17 އޯގަސްޓް 2018 - 19:54

ޓްރިވެންޑްރަމް (އޮގަސްޓް 17) - އިންޑިއާގެ ދެކުނުގެ ކެރަލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ވޭތުވެދިޔަ ނުވަ ދުވަސް ތެރޭ މަރުވި މީހުންގެ އަދަދު 324 އަށް އަރާފައިވާ ކަމަށް ސްޓޭޓުގެ ޗީފް މިނިސްޓަރު ޕިނަރައި ވިޖަޔަން ވިދާޅުވެއްޖެ އެވެ.
ކެރަލާގެ 14 ސަރަހައްދަކަށް ރަތް އެލާޓް ނެރެފައިވާ އިރު މިއަދު ވަނީ އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ. ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވެ ޕެޓްރޯލް ސްޓޭޝަންތަކުން ތެޔޮ ހުސްވުމުގެ ބިރާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
އޮފިޝަލުން ބުނާ ގޮތުގައި މިއީ ވޭތުވެދިޔަ 100 އަހަރު ތެރޭ ވެސް ކެރަލާ އަށް ކުރާ އެންމެ ވަރުގަދަ ވިއްސާރަ އެވެ. ޗީފް މިނިސްޓަރުގެ އޮފީހުން ބުނީ 223،139 މީހުންނަށް ވަގުތީ ހިޔާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ މިއަދު ހަވީރު ކެރަލާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފަ އެވެ.
ޗީފް މިނިސްޓަރު ވިދާޅުވީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އިތުރު ހެލިކޮޕްޓަރުތައް ފޮނުވައި ދިނުމަށް ޑިފެންސް މިނިސްޓަރުގެ އަރިހުން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެންބޮޑުވުމުގެ ސަބަބުން ކޮޗިން އެއާޕޯޓް ވަނީ މާދަމާ މެންދުރާ ހަމައަށް ބަންދުކޮށްފަ އެވެ.