17 އޯގަސްޓް 2018 - 21:41

އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީ ވެރިކަމަށް ގެނައުމަށް، ހދ. ކުޅުދުއްފުށީގައި ސިހުރު ހެދި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދުގެ މުއްދަތު މިއަދު އިތުރު ކޮށްފި އެވެ.
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ކުޅުދުއްފުށީ ކައުންސިލްގެ ޒިންމާދާރުވެރިޔާ އިސްމާއީލް އިބްރާހީމާއި ސީނިއާ އެޑްމިން އޮފިސަރު ހުސެން އަލީ އަދި އިތުރު ދެ މީހެކެވެ.
ރަށު ކައުންސިލުން ބުނީ އިސްމާއިލް އިބްރާހިމާއި ހުސެއިން އަލީގެ ބަންދުގެ މުއްދަތު އަށް ދުވަހަށް އިތުރު ކޮށްފައިވާއިރު، އަނެއް ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ މީހުން ހައްޔަރުކޮށް، ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ މި އަހަރު އެމްޑީޕީ ވެރިކަމަށް ގެނައުމަށް، ސިހުރު ހަދައި އެކަން ކުރާ ތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންވެ، އެ މީހުން ދިރިއުޅޭ ގެ ބަލައި، އެ ތަކެތި ހޯދުމަށް ކޯޓު އަމުރުގައި ފުލުހުންނަށް އަންގާފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާ ކަމަށް ކޯޓު އަމުރުގައި ވަނީ ޕެންޑްރައިވް އަކާއި ސިހުރު ހަދަން ބޭނުންކުރާ ތަކެއްޗާއި އެކަމާ ގުޅޭ ލިޔެކިޔުންތަކެވެ.