18 އޯގަސްޓް 2018 - 08:43

ލަންޑަން (އޮގަސްޓް 18) - ކޯޗިންގައި އޭނާ ގަބޫލުކުރާ ގޮތާއި އޭނާގެ ސްޓައިލް އާސެނަލާ ގުޅޭނެ ކަމަށާއި އެކަން ވަކިގޮތަކަށް ބަދަލުކުރަން ޖެހޭ ކަމަށް ބުނެ ދައްކާ ވާހަކަތަކާ މީހުންނަށް ދޭނެ ރައްދެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
އެމެރީގެ ކޯޗުކަމުގައި އާސެނަލް ކުޅުނު ރަސްމީ ފުރަތަމަ މެޗުން ވަނީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުން 2-0 އިން ބަލިވެފަ އެވެ. އެ މެޗުގައި އެމެރީ ޓީމު ރޭވުމުގައި ގެންގުޅުނު ސްޓައިލް ކަމުނުދާ ކަމަށާއި އާސެނަލަކީ އެ ގޮތަށް ކުޅެވޭނެ ޓީމެއް ނޫން ކަމަށް އިންގްލެންޑްގެ ކުރީ ކޯޗު ސޭމް އެލަޑައިސް އަދި ގެރީ ނެވިލް ވަނީ ބުނެފަ އެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން އާސެނަލް ކޯޗަކަށް ހުރި އާސެން ވެންގާގެ ބަދަލުގައި އައިސް ފުރަތަމަ ޓީމަށް ހޭނެން އެމެރީ އަށް ވަގުތު ބޭނުންވާ ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ލީގުގެ ދެ ވަނަ މެޗުގައި މިރޭ އެމެރީ ނުކުންނާނީ ރަށުންބޭރުގައި ޗެލްސީއާ ދެކޮޅަށެވެ. އެމެރީ ބުނީ އޭނާގެ ފިލޯސަފީ އަށް ޓީމު ހޭނެމުން އަންނަ ކަމަށެވެ.
"ސިޓީ އަތުން އަހަރެމެން ބަލިވިއިރު ވެސް ފެނުނު ޓީމު ކުޅުންތެރިންގެ އެ ރޫހު. އަހަރެން ރޭވި ގޮތަށް ޓީމުން މަސައްކަތްކުރި. ސިޓީން ކުރީގައި އޮތްއިރު ވެސް ޓީމު ކުޅުނީ އަހަރެން ބޭނުންވި ގޮތަށް. އެއް މެޗުގެ ނަތީޖާ ބޭނުންވި ގޮތަށް ނުދިއުމަކީ ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން،" އެމެރީ ބުންޏެވެ.
ޗެލްސީއާ ދެކޮޅަށް އާސެނަލް ނުކުންނައިރު އެންމެ ފަހުން ޗެލްސީ ދަނޑުގައި ކުޅުނު 19 މެޗުގެ ތެރެއިން އާސެނަލަށް ހޯދުނީ އެންމެ މޮޅެކެވެ. އަދި މި އަހަރު ފެށި ފަހުން ޕްރިމިއާ ލީގުގައި ރަށުންބޭރުގައި އާސެނަލްގެ ރެކޯޑް ވަރަށް ދަށެވެ. އެމެރީ އަށް އޮތީ ޗެލްސީ ކައިރިން ރަނގަޅު ނަތީޖާއެއް ނެރެ ޓީމަށް އިތުބާރު ހޯދަައިދެން މަޖުބޫރުވެފަ އެވެ.
"ޗެލްސީއާ ދެކޮޅަށް ރަށުން ބޭރުގައި ވިޔަސް އަހަރެމެންގެ ފެންވަރު ސާބިތުކޮށްދޭން ޖެހިފައި މިއޮތީ. ރަށުން ބޭރުގައި މިދިޔަ އަހަރުގައި ކުރެވުނު ހިތި ތަޖުރިބާތައް ރަނގަޅުކުރަން މިއީ ރަނގަޅު ފުރުސަތެއް. އެންމެ މުހިއްމު ކަމަކީ ބޮޑެތި ޓީމުތައް ކައިރިން ނަތީޖާ ނެރުން،" އެމެރީ ބުންޏެވެ.
ޗެލްސީގެ އާ ކޯޗު މައުރީޒިއޯ ސާރީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ރަސްމީ ފުރަތަމަ މެޗުން ޗެރިޓީ ޝީލްޑް މެޗުން ސިޓީ އަތުން ބަލިވި ނަމަވެސް ޕްރިމިއާ ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ރަށުންބޭރުގައި ހަޑްސްފީލްޑް ޓައުން ބަލިކޮށްފަ އެވެ.
އާސެނަލާ ދެކޮޅަށް މިރޭ ކުޅޭ މެޗުން މޮޅެއް ހޯދައި ސަޕޯޓަރުން އުފާކޮށްދޭން ބޭނުންވާ ކަމަށް ސާރީ ވަނީ ބުނެފަ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.