ވަޖްޕާއީ: ހިދުމަތްތެރި ބޮޑުވަޒީރަކަށް ބަދަލުވި އިދިކޮޅު ލީޑަރު!
ވަޖްޕާއީ: ހިދުމަތްތެރި ބޮޑުވަޒީރަކަށް ބަދަލުވި އިދިކޮޅު ލީޑަރު!

"އަހަރެން ވަޖްޕާއީ އަށް ދެންނެވިން ދުވަހަކު ވެސް އެމަނިކުފާނަށް ވޯޓެއް ނުދެމޭ. އޭނާ ލަދުވެތިކަމާ އެކު، އަހަންނަށް ދިން ޖަވާބަކީ، އެހެންވީމާ އަދި ބުރަކޮށް މަސައްކަތްކުރަން ޖެހެނީތާއޭ،"

ވަޖްޕާއީ: ހިދުމަތްތެރި ބޮޑުވަޒީރަކަށް ބަދަލުވި އިދިކޮޅު ލީޑަރު!
ވަޖްޕާއީ: ހިދުމަތްތެރި ބޮޑުވަޒީރަކަށް ބަދަލުވި އިދިކޮޅު ލީޑަރު!

އިންޑިއާގެ ތަޖުރިބާކާރު ނޫސްވެރިޔާ ޝޭކަރު ގުޕްތާ އެ ސިފަކޮށްދިނީ، އުމުރުފުޅުން 93 އަހަރުގައި އިއްޔެ އަވަހާރި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ ސިޔާސީ ގޮތުން ފުދިފައި ހުރި މިންވަރެވެ. އެމަނިކުފާނަށް ވޯޓް ނުދެމޭ ދިމާލަށް ބުނި ނަމަވެސް، ނޫސްވެރިޔާއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ބުރުލެއް ނާރުއްވަ އެވެ. ނިއުކްލިއާ ބާރަކަށް އިންޑިއާ ހައްދަވައި ޕާކިސްތާނާ ދެމެދު ގުޅުން ބަދަހިކޮށް ހާރިޖީ ގުޅުންތައް ވަރުގަދަކުރެއްވި ބޮޑުވަޒީރުގެ ގޮތުގައި ވަޖްޕާއީ މަޝްހޫރުވެވަޑައިގެންނެވި ނަމަވެސް ހަގީގަތުގައި އޭނާ އަކީ ކަންކަން ތަހައްމަލުކުރެއްވި އިދިކޮޅު ލީޑަރެއް ވެސް މެ އެވެ.

ވަޖްޕާއީ: ހިދުމަތްތެރި ބޮޑުވަޒީރަކަށް ބަދަލުވި އިދިކޮޅު ލީޑަރު!
ވަޖްޕާއީ: ހިދުމަތްތެރި ބޮޑުވަޒީރަކަށް ބަދަލުވި އިދިކޮޅު ލީޑަރު!

ދުވަހަކު ވެސް ގުޑުވާނުލެވިދާ ފަދަ ބާރުގައި ކޮންގްރެސް ޕާޓީ އޮއްވާ އިދިކޮޅަށް ނުކުމެވަޑައިގެން އިންޑިއާގެ އެންމެ ނުފޫޒު ގަދަ ޕާޓީއަށް ބަރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ހެއްދެއްވުމުގެ ފަހަތުގައި ހުންނެވި ހުރުން އެއީ އިންޑިއާގެ ސިޔާސީ ތާރީހުން ވަޖްޕާއީ އަށް ހާއްސަ ޖާގައެއް ލިބިވަޑައިގަންނަވާ ސަބަބެވެ. އޭނާ އަވަހާރަވުމަކީ ދައުރެއްގެ ނިމުން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ސިފަކުރެއްވީ އެހެންވެ އެވެ.

