16 އޯގަސްޓް 2018 - 22:17

ރާއްޖެ އާއި ރާއްޖޭން ބޭރަށް އެއާޕޯޓުން ފުރާ މީހުން ވެސް ފަހު ވަގުތަށް މަޑު ނުކޮށް، ކުރިން ޗެކިން ނިންމުމަށް މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީ (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލުން ބުނީ އީދު ޗުއްޓީއަށް ތަންތަނަށް ދިޔުމަށް، މިދުވަސްވަރު ގިނަ އަދަދެއްގެ ބަޔަކު ފުރާއިރު ފަހު ވަގުތު ޗެކިން ކުރުމަށް އަންނަ ކަމަށެވެ. މިގޮތަށް ކަންތައް ކުރުމުން، ކިޔޫ ދިގުވެ ދަތުރުތައް ލަސްވުން ފަދަ މައްސަލަތައް ދިމާވާކަމަށް އެތަނުން ބުންޏެވެ.
ރާއްޖޭން ބޭރަށް ފުރާ ނަމަ ޗެކިން ވުމަށް ތިން ގަޑިއިރު ލިބޭއިރު، ޑޮމެސްޓިކް ދަތުރުތަކަށް ދެ ގަޑިިއިރު ލިބެ އެވެ. އެކަމަކު އާއްމު ގޮތެއްގައި މީހުން ޗެކިން ވަނީ ގަޑި ހަމަވާން މަދު ވަގުތުކޮޅަކަށް ވުމުންނެވެ.
އެމްއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ ޗެކިންގެ ވަގުތު ހަމަވާން ވަގުތުކޮޅަކަށް ވެފައި އޮއްވައި، ގިނަ ބަޔަކު ކިޔޫގައި ޖެހުމުން ބޮޑެތި ދަތިތައް ދިމާވާ ކަމަށެވެ.
"ޗެކިން ބަންދުވާން 15 ވަރަކަށް މިނިޓަށް ވެފައި އޮއްވާ 100 ވަރަކަށް މީހުން ކިޔޫގައި ޖެހުނީމައި ވާނީ ކިހިނެއްތޯ؟ އާއްމު ދުވަސްތަކުގައި ލަހުން ޗެކިން ވި ނަމަވެސް، މި ދުވަސްވަރު ވަރަށް ބާރު ބޮޑު. އެހެންވީމައި އަޅުގަނޑުމެން އިލްތިމާސް ކުރަން ވީހާ ވެސް ކުރިން ޗެކިން ނިންމަން،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ އީދު ބަންދަށް ނުވަ ދުވަސް ލިބޭއިރު، ގިނަ ބަޔަކު އަންނަނީ އެކި ރަށްރަށާއި ރާއްޖޭން ބޭރަށް ފުރަމުންނެވެ.