17 އޯގަސްޓް 2018 - 20:27

ވޮޝިންޓަން (އޮގަސްޓް 17) - ޗައިނާގެ އަސްކަރިއްޔާ އިން ދަނީ އެމެރިކާ އަށް ހަމަލާ ދިނުމަށް ތައްޔާރުވަމުން ކަމަށް ޕެންޓަގަންގެ ރިޕޯޓެއްގައި ބުނެފި އެވެ.

ކޮންގްރެސް އަށް ހުށަހެޅި އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ ޗައިނާގެ އަސްކަރީ ގާބިލްކަން ދަނީ އިތުރު ކުރަމުން ކަމަށެވެ. އަދި ޗައިނާ އިން ދިފާއީ ކަންކަމަށް ކުރާ ހޭދަ 190 ބިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"ވޭތުވެދިޔަ ތިން އަހަރަށް ބަލާ އިރު ޕީއެލްއޭ (ޕީޕަލްސް ލިބަރޭޝަން އާމީ) އިން ވަނީ ބޮން އަޅާ ބޯޓުގެ ގާބިލްކަން އިތުރުކޮށް ތަޖްރިބާ ހޯދަން ފަށާފައި. ލަފާ ކުރެވޭ ގޮތުގައި އެއީ އެމެރިކާ އާއި އެމެރިކާގެ ބައިވެރިވެރިންނަށް ހަމަލާ ދިނުމަށް ޗައިނާ އިން ތައްޔާރުވަމުން ދިއުން،" ޕެންޓަގަންގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ޗައިނާގެ އެއްގަމު ލަޝްކަރު އަލުން އެކުލަވާލަމުން ދަނީ، ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، "ހަނގުރާމަކޮށް މޮޅުވާން" ކަމަށެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ޗައިނާ އިން ވަނީ ސައުތު ޗައިނާ ކަނޑުގައި އަސްކަރީ ހަރަކާތްތައް އިތުރުކޮށްފަ އެވެ. އަދި އެކަމާ އެމެރިކާ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ދެހާސް ސާދަ ވަނަ އަހަރަށް ފަހު އެމެރިކާގެ ޑިފެންސް މިނިސްޓަރަކު ޗައިނާ އަށް ވަޑައިގެންފައި ވަނީ މިދިޔަ ޖޫން މަހު އެވެ.