭ ގޮތުގައި އޭނާގެ ކެރިއަރުގައި އެންމެ ބޮޑަށް ކުރިއަށްދާން ލިބުނު ހިތްވަރަކީ ކޯޗު ނިޒާމްބެ ދިން ހިތްވަރެވެ. އަލުން ޓީސީ ސްޕޯޓްސް ކްލަބަށް 2017 ވަަނަ އަހަރު ބަދަލުވީ ވެސް ނިޒާމްބެއާ އެކު މަސައްކަތް ކުރަން ބޭނުންވާތީ އެވެ.
"މިއަދު މި ހިސާބަށް އައުމުގެ އެންމެ ބޮޑު ކްރެޑިޓެއް ދޭނީ ނިޒާމްބެ އަށް. އެއީ އަޅުގަނޑުގެ އާއިލާ ނަގާފައި. ޓީސީ އަށް އައި ހިސާބުން އެންމެ ރަނގަޅަށް ކުޅެވެން ފެށީ ދަނޑުމަތީގައި އަދި ދަނޑުބޭރުން ޑިސިޕްލިން ބަހައްޓާނެ ގޮތް ނިޒާމްބެ ވަރަށް ރަނގަޅަށް ކިޔައިދޭ. އަމިއްލަ ދަރިއަކަށް ކިޔައިދޭހާ ރަނގަޅަށް ކަންތައްތައް ބުނެދޭ،" ސާމިރު ބުންޏެވެ.
ޓީސީގައި މިދިޔަ އަހަރުން ފެށިގެން ސާމިރު އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ޓީމަށް ފައިދާވާ ގޮތަށް އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެންނާތީ ތަފާތު މަގާމުތަކަށް ނިޒާމްބެ އޭނަ ބޭނުންކުރެ އެވެ. ގައުމީ ޓީމަށް އަރާނެ ކަމުގެ ޔަގީންކަން ނެތް ނަމަވެސް ސާމިރު ދިޔައީ ފަސް ބެލުމެއް ނެތި މަސައްކަތް ކުރަމުންނެވެ.
"މަސައްކަތްކުރަންޏާ ގައުމީ ޓީމަށް ނަގާނެކަން އެނގޭ. އަސްލު އެހާ ޔަގީންކަމެއް ނެތް. ޖާގަ ލިބުނީމަ ވަރަށް އުފާވި. އުފަލުން ރޮވުނު. އެއްވެސް އުމުރުފުރާ ގައުމީ ޓީމަކަށް ނުކުޅެ ސީދާ ސީނިއާ ގައުމީ ޓީމަށް އެރީމަ އުފަލުން އެ ހަބަރު ދިނީ ވެސް މަންމަ އާއި ބައްޕަ އަށް،" ސާމިރު ބުންޏެވެ.
"ވަރަށް ބޮޑު އުއްމީދެއް މި ހާސިލްވީ. އެންމެ އެންމެ ކުޑައިރުއްސުރެއް. ރަށުގައި މަގުމަތީގައި ފުޓްބޯޅަ ކުޅުނުއިރުއްސުރެން ކުރި އުއްމީދު ހާސިލްމިވީ. އޭރުވެސް އަމިއްލަ ނަފްސަށް އިތުބާރު އޮވޭ. އެންމެން ވެސް އޭރު ވެސް ބުނޭ ވާނެއޭ." ސާމިރު ބުންޏެެވެ.
ސެގާޓްގެ ކޯޗުކަމުގައި ގައުމީ ޓީމުން ފުރަތަމަ ކުޅުނު ދެ މެޗުގައި ވާތު ބެކަށް ކުޅުނީ މާޒިޔާގެ މުޖުތާޒް މުހައްމަދު (މުޖޭ) އެވެ. ޓްރެއިނިން ކޭމްޕަށް ގަތަރަށް ދިޔައިރު ވެސް މުޖޭ ހުރީ އަނިޔާގަ އެވެ. އެކަމަކު އޭނާ ފިޓްވެ، އަލުން ޕްރެކްހަށް ނުކުތުމާ އެކު ވާތުބެކުގެ މަގާމަށް އޮތް ވާދަވެރިކަން ބޮޑުވާނެ އެވެ. ސާމިރުގެ އަމާޒަކީ ޓީމުގައި އޭނާގެ މަގާމު ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ.
"ޓީސީގައި ވެސް މި މަގާމު ވާދަވެރި. ތިން ކުޅުންތެރިން ތިބޭ މި މަގާމަށް ކުޅެވޭ. އެކަމަކު ޕްރެކްޓިހުގައި މަސައްކަތްކުރާތީ ޖާގަ ލިބެނީ. ބަލިވިޔަސް ޕްރެކްޓިހަށް ދަން. އެކަހަލަ ވާދަވެރި ޓީމެއްގެ އެގާރަ އަށް އަރައިގެން ކުޅޭނަމަ ގައުމީ ޓީމަށް އަރަން ލިބޭ ވަަރަށް ބޮޑު ފުރުސަތެއް އެއީ. މަސައްކަތް ކުރާނަން،" އުއްމީދުގައި ހުރެ ސާމިރު ބުންޏެވެ.
ރާއްޖެ އަށް 2008 ވަނަ އަހަރުގެ ފަހުން ސާފް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. ކޮންމެ ފަހަރަކު ވެސް މި މުބާރާތާ މެދު އެތައް ދިވެހިން އުއްމީދުކުރެ އެވެ. މި ފަހަރު ވެސް ޓީމުގެ އަޒުމެކޭ އެއްގޮތަށް ސާމިރުގެ ވެސް އުއްމީދު އެބައޮތެވެ.
"ދެކެން ބޭނުންވާ ދުވަހަކީ ސާފް ޗެމްޕިއަންޝިޕް ނެގުން. މިހާރު އެންމެ ބޮޑު ހުވަފެނަކީ ސާފް ޗެމްޕިއަންޝިޕަށްދާ ޓީމާ އެއްކޮށް ބަންގްލަދޭޝްގައި ގޮސް ކުޅެގެން ތަށި ނެގުން. އެކަމަކު ޓީމުގައި ނުހިމެނުނަސް އުއްމީދަކީ މި ޓީމު ތަށި ނެގުން. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ،" ސާމިރު ބުންޏެވެ.
ސާމިރު ދެކޭގޮތުގައި އޭނާ މި ހިސާބަށް އައުމުގައި ޓީސީގެ އެއްބައިވަންތަކަން ވަރަށް ބޮޑު ރޯލެއް އަދާކުރި އެވެ. އޭނާ ދެކޭގޮތުގައި ޓީސީ އަކީ އެއް އާއިލާ އެކެވެ. އެކަކު އަނެކަކަށް އެހީވެ، އަބަދުވެސް އެންމެންގެ ކުރިއެރުމަށް ވިސްނާ ޓީމަކަށްވާތީ ކުރިއަރައިގެން ދިއުމުގެ ހިތްވަރު ލިބެ އެވެ. އެހެންވުމާ އެކު އޭނާގެ ޝުކުރުގެ ބޮޑުބައެއް އަދާކުރަނީ ޓީސީ އަށެވެ.