18 އޯގަސްޓް 2018 - 11:27

އިސްލާމްއާބާދު (އޮގަސްޓް 18) - ގައުމު ލޫޓުވާލި މީހުންނާ މެދު ހަރުކަށި ވާނެ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ ހުވާ މިއަދު ހެނދުނު ކުރެއްވި އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނުގެ އާ ބޮޑު ވަޒީރަކީ އިމްރާން ކަމަށް އެ ގައުމުގެ ޕާލަމެންޓުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އިމްރާން ޚާން އަށް 176 މެންބަރުންގެ ތާއީދު ލިބިވަޑައިގެންނެވި އިރު ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (އެމްޕީއެލް-އެން) ގެ ރައީސް ޝަހްބާޒް ޝަރީފް އަށް ލިބިވަޑައިގެންނެވީ 96 ވޯޓެވެ.
ވޯޓަށް ފަހު ވާހަކަ ދައްކަވަމުން އިމްރާން، 65، ވިދާޅުވީ ގައުމަށް ގެންނަން ބޭނުންވެ، އެކަމަކު އެތައް ޒަމާނެއް ވަންދެން ނުގެނެވިވާ ބަދަލު ގެންނާނެ ކަމަށެވެ.
"އެއްވެސް ޚުދުމުޚްތާރު ވެރިއެއްގެ ކޮނޑަށް އަޅުގަނޑު އަރައިފައެއް ނޯންނާނެ. މި ހިސާބަށް މި އާދެވުނީ 22 އަހަރުގެ ބުރަ މަސައްކަތުން،" އިމްރާން ވިދާޅުވި އެވެ. "ވައްކަމާއި ކޮރަޕްޝަނުގެ ބަދަލުގައި އިސްލާމިކް ވެލްފެއާ ދައުލަތަކަށް ބަދަލުކުރާނެ ކަމަށް ވައުދުވަން."
ޕްރެޒިޑެންޓްސް ހައުސްގައި ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ހުވައި ލައިދެއްވީ ރައީސް މަމްނޫން ހުސައިން އެވެ. ހުވައިގެ އިބާރާތްތައް އިމްރާން ވިދާޅުވަމުން ގެންދެވި އިރު ހުންނެވީ ފެންކަޅިވެފަ އެވެ. އަދި އަޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ.
ޖުލައި މަހު ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އިމްރާންގެ ޕާކިސްތާން ތަހުރީކީ އިންސާފް (ޕީޓީއައި) އިންނެވެ. އެ ކާމިޔާބީއާ ގުޅިގެން ގައުމާ މުޚާތަބް ކުރައްވާ އިމްރާން ދެއްކެވި ވާހަކަ މަޑުމައިތިރި ނަމަވެސް އިއްޔެ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ އަށް ރައްދު ދެއްވައިފަ އެވެ.
ވޯޓު އޮޅުވާލި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާތީ އެކަމަށް އިޝާރާތް ކުރައްވާ އިމްރާން ވަނީ އެކަން ތަހުގީގު ކުރަން ހުށަހެޅުމަށް އިދިކޮޅު މީހުންނަށް ގޮވާލައްވައިފަ އެވެ. އަދި އިމްރާންއާ ދެކޮޅަށް މުޒާހަރާ އަށް ނުކުންނަން ރާވާ މީހުންނަށް ވަނީ ގޮންޖައްސަވައިފަ އެވެ.
"އަޅުގަނޑާ ދެކޮޅަށް އިހްތިޖާޖަށް ނުކުންނަވާ. އެ މީހުންނަށް ކާނާ އަޅުގަނޑު ފޯރުކޮށްދޭނަން. އަދި މަގު ބަންދު ކުރަން ޝިޕިން ކޮއިންޓެއިނާ ވެސް ހޯދައިދޭނަން،" އިމްރާން ވިދާޅުވި އެވެ.