ކޮރަޕްޝަނުގެ މައްސަލާގައި ނަތަންޔާހޫއާ 12 ވަނަ ފަހަރަށް ސުވާލުކޮށްފި
ކޮރަޕްޝަނުގެ މައްސަލާގައި ނަތަންޔާހޫއާ 12 ވަނަ ފަހަރަށް ސުވާލުކޮށްފި

ތެލް އަވީވް (އޮގަސްޓް 18) - ކޮރަޕްޝަނުގެ ތުހުމަތުގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފުލުހުން އަނެއްކާ ވެސް ސުވާލުކޮށްފި އެވެ.

މިއީ ތަފާތު މައްސަލަތަކުގައި ނަތަންޔާހޫއާ ފުލުހުން ސުވާލު ކުރި 12 ވަނަ ފަހަރެވެ. މިދިޔަ ޖުލައި މަހު ވެސް ނަތަންޔާހޫއާ ވަނީ ފަސް ގަޑިއިރަށް ވުރެ ގިނަ އިރު ފުލުހުން ސުވާލުކޮށްފަ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ނޭޝަނަލް އިކޮނޮމިކް ކްރައިމް ޔުނިޓުގެ ފަރާތުން ސުވާލުކޮށްފައި ވަނީ ގުދުސްގައި ހުންނަ ނަތަންޔާހޫގެ ރަސްމީ އޮފީހަށް ގޮސްގެން ކަމަށެވެ. އެ މައްސަލާގެ އިތުރު ތަފްސީލް ފުލުހުން ހާމަ ނުކުރި ނަމަވެސް މީޑިއާތަކުން ބުނެފައި ވަނީ ނަތަންޔާހޫއާ ސުވާލުކޮށްފައި ވަނީ ޓެލެކޮމް ކުންފުނި ބެޒެގުގެ މައްސަލާގައި ކަމަށެވެ.

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާގެ މައްޗަށް ވެސް ދަނީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގެ ފަރިއްކޮޅުގެ ޚަރަދަށް ނާޖާއިޒް ގޮތުގައި 100،000 ޑޮލަރު ބޭނުން ކުރި މައްސަލާގައި ސުވާލު ކުރަމުންނެވެ.

ކޮރަޕްޝަނުގެ މައްސަލާގައި ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރި ނަމަވެސް މަގާމުން އިސްތިއުފާ ދިނުމަށް އިޒްރޭލުގެ ގާނޫނުތައް ލާޒިމެއް ނުކުރެ އެވެ.