ކަރީނާ އާއި އަރްޖުން ކަޕޫރްގެ ޖޯޑު އަލުން އެކީގައި ފެނިދާނެ
ކަރީނާ އާއި އަރްޖުން ކަޕޫރްގެ ޖޯޑު އަލުން އެކީގައި ފެނިދާނެ

"ކީ އެންޑް ކާ" ގައި ފެނިގެން ދިޔަ ކަރީނާ ކަޕޫރާއި އަރްޖުން ކަޕޫރްގެ ޖޯޑު ބޮޑު ސްކްރީނުން އަލުން އެކީގައި ފެނިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަނޫރާގް ބާސޫ 2007 ގައި ގެނެސް ދިން ފިލްމް "ލައިފް އިން އަ...މެޓްރޯ" ގެ ދެވަނަ ބައި ގެނެސް ދޭން ނިންމާފައިވާ އިރު މީގެ ކާސްޓުންގެ ތެރޭގައި ކަރީނާ އާއި އަރްޖުން ހިމެނެ އެވެ.

އެކަމަކު ކުރިން މީޑިއާތަކުން ބުނީ މި ފިލްމް އަރްޖުން އަށް ހުށަހެޅުމުން، އޭނާ ސޮއިކޮށްފައި ހުރި އެހެން ފިލްމްތަކުގެ މަސައްކަތްތަކުގައި ބިޒީކަމުން ވަގުތު ދެވެން ނެތިގެން އަނޫރާގެ ފިލްމް ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް "ލައިފް އިން އަ...މެޓްރޯ" ގެ ދެވަނަ ބައިން އަރްޖުންއާ ކަރީނާ ފެނިދާނެ ކަމަށް ހަބަރު ފަތުރާތީ އަނޫރާގް ކުރި ޓްވީޓެއްގައި ބުނީ ފިލްމްގެ ކާސްޓުން އެއްކޮށް ފައިނަލްވުމުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

އޭނާ ބުނި ގޮތުގައި ގިނަ ތަރިންތަކެއް ހިމެނޭ ފިލްމެއް ހަދާ އިރު، ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެ މީހުންގެ ތާރީހުތައް ފުށުއެރުމުގެ މައްސަލަ ކަމަށެވެ.

ކަރީނާ ދާދި ފަހުން ވަނީ ދެ ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ އަންނަ އަހަރު ރިލީޒް ކުރާ "ގުޑް ނިއުސް" އާއި 2020 ގައި ރިލީޒް ކުރާ ކަރަން ޖޯހަރްގެ "ތަހުތު" އެވެ.

އަރްޖުން މި ވަގުތު "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ ވަނީ އަޝުތޯޝް ގޮވަރިއާ ޑައިރެކްޓް ކުރާ "ޕަނިޕަޓް" އަށް ވެސް ސޮއިކޮށްފަ އެވެ.

"ލައިން އިން އަ...މެޓްރޯ" ގެ ދެވަނަ ބަޔަށް ރާޖްކުމާރް ރާއޯ ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މިކަން ވެސް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު މި ފިލްމަކީ ބޮޑު ކާސްޓެއް ފެނިގެން ދާނެ ފިލްމެކެވެ.

ދިރިއުޅުމުގައި އެކި މީހުންނަށް ދިމާވެފައިވާ ތަފާތު ކަންތައްތަކެއް ކިޔައި ދިން "ލައިފް އިން އަ...މެޓްރޯ" އަކީ ވެސް ބޮޑު ކާސްޓެއް ހިމެނުނު ފިލްމެކެވެ. އޭގެ ތެރޭގައި ޝިލްޕާ ޝެޓީ، ޝައިނީ އަހޫޖާ، ކަންގަނާ ރަނާވަތު، ކޭކޭ މެނަން، އިރްފާން ހާން، ކޮންކޮނާ ސެން ޝަރްމާ، ނަފީސާ އަލީ އަދި ދަރްމެންދްރާ ފަދަ ތަރިން ހިމެނެ އެވެ.

"ލައިފް އިން އަ--މެޓްރޯ" ގެ ދެވަނަ ބައި އަނޫރާގް ގެނެސް ދެނީ ޓީ ސީރީޒްއާ ގުޅިންގެންނެވެ. ނަމަވެސް ފިލްމްގެ ޝޫޓިން ފަށާނެ އިރަކާއި ރިލީޒް ކުރާނެ ތާރީހެއް ވެސް އަދި އިއުލާނެއް ނުކުރެ އެވެ.