ސީއައިޑީން ސުވާލު ކުރުމުގެ ފަހަތުގައި ވަނީ ސިޔާސީ ކަމެއް: ރާޖަޕަކްސާ
ސީއައިޑީން ސުވާލު ކުރުމުގެ ފަހަތުގައި ވަނީ ސިޔާސީ ކަމެއް: ރާޖަޕަކްސާ

ކޮލަމްބޯ (އޮގަސްޓް 18) - ނޫސްވެރިިއަކު ވަގަށް ނެގި މައްސަލައިގައި ސީއައިޑީ އިން އެމަނިކުފާނާ ސުވާލު ކުރުމުގެ ފަހަތުގައި ވަނީ ސިޔާސީ ކަމެއް ކަމަށް ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ބަހުން ނެރޭ "ނޭޝަން" ނޫހުގެ އެޑިޓަރު ކެއިތު ނޯޔަރު 2008 ވަނަ އަހަރު ވަގަށް ނެގި މައްސަލާގައި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ގެ ފަސް އޮފިސަރަކު އިއްޔެ ވަނީ ރާޖަޕަކްސާގެ ގެއަށް ގޮސް ސުވާލުކޮށްފަ އެވެ. ރާޖަޕަކްސާއާ ސުވާލުކޮށްފައި ވަނީ ނޯޔަރު ވަގަށް ނެގުމާ ގުޅިގެން ރާޖަޕަކްސާގެ އެހީ އަށް އެދުނު ކަމަށް ޕާލަމެންޓުގެ ރައީސް ކަރު ޖަޔަސޫރިޔާ ފުލުހުންނަށް ދީފައިވާ ބަޔާނަކާ ގުޅިގެންނެވެ.

"ޕާލަމެންޓުގެ ރައީސްގެ ޓެލެފޯން ކޯލެއްގެ މަތިން އަޅުގަނޑު ހަނދާނެއް ނެތް،" ސީއައީޑީން ސުވާލު ކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރާޖަޕަކްސާ ވިދާޅުވި އެވެ.

ލަންކާގައި ދިހަ އަހަރު ވެރިކަން ކުރެއްވި ރާޖަޕަކްސާ ވިދާޅުވީ ނޫސްވެރިޔާ ވަގަށް ނެގުމުގެ ތުހުމަތު އެމަނިކުފާނަށް އެއްވެސް މީހަކު ކޮށްފައި ނުވާ އިރު ވެސް ސަރުކާރުން އުޅެނީ އެކަމުގެ ތުހުމަތު އަޅުވާ އެމަނިކުފާނުގެ އަގު ވައްޓާލަން ކަމަށެވެ.

"މިއީ އަޅުގަނޑަށް ސިޔާސީ ގޮތުން ޕްރެޝަރުކޮށް، އެއް ފަރާތްކޮށް، ގެއްލުން ދޭން ކުރާ ކަމެއް،" ރާޖަޕަކްސާ ވިދާޅުވި އެވެ.

ވަގަށް ނެގިތާ އެއް ދުވަސް ފަހުން ކެއިތު ނޯޔަރު ފެނުނު އިރު ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އޭނާ ވަގަށް ނެގީ މަސައްކަތް ނިންމުމަށް ފަހު އެނބުރި ގެއަށް ދިޔަ ތަނުންނެވެ. ކެއިތު މިހާރު ދިރިއުޅެނީ އޮސްޓްރޭލިއާގަ އެވެ.

ތަހުގީގު ޓީމުން ލަފާ ކުރަނީ ދިފާއީ މައްސަލަތަކާ ގުޅޭ ގޮތުން ލިޔަމުން ދިޔަ ނޫސްވެރިޔާ ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ސިފައިންގެ ކުރީގެ އޮފިޝަލުންތަކެއް ކަމަށެވެ. އެކަމުގެ އެންމެ ބޮޑު ތުހުމަތެއްކޮށްފައި ވަނީ މިލިޓަރީ އިންޓަލިޖެންސަށެވެ. ކެއިތު ނޯޔަރު ވަގަށް ނެގުމާ ގުޅިގެން ސިފައިންގެ އިސް ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.

ނޫސްވެރިޔާ ވަގަށް ނެގުމާ ގުޅިގެން ސީއައިޑީން މިދިޔަ އަހަރު ވަނީ ސިފައިންގެ އަށް މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް މޭޖަ ޖެނެރަލް އަމާލް ކަރުނަސެކަރަ ހިމެނެ އެވެ.

ރާޖަޕަކްސާގެ ވެރިކަމުގައި ވަނީ 17 ނޫސްވެރިން މަރާލައިފަ އެވެ.