18 އޯގަސްޓް 2018 - 08:40

މެންޗެސްޓާ (އޮގަސްޓް 18) - މެންޗެސްޓާ ސިޓީގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ކެވިން ޑި ބްރޭނާ އަށް އަނިޔާވުމަކީ ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި އޭނާ ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ކުޅުންތެރިޔާގެ ކަނާތު ކަކުލަށް އަނިޔާވީ ޕްރެކްޓިހުގަ އެވެ. ޑި ބްރޭނާ އަށް ލިބުނު އަނިޔާ ސީރިއަސްތޯ ބެލުމަށް ސިޓީން ވަނީ ތަފާތު ތިން ސްޕެޝަލިސްޓަކަށް ދައްކައިފަ އެވެ. ޑި ބްރޭނާގެ އަނިޔާގެ ތަފްސީލް ހޯދުމަށް ހެދި ޓެސްޓްތަކުގެ ނަތީޖާ ދައްކާގޮތުން އޭނާ ތިން މަހަށް ކުޅުމާ ދުރަށްދާން ޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި ސިޓީގެ މުހިއްމު މެޗުތަކެއް އޭނާ އަށް ގެއްލޭނެ އެވެ.
"އޭނާ ނެތުމަކީ ވަރަށް ބޮޑު ގެއްލުމެއް. އަހަރެން އޭނާ ގާތުގައި ބުނިން ރަނގަޅު ޗުއްޓީއަަކަށް ދާން. އެއީ ވޯލްޑް ކަޕާ ހެދި މި ފަހަރު އޭނާ އަށް އެވަރުގެ ޗުއްޓީއެއް ވެސް ނުލިބޭތީ،" ގާޑިއޯލާ ބުންޏެވެ.
ލީގު ދިފާއުކުުރުމަށް އަމާޒުހިފައިގެން މި ސީޒަނަށް ކުރިމަތިލި ސިޓީ އަށް ޑި ބްރޭނާ ނެތުމުން ގިނަ އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ.
"ޑި ބްރޭނާ ނެތްތަން ފޫބައްދަން އުނދަގޫވާނެ. އަހަރެމެން އުއްމީދުކުރަނީ ހުރިހާ ކުޅުންތެރިންގެ އެހީއާ އެކު އޭނާ ނެތުމުން އެކުގައި މަސައްކަތްކޮށް އޭނާ އެނބުރި އަންނަންވާ އިރަށް އަހަރެމެން ރަނގަޅު ޓްރެކުގައި އޮންނަން،" ގާޑިއޯލާ ބުންޏެވެ.
ސިޓީން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގާއި ލީގު ކަޕް ކާމިޔާބުކުރިއިރު ޑި ބްރޭނާ ވަނީ 12 ގޯލް ޖަހައި 21 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. އޭނާ އަކީ މިދިޔަ ސީޒަނުގައި ސިޓީން ހޮވި އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެ އެވެ. ޑި ބްރޭނާ އަށް ޕްރިމިއާ ލީގުގައި ސިޓީ ކުޅޭ ބޮޑު ދެ މެޗެއް ގެއްލޭނެ އެވެ. އެއީ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ރަށުންބޭރުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗާއި އެ މަހު 28 ވަނަ ދުވަހު ރަށުންބޭރުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗަށެވެ.
ސިޓީން އުއްމީދުކުރަނީ ނޮވެމްބަރު މަހު 11 ވަަނަ ދުވަހު ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޑި ބްރޭނާ އަށް ކުޅުމަށް އެނބުރި އާދެވާނެ ކަމަށެވެ.