25 އޯގަސްޓް 2018 - 13:31

އަންކަރާ (އޮގަސްޓް 25) - ނުވަ ދިހައިގެ އަހަރުތަކުގެ ފަހުކޮޅާ ޖެހެން ދެން ވެސް މުސްލިމްގެ ޓްރޭވަލް މާކެޓް ބިނާވެފައި އޮތީ ހައްޖާއި އުމްރާ އަށް މައްކާ އާއި މަދީނާ އަށް ކުރާ ދަތުރު ތަކަށެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ވަނީ "ހަލާލް ޓޫރިޒަމް' ތައާރަފްވެ މުސްލިމްގެ މެދުގައި ބޮޑު މަގުބޫލް ކަމެއް ލިބެން ފަށައިފަ އެވެ.
ހަލާލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ އެއް ގައުމަކީ ތުރުކީ އެވެ. އޭޝިއާ އާއި މެދުއިރުމަތި އަދި ޔޫރަޕުގެ މުސްލިމް ކޮމިއުނިޓީން ޗުއްޓީ އަށް ދާއިރު އިސްލާމީ ޝަރީއަތާ އެއްގޮތަށް ޗުއްޓީގެ މަޖާކަން ނެގޭނެ ގައުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ތުރުކީ ފާހަގަ ކުރަމުންނެވެ.
ހަލާލް ޓޫރިޒަމަކީ ދުނިޔޭގައި ވެސް މިހާރު ކުރިއަރަމުން އަންނަ ބޮޑު މާކެޓެކެވެ. ތޮމްސަން ރޮއިޓާސް އިން ޝާއިއުކުރި އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މުސްލިމްގެ މެޖޯރިޓީ އޮންނަ ގައުމުތަކުން 2016 ވަނަ އަހަރު ވަނީ ޗުއްޓީ ހޭދަކުރަން 169 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު 11.8 ޕަސެންޓެވެ.
"ތުރުކީ އަކީ މުސްލިމް ދަތުރުވެރިން ޗުއްޓީ ހޭދަކުރަން ގުދުރަތީ މަންޒިލެއް،" ތޮމްސަން ރޮއިޓާސްއާ ގުޅިގެން ދިރާސާ ހެދުމުގައި ބައިވެރި އެމެރިކާގެ ރިސާޗް ކުންފުނި ދިނާރުސްޓޭންޑަޑްގެ ސީނިއާ އެސޯސިއޭޓް ރީމް އަލް ޝަފާކީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތުރުކީ އަށް ދާ މުސްލިމް ޓޫރިސްޓުންނަށް ހަލާލު ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިތުރުން ނަމާދު ކުރާނެ ތަންތަން ވެސް ހަމަޖައްސައިދޭ ކަމަށެވެ.
މުސްލިމް ޓޫރިސްޓުންނަށް ބަލާއިރު އެންމެ ބޮޑު މާކެޓެއް އޮތީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ގައުމުތަކުގަ އެވެ. އެ ގައުމުތަކުގެ ދަތުރުވެރިން 2016 ވަނަ އަހަރުގެ ޗުއްޓީ އަށް ވަނީ 60.7 ބިލިއަން ޑޮލަރު ޚަރަދު ކޮށްފަ އެވެ. ސައުދީގެ ދަތުރުވެރިން 20 ބިލިއަން، ގަތަރުގެ ދަތުރުވެރިން 12 ބިލިއަން އަދި ކުވޭތުގެ ޓޫރިސްޓުން ވަނީ ނުވަ ބިލިއަން ޑޮލަރު 2016 ވަނަ އަހަރު ހޭދަކޮށްފަ އެވެ.
އެންމެ ގިނަ މީހުން ތުރުކީ އަށް ޒިޔާރަތްކޮށްފައި ވަނީ މެދުއިރުމަތިންނެވެ.
މުސްލިމުންނަށް ޚިދުމަތްދޭ ތުރުކީގެ ފަސް ތަރީގެ ބައެއް ހޮޓާތަކުން ބުނީ އާއިލާތަކަށް ޚާއްސަ އޭރިއާ އާއި ބީޗާއި ޕޫލް ވެސް އަންހެނުންނާއި ފިރިހެނުންނަށް ވަކިން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ހަލާލު ކާބޯތަކެތި ފޯރުކޮށްދޭ ކަމަށް ވަނީ ބުނެފަ އެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ލައިވް ޝޯތަކާއި ކަސްރަތު ޕްރޮގްރާމްތައް ވެސް ބާއްވާ ކަމަށް އަނެއްބައި ހޮޓާތަކުން ބުންޏެވެ.
އިސްތަންބޫލްގެ ރާސްޓް ހޮޓަލުގެ މެނޭޖަރު އެމްރައްލާ ހަމްޒާ ބުނީ އެ ހޮޓަލުގައި ރަލުގެ ބުއިންތައް މުޅިން މަނާކޮށްފައިވާ ކަމަށެވެ.
"ދެ މަފިރިއަކު ނަމަ އެއީ ކައިވެނިކޮށްގެން ތިބި ބައެއްތޯ ބަލަން. އެހެން ނޫނީ ފޮނުވާލަން،" އޭނާ ބުންޏެވެ.
ހަލާލް ބުކިންގެ މާކެޓިން އޮފިސަރު އުފުކް ސެކްގިން ބުނީ އެ ވެބްސައިޓް މެދުވެރިކޮށް މާކެޓް ކުރަނީ ހަލާކް ކާބޯތަކެއްޗާއި އެލްކޮހޯލް ނުގެންގުޅޭ އަދި އަންހެނުންނަށް ޕްރައިވެސީ އޮންނަ ހޮޓާތައް ކަމަށެވެ.
"ހަލާލް ހޮޓެލްގެ އެންމެ އަސާސީ ކަންތަކަކީ ހަލާލް ކާތަކެތި ލިބުމާއި ރާ ނުގެންގުޅުމާއި ނަމާދު ކުރާނެ މުސައްލައެއް ފޯރުކޮށް ދިނުން ނުވަތަ ހޮޓަލާ ކައިރީގައި މިސްކިތެއް ހުރުން. އެކަމަކު ބީޗް ހޮލިޑޭއެއް ނަމަ ޑިމާންޑްތައް ތަފާތުވޭ،" އޭނާ ބުންޏެވެ.
ސެކްގިން ބުނީ މުސްލިމުން ޕޫލަށް އެރި އުޅޭއިރާއި ބީޗްގައި ތިބޭ އިރު ވެސް ވަކި ޑްރެސް ކޯޑަކަށް ތަބާވާން ޖެހޭ ކަމަށެވެ.
ކުވޭތުގެ ޓޫރިސްޓެއް ކަމަށްވާ މުހައްމަދު އަލް ސާނީ ބުނީ އިސްލާމީ ޝަރީއަތަށް ފެތޭ ހޮޓަލެއް ނަމަ މާކެޓް ރޭޓަށް ވުރެ މަތިން ވެސް މުސްލިމް ޓޫރިސްޓުން ފައިސާ ދައްކާނެ ކަމަށެވެ.
"އަހަރެން ބޭނުން ވަނީ ހަލާލް ކާތަކެތި ލިބޭ، ޕޫލާއި ބީޗް ވެސް އަންހެނުންނާއި ފިރިހެނުންނަށް ވަކިން ހުންނަ ހޮޓާތައް،" އޭނާ ބުންޏެވެ.