ކުނާލްގެ ކޯލީގެ އާ ފިލްމްގެ ