އެންގޭޖްމަންޓް ޕާޓީ އަށް ޕްރިޔަންކާ ޗޯޕްޅާގެ ލޯބިވެރިޔާ ނިކް ޖޯނަސް އިންޑިއާ އަށް
އެންގޭޖްމަންޓް ޕާޓީ އަށް ޕްރިޔަންކާ ޗޯޕްޅާގެ ލޯބިވެރިޔާ ނިކް ޖޯނަސް އިންޑިއާ އަށް

މިދިޔަ ޖޫން މަހު ޕްރިޔަންކާ ޗޯޕްޅާއާ އެކު، ނިކް ޖޯނަސް އިންޑިއާގައި ޗުއްޓީއެއް ހޭދަ ކުރިތާ ދެ މަހެއްހާ ދުވަސް ފަހުން އަނެއްކާ ވެސް ނިކް އިންޑިއާ އަށް ގޮސްފި އެވެ. އޭނާ މި ފަހަރު އިންޑިއާ އަށް ދިޔައީ އާއިލާގެ މީހުން ވެސް ގޮވައިގެންނެވެ. މި ދަތުރުގައި ނިކްގެ މަންމަ އާއި ބައްޕަ ވެސް ބައިވެރިވެ އެވެ.

އެންގޭޖްމަންޓް ޕާޓީ އަށް ޕްރިޔަންކާ ޗޯޕްޅާގެ ލޯބިވެރިޔާ ނިކް ޖޯނަސް އިންޑިއާ އަށް
އެންގޭޖްމަންޓް ޕާޓީ އަށް ޕްރިޔަންކާ ޗޯޕްޅާގެ ލޯބިވެރިޔާ ނިކް ޖޯނަސް އިންޑިއާ އަށް

ނިކް އާއިލާ ގޮވައިގެން އިންޑިއާ އަށް ދިޔަ އިރު، ޕްރިޔަންކާ ކުޅޭ ސޮނާލީގެ ބޯސްގެ ފިލްމް "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން އަށް އޭނާ އިންޑިއާ ގޮސްފައި ވަނީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. އޭގެ ޝޫޓިން މި މަހުގެ 8 އިން ފެށިގެން ދަނީ ކުރިއަށެވެ.

ރިޕޯޓްތައް ބުނަނީ މި ދަތުރަކީ ޖުލައި މަހުގެ 18 ވަނަ ދުވަހު ލަންޑަނުގައި ފާހަގަކުރި ޕްރިޔަންކާގެ 36 ވަނަ އުފަން ދުވަހާ ދިމާކޮށް، ނިކްއާ އެންގޭޖްވެފައިވާތީ، އެކަން ރަސްމީކޮށް އިއުލާން ކުރުމުގެ ގޮތުން އިންޑިއާގައި ޕާޓީއެއް ބާއްވަން ކުރާ ދަތުރެއް ކަމަށެވެ.

އެންގޭޖްމަންޓް އަނގޮޓި ކަމަށް ބެލެވޭ އަނގޮޓި ވެސް ޕްރިޔަންކާ ދާދި ފަހުން ވަނީ ދައްކާލައިފަ އެވެ. އެއީ ޕާޓީއެއްގެ ތެރެއިން، ކުރީގެ ބަތަލާ ރަނީވާ ޓަންޑަންއާ އެކު ނަގާފައިވާ ފޮޓޯއެއްގަ އެވެ. އެ ފޮޓޯ އިންސްޓަގްރާމްކޮށްފައި ވަނީ ރަވީނާ އެވެ.

އީ ނިއުސް އިން ބުނީ އެއީ ޕްރިޔަންކާގެ ރަސްމީ އެންގޭޖްމަންޓް އަނގޮޓި ކަމަށާއި އޭގެ އަގު 200،000 ޑޮލަރަށް އަރާ ކަމަށެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމަންޓް ޕާޓީ ބާއްވާނީ އަންނަ މަހުގެ 16 ގައި ފާހަގަކުރާ ނިކްގެ 26 ވަނަ އުފަން ދުވަހު އެވެ. އެ ހަފުލާގައި މުޅި ބޮލީވުޑް އެއްކޮށްހެން ބައިވެރި ވާނެ ކަމަށް ބެލެވެ އެވެ.

މިހާރު މޯލްޓާގައި ޝޫޓް ކުރަމުން އަންނަ ސަލްމާން ހާންގެ "ބާރަތު" އަށް ސޮއި ކުރުމަށް ފަހު، ޕްރިޔަންކާ ވަނީ ކުއްލި ގޮތަކަށް އެ ފިލްމް ދޫކޮށްލައިފަ އެވެ. އެކަމާ ގުޅިގެން އެ ފިލްމްގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ކުރި ޓްވީޓެއްގައި ވަނީ ޕްރިޔަންކާ ފިލްމް ދޫކޮށްލީ ނިކްއާ ކައިވެނި ކުރަން ތައްޔާރުވަމުން އަންނާތީ އެކަމަށް ވަގުތު ދޭން ކަމަށް ދޭހަވާ ކަހަލަ އިބާރާތަކުން ޓްވީޓް ވެސްކޮށްފަ އެވެ.

ޕްރިޔަންކާ މިހާތަނަށް ނިކްއާ ބެހޭ ގޮތުން މީޑިއާތަކުގައި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި އެންގޭޖްމަންޓާ ބެހޭ ގޮތުން ވެސް އޭނާ ހުރީ ހިމޭނުންނެވެ.

ނިކްއަކީ އެމެރިކާގެ ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓަރެއް ވެސް މެ އެވެ. އޭނާ އެންމެ ފަހުން ކުޅެފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ޑްވޭން (ރޮކް) ޖޯންސަން ވެސް މުހިއްމު ރޯލަކުން ފެނިގެންދާ "ޖުމާންޖީ: ވެލްކަމް ޓް ދަ ޖަންގަލް" އެވެ.