17 އޯގަސްޓް 2018 - 13:49

އިންޑިޔާގެ ކެރަލާ ސްޓޭޓަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ކޮޗިން އެއާޕޯޓް ބަންދު ކޮށްފައި ވާތީ، ރާއްޖެ ނާދެވިފައި ތިބި ދިވެހި އާއިލާތައް ޓްރިވެންޑްރަމަށް ގެންދިއުމުގެ މަސައްކަތް ރާއްޖޭގެ ފޮރިން މިނިސްޓްރީން ފަށައިފި އެވެ.
ބޯކޮށް ވާރޭހި ލިބުނު ގެއްލުންތަކުގެ ސަބަބުން ކޮޗިން އެއާޕޯޓު ވަނީ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ، ކޮޗިންގެ އެއާޕޯޓު ބަންދު ކުރުމުގެ ސަބަބުން، ރާއްޖެ ނާދެވިގެން އުޅޭ 24 އާއިލާއަކަށް މިހާރު އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެއީ ގާތްގަނޑަކަށް 100 މީހުންނެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ކޮޗިން އިން ޓްރިވެންޑްރަމަށް ދިއުމަށް ބަސްތަކެއް ވަނީ ހަމަޖައްސައިފަ އެވެ.
އެމީހުން ވީހާ ވެސް އަވަހަކަށް ރާއްޖެ ދެވޭނެ ގޮތެއް ސްރީ ލަންކަން އެއާލައިންސާއި މޯލްޑިވިއަންއާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ކެރެލާ އަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ ގިނަ ގެތަކަށާއި ވިޔަފާރިތަކަށް ވަނީ ބޮޑު ގެއްލުމެއް ލިބިފަ އެވެ.