ވަޖްޕާއީ: ހިދުމަތްތެރި ބޮޑުވަޒީރަކަށް ބަދަލުވި އިދިކޮޅު ލީޑަރު!
ވަޖްޕާއީ: ހިދުމަތްތެރި ބޮޑުވަޒީރަކަށް ބަދަލުވި އިދިކޮޅު ލީޑަރު!

ޒުވާން ދުވަސްވަރު ކޮމިއުނިޒަކަށް ކޮންމެވެސް ވަރަކަށް ގަޔާވެވަޑައިގެން ނަމަވެސް އެންމެ ފުރަތަމަ ވެސް ގުޅިވަޑައިގަތީ ކަނާތު ފިޔައިގެ ހިންދޫ ޖަމާއަތެއް ކަމަށްވާ ނެޝަނަލް ވޮލަންޓަރީ ގްރޫޕާ އެވެ. އިންޑިއާ އަޅުވެތިކޮށްފައި އޮތް އިނގިރޭސިންނާ ދެކޮޅު ހަރަކާތްތަކެއް ހިންގަވައިގެން އެ ދުވަސްވަރު، 24 ދުވަހަށް ޖަލަށް ވެސް ވަންނަން ޖެހިވަޑައިގަތެވެ. އެކަމަކު ޕޮލިޓިކަލް ސައިންސުން މާސްޓާ ޑިގްރީއެއް ހާސިލްކުރައްވައި ފަހުން ބޮޑަށް ޝައުގުވެރިވެވަޑައިގަތީ ގާނޫނީ ދާއިރާއަކަށެވެ. އޭނާ އަށް އެ ދާއިރާއަށް ކުރިއަށް ދެވޭ ގޮތް ނުވީ އިންޑިއާ މިނިވަންވެ އަދި ޕާކިސްތާން އުފެދި އިންޑިއާގައި ހިނގައިދިޔަ ކަންތައްގަނޑާ ގުޅިގެންނެވެ. އެހިސާބުން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ނަމަވެސް އަނެއްކާ ވެސް ސިޔާސީ ދާއިރާއަށް މިސްރާބު ޖެއްސެވި އެވެ.

ވަޖްޕާއީ: ހިދުމަތްތެރި ބޮޑުވަޒީރަކަށް ބަދަލުވި އިދިކޮޅު ލީޑަރު!
ވަޖްޕާއީ: ހިދުމަތްތެރި ބޮޑުވަޒީރަކަށް ބަދަލުވި އިދިކޮޅު ލީޑަރު!

ވަޖްޕާއީގެ އަލަތު ސިޔާސީ މަސައްކަތަކީ ހިންދޫންގެ ޖަނާ ސަންގް ޕާޓީ އުފެއްދުމަށް 1951 ވަނަ އަހަރު އަދާކުރެއްވި ދައުރެވެ. އޭގެ ހަ އަހަރު ފަހުން ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެވަޑައިގަތެވެ. އަދި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫގެ ވެރިކަމުގައި، މަޖިލީހުގައި ތިބި އިދިކޮޅު މަދު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެން ކުރައްވަން ޖެހިވަޑައިގެން މަސައްކަތްޕުޅަކީ ވަރުގަދަ ސިޔާސީ ލީޑަރަކަށް އޭނާ ބަދަލުވި އެއް ސަބަބެވެ.

އެ މަޖިލީހަށް 11 ފަހަރު އިންތިހާބުވެވަޑައިގެންނެވި ވަޖްޕާއީ ސަރުކާރު ހިންގުމުގެ ތެރެއަށް އެންމެ ފުރަތަމަ ވެންނެވީ މޮރާރްޖީ ދެސާއީގެ ބޮޑުވަޒީރުކަމުގައި 1977 ވަނަ އަހަރު ހާރިޖީ ވަޒީރުގެ މަގާމާ ހަވާލުވުމަށެވެ. އެ ވެރިކަން 1979 ވަނަ އަހަރު ވެއްޓުނު ނަމަވެސް ވަޖްޕާއީ ވަނީ ސިޔާސީ ގޮތުން އިހްތިރާމް ހޯއްދަވައިފަ އެވެ. އެގޮތުން އދ. ގެ އާއްމު މަޖިލީހުގައި ހިންދީ ބަހުން އެންމެ ފުރަތަމަ ތަގުރީރުކުރެއްވި ލީޑަރަކަށް ވެވަޑައިގަތުމަކީ އިންޑިއާ ރައްޔިތުންގެ ހިތް އޭނާ އަށް ލެނބެން މެދުވެރިވި ސަބަބަކަށެވެ.

ދެން އޭނާ ފެށްޓެވީ، މޮރާރްޖީގެ އިސްތިއުފާއާ އެކު އުވިގެން ދިޔަ ޖަނާތާ ޕާޓީ އަލުން ކޮޅަށް ޖެހުމުގެ މަސައްކަތެވެ. އެގޮތުން ފަހުން އޭނާގެ ދައުރުގައި ބޮޑުވަޒީރުގެ ނައިބުކަން ކުރެއްވި އެލްކޭ. އަދުވާނީ ފަދަ ބޭފުޅުންނާ އެކު 1979 ވަނަ އަހަރު ބަރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އުފެއްދެއްވި އެވެ. އެ ޕާޓީގެ ފުރަތަމަ ރައީސްގެ މަގާމް ފުރުއްވައި ވަޖުޕާއީ ވެވަޑައިގަތީ ކޮންގްރެސްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ.

އޭރުގެ ބޮޑުވަޒީރު އިންދިރާ ގާންދީ 1984 ވަނަ އަހަރު އަވަހާރަކޮށްލުމާ ގުޅިގެން ބޭއްވި އާއްމު އިންތިހާބުގައި ބީޖޭޕީ އަށް އެންމެ ދެ ގޮނޑި ލިބުނު ނަމަވެސް އޭނާ ވަނީ މަޖިލީހުގައި އިދިކޮޅު ލީޑަރުގެ ގޮތުގައި ބުރަކޮށް މަސައްކަތްކުރައްވައިފަ އެވެ. އަދި މަޑުމަޑުން ކާމިޔާބުގެ އައްސޭރިއަކަށް ބީޖޭޕީ ގެންދެވި އެވެ. އިންޑިއާގެ އެކި ހިސާބުތަކުގައި ރެލީތައް ބާއްވައި އޭނާގެ ކުޅަދާނަ ވާހަކަދެއްކުންތެރިކަމުގެ ހުނަރުގެ ޖާދުލުގައި އެތައް ހާސް ބަޔަކު ޖެއްސެވި އެވެ. އަދި 1995 ވަނަ އަހަރު އިންޑިއާ ވަތަނީ ޖަޒުބާތެއްގައި ޖައްސައި ބީޖޭޕީން 1996 ވަނަ އަހަރުގެ އާއްމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަށްވި އެވެ. ސަރުކާރެއް އުފެއްދުމަށް އިންޑިއާގެ ރައީސް ދެއްވި ދައުވަތުގައި 1996 ވަނަ އަހަރު ވަޖުޕާއީ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވި އެވެ. އެކަމަކު މެޖޯރިޓީ ނެގޭ ވަރަށް އެހެން ޕާޓީތަކުގެ ތާއީދު ބީޖޭޕީ އަށް ނުލިބުމުން އެންމެ 13 ދުވަހަށް ފަހު ވަޖުޕާއީ އިސްތިއުފާ ދެއްވި އެވެ.

އޭގެ ފަހުން އުފެދުނު ކޯލިޝަން ދެ ސަރުކާރު ވެސް ނާކާމިޔާބުވުމާ ގުޅިގެން ލޯކްސަބާ އުވާލައި 1998 ވަނަ އަހަރު އާ އިންތިހާބެއް ބާއްވަން މަޖުބޫރުވުމަކީ ބީޖޭޕީގެ ނަސީބު އަތުގައި ހިފަން މެދުވެރިވި ސަބަބަކަށެވެ. އެ އިންތިހާބު ބީޖޭޕީން ކާމިޔާބުކޮށް އިތުރު ޕާޓީތަކާ ގުޅި ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސެއް އުފައްދައި ވަޖުޕާއީ ދެ ވަނަ ފަހަރަށް ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތެވެ. އެކަމަކު 1999 ވަނަ އަހަރުގެ މެދަކާ ހަމައިން ކޯލިޝަނުގެ ބައިވެރިއަކު ތާއީދު އަނބުރާ ގެންދިޔައީ އެވެ. އަދި ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓުން ނާކާމިޔާބުވި އެވެ. އެކަމަކު އާ ސަރުކާރެއް އުފެއްދޭނެ މެޖޯރިޓީ އިދިކޮޅަށް ވެސް ނުލިބުމުން އަލުން އިންތިހާބެއް ބާއްވަން ޖެހުނެވެ. ބީޖޭޕީ އިސްކޮށް އޮތް އެންޑީއޭ ކޯލިޝަނުން އެ އިންތިހާބުގެ މެޖޯރިޓީ ނަގައި ތިން ވަނަ ފަހަރަށް ވަޖުޕާއީ ބޮޑުވަޒީރުގެ މަގާމަށް ގެނަ އެވެ. އަދި 2004 ވަނަ އަހަރާ ހަމަޔަށް މަގާމުގައި ދެމި ހުންނަވައި، އިންޑިއާ މިނިވަންވި ފަހުން ބޮޑުވަޒީރުކަމުގެ ދައުރެއް ފުރިހަމަ ކުރެއްވި ކޮންގްރެސް އަށް ނިސްބަތްނުވާ ފުރަތަމަ ބޮޑު ވަޒީރުގެ ޝަރަފް ވަޖްޕާއީ ހޯއްދެވި އެވެ.

އެ ކާމިޔާބީ އޭނާ ހާސިލްކުރެއްވުމުގެ ފަހަތުގައި އޮތީ އިގްތިސާދީ، އިޖްތިމާއީ އަދި ސައިންސުގެ މަގުގައި އިންޑިއާ އަށް ހޯއްދަވައިދެއްވި ކާމިޔާބީތަކެވެ. ބޮޑުވަޒީރުގެ މަގާމަށް ދެ ވަނަ ފަހަރަށް ވަޑައިގެންނެވިތާ މަހެއް ނުވަނީސް 1998 ވަނަ އަހަރު އިންޑިއާ އިން ފަސް ނިއުކްލިއާ ޓެސްޓްކޮށް ނިއުކްލިއާ ބާރަކަށްވި އެވެ. އިންޑިއާގެ ރައީސްކަން ފަހުން ކުރެއްވި އޭޕީޖޭ އަބްދުލްކަލާމްގެ މޭސްތިރިކަމުގެ ދަށުން ކުރި މި ޓެސްޓުގެ ރައްދުގައި ޕާކިސްތާނުން ވެސް ޓެސްޓްކުރުމާ އެކު ދެކުނު އޭޝިއާގައި ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުހީވި އެވެ. އަދި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން އިންޑިއާއާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅި އެވެ. އެކަމަކު އެ ހުރިހާ ކަމަކުން ވަޖްޕާއީ ވަނީ އިންޑިއާ ސަލާމަތްކޮށްދެއްވައިފަ އެވެ.

އެ ޓެސްޓަށް ދެ އަހަރު ފަހުން އެމެރިކާގެ ރައީސް ބިލް ކްލިންޓަން އިންޑިއާ އަށް ވަޑައިގެންނެވުމަކީ އޭގެ ހެއްކެކެވެ. އެމެރިކާގެ ރައީސަކު 22 އަހަރަށް ފަހު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ، ފިނި ހަނގުރާމަ ނިމި ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި އިންޑިއާ އޮތް އޮތުން ނިމި އެމެރިކާއާ ގާތް ގައުމަކަށް ބަދަލުވުން ކަމަށް ވެސް ތަރުޖަމާކުރެވުނެވެ. އަދި ބޯޑަރުގެ މައްސަލައިގައި ޒަމާންވީ ވާދަވެރިކަމެއް އޮތް ޗައިނާއާ ވިޔަފާރީގެ ގުޅުންތައް ގާއިމްކުރެއްވި އެވެ.

ނިއުކްލިއާ ޓެސްޓާ އެކު އިންޑިއާއާ މެދު ޕާކިސްތާނުން އިތުރު ދެކޮޅުވެރިކަމެއް އުފެއްދި ނަމަވެސް 1998 ވަނަ އަހަރު ނިއު ދިއްލީ އާއި ޕާކިސްތާނޫގެ ލާހޫރު ގުޅުވައިދޭ ބަސް ދަތުރު އިފްތިހާތުކޮށް އަދި ލާހޫރަށް ވަޑައިގެން ސުލްހައިގެ ބައްދަލުވުންތަކެއް ބާއްވައި މަޝްރަހު ފިނިކުރެއްވި އެވެ. ވަޖްޕާއީގެ މި ދަތުރާ އެކު ދެ ގައުމުގެ ގުޅުމަށް ފަރުވާ ލިބި ވިޔަފާރީގެ ގުޅުންތަކެއް ވެސް ގާއިމްކުރެވިގެންދިޔަ އެވެ.

އެކަމަކު އެ މަސައްކަތް ފެނަށް ދިޔައީ 1999 ވަނަ އަހަރުގެ މޭ މަހު ޕާކިސްތާނުގެ ސިފައިންނާއި ކަޝްމީރުގެ ޓެރަރިސްޓުން އިންޑިއާގެ ބޯޑަރު ހުރަސްކުރުމުން އުފެދުނު މައްސަލަތަކާ އެކު، ދެ ގައުމުގެ މެދުގައި ކަރްގިލް ހަނގުރާމަ ފެށުމުންނެވެ. އުސް ފަރުބަދަތަކުގެ ތެރޭގައި ގަދަ ފިނީގައި ކުރި މި ހަނގުރާމައިން އިންޑިއާ ކާމިޔާބު ހޯދުމަކީ ވަޖްޕާއީގެ މަގުބޫލުކަން އިތުރުވި ސަބަބެކެވެ.

ސުލްހައަށް ވަޖްޕާއީގެ ހިތްޕުޅުގައި އޮތް ހާމަވެގެން ދިޔައީ، އެ ހަނގުރާމައިގެ މޭސްތިރިޔާ ޖެނެރަލް ޕަރްވޭޒް މުޝައްރަފް، ޕާކިސްތާނުގެ ރައީސްގެ ގޮތުގައި ބަލައިގަނެ ސުލްހައިގެ ސަމިޓަކަށް އިންޑިއާ އަށް ވަޑައިގަތުމަށް ދައުވަތު ދެއްވުމުންނެވެ. ނިއު ދުއްލީ އާއި އާގްރާގައި ބޭއްވި މި ސަމިޓް ނާކާމިޔާބުވި ނަމަވެސް ވަޖްޕާއީ ސިފަކުރެވެނީ ދެ ގައުމު ދާއިމަށް ސުލްހަކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ވެރިއެއްގެ ގޮތުގަ އެވެ. ހަމައެއާ އެކު އިންޑިއާގެ އިގްތިސާދީ އަދި އިޖްތިމާއީ ހާލަތު ބަދަލުކުރެއްވައްވަން ވެސް މަސައްކަތްކުރެއްވި ބޮޑުވަޒީރެއްގެ ގޮތުގަ އެވެ.

"ވަކިވަކި މީހުން ބާރުވެރިކުރުމަކީ ގައުމު ބާރުވެރިކުރުވުން" މި ފަލްސަފާގެ ދަށުން އޭނާ ވަނީ ވަރަށް ގިނަ ބަދަލުތަކެއް ގެންނަވައިފަ އެވެ. އެ ބަދަލުތަކާ އެކު އިންޑިއާގެ ޖީޑީޕީ އަށް އިންސައްތައިގައި ހިފެހެއްޓި އިންފްލޭޝަން ހަތަރު ޕަސެންޓަށް ދަށްވެގެން ދިޔަ އެވެ. އެމެރިކާ އިން 2003 ގައި ފެށި އިރާގު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ބަލިކަށިވި ނަމަވެސް އިންޑިއާގެ އިގްތިސާދު ދުޅަހެޔޮކަންމަތީ ބޭއްވުމަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވި އެވެ. މީގެ އިތުރުން އިންޑިއާގެ ޓެލެކޮމިއުނިކޭޝަން ސިނާއަތް ވަރުގަދަކޮށް ޕްރައިވެޓައިޒޭޝަން މޮޑެލް ތައާރަފްކުރައްވާފައިވެ އެވެ.

އުމުރުން 6-14 އާ ދެމެދުގެ ކުދިންނަށް އެލެމެންޓަރީ ތައުލީމް ހިލޭ ފޯރުކޮށްދީ އިންޑިއާގެ ތައުލީމީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ވެސް ވަޖްޕާއީ ގެންނެވި އެވެ. މަގު ހެދުމުގެ ބިޔަ ބޮޑު މަޝްރޫއެއް ފަށްޓަވައި ޗެންނާއީ، ކަލްކަތާ، ދިއްލީ އަދި މުމްބާއީ ހައިވޭތަކަކުން ގުޅުވާލި އެވެ. އަދި އިންޑިއާގެ ޖައްވީ އުޅަނދެއް ހަނދަށް ފޮނުވުމުގެ ޕްރޮޖެކްޓް ފަށްޓަވައި ސައިންސުގެ މަގުގައި އިންޑިއާ އާ ހަރުފަތަކަށް އަރުވައިދިނެވެ.

އޭނާ އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ 2002 ވަނަ އަހަރު ގުޖުރާތުގައި ހިންދޫންނާއި މުސްލިމުންގެ މެދުގައި ހަމަނުޖެހުން ހިނގައި އެތައް މުސްލިމުންތަކެއް ކަތިލެވިގެންދިޔަ ހާދިސާ ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އެވެ. އެ ހަމަނުޖެހުން ރަސްމީކޮށް ވަޖްޕާއީ ކުށްވެރި ކުރެއްވި އިރު ފަހުން ވަނީ ކޮންމެވެސް ވަރެއްގެ ގޯސްތަކެއް ހެދުނު ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ހަރުކަށި ފިކުރުގެ ހިންދޫ ޕާޓީއެއްގެ މުގުލުގައި ހުންނެވި ނަމަވެސް ވަޖްޕާއީ ފާހަގަކުރެއްވެނީ މެދުމިނުގެ ބޭފުޅެއްގެ ގޮތުގަ އެވެ. ދީނާއި ސިޔާސަތު ވަކިކޮށްފައި އޮތް ގައުމެއްގެ ގޮތުގައި އިންޑިއާ އޮތްއޮތުން ބަދަލުކޮށް ހިންދޫ ސިޔާސަތުގެ ގައުމަކަށް ހަދަން ބީޖޭޕީގެ ވިސްނުން ހުރި ނަމަވެސް ވަޖްޕާއީ އަކީ އެހެން ދީންތަކާ ތަފާތުކުރުން ގެންއުޅުމާ ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެކެވެ. އަދި ހަމަ އެހެންމެ އޭނާ އަކީ އަންހެނުންގެ ހައްގުތަކަށް ތާއީދުކުރައްވައި، އިންޑިއާގައި ނަސަބުގެ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރެއްވި އިންސާނީ ހައްގުގެ ޗެމްޕިއަނެވެ.

ގިނަ ބަޔަކު ހައިރާންކޮށްލައި ކޮންގްރެސް ޕާޓީން 2004 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރުމާ އެކު މަގާމް ގެއްލިވަޑައިގެންނެވި ވަޖްޕާއީ އޭގެ އަހަރެއް ފަހުން ސިޔާސީ ދާއިރާއިން ވަކިވެވަޑައިގަތެވެ. އެކަމަކު އާއްމުންގެ ލޯތަކަށް އޭނާ ގެއްލިވަޑައިގެން ސަބަބަކީ ސިއްހީ ހާލަތެވެ. ވަޖްޕާއީ އަށް 2009 ވަނަ އަހަރު ސްޓްރޯކެއް ޖެހުމުނު ކަމަށް ރިޕޯޓްކޮށްފައިވާއިރު، 2011 ވަނަ އަހަރު ވެސް ވެންޓިލޭޓަރުގައި ފަރުވާ ދީފައިވެ އެވެ. ހަކުރުބަލީގެ އާލާސްކަންފުޅަކަށް ވެސް ފަރުވާ ހޯއްދަވަ އެވެ.

ދުވަހަކު ވެސް ކައިވެނިފުޅެއް ކުރައްވާފައިނުވާ ވަޖްޕާއީ ވަނީ އޭނާގެ ގާތްއެކުވެރިއެއްގެ ކުއްޖަކު، އަމިއްލަ ބޭފުޅެއްގެ ގޮތުގައި ގެންއުޅުއްވައިފަ އެވެ. މުޅި ހަޔާތް ސިޔާސީ ހިދުމަތަށް ހުސްކުރެއްވި ނަމަވެސް ޅެންވެރިކަމާއި ވާހަކަދެއްކުންތެރިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ދެއްވި އެވެ. ވަރަށް ގިނަ ޅެންފޮތްތަކެއް ޝާއިއުކުރެއްވި އެވެ.

"ވަޖްޕާއީގެ އެންމެ ހާއްސަ ސިފައަކީ އޭނާގެ މޮޅު ވާހަކަދެއްކުންތެރިކަން. އެންމެ އާދައިގެ މީހާގެ ހިތަށް ވެސް ވަންނާހެނެން ސާދާކޮށް ކަންކަން ބުނެދެއްވާ ދެއްވުން އެއީ އާއްމުންނާއި އޭނާއާ ގުޅުން ބަދަހިވި ސަބަބަކީ،" އިންޑިއާގެ ޒުވާނަކު ބުންޏެވެ.

އޭނާ އަކީ އިދިކޮޅު މެމްބަރުންނަށް ޝާއިރީ ލަފްޒުތަކުން ބަސް އުއްކެވި ބޭފުޅެކެވެ. އެ ބަސްތަކަކުން އިދިކޮޅު މެމްބަރުންނަށް ކުރި އަސަރުތަކަށް ފަރުވާ ދިނީ އޭނާގެ ބަލާޣާތްތެރި ތަގުރީރުތަކުންެވެ. ވަޖްޕާއީ އަވަހާރަވުމުން އިންޑިއާ އަށް ގެއްލުނީ ވަރުގަދަ ދަރިއެއް ކަމަށް ސިފަކޮށް އޭނާ ނެތުމުގެ އިހުސާސް އަބަދުވެސް ކުރާނެ ކަމަށް އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ އެފަދަ ސަބަބުތަކާ ހެދި އެވެ.

ވަޖްޕާއީ އަށް ފަހު އިންޑިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ކޮންގްރެސްގެ މަންމޯހަން ސިންގް ސިފަކުރެއްވި ގޮތުގައި އޭނާ އަކީ "ގައުމަށް ހިދުމަތްކުރުމުގައި މުޅި އުމުރު ހޭދަކުރެއްވި" އަދި އެ ބޭފުޅެއްގެ ހިދުމަތް އަންނަން އޮތް އެތައް ޒަމާނެއް ވަންދެން އިންޑިއާ ރައްޔިތުން ހަނދާންކުރާނެ ލީޑަރެއް ކަމަށެވެ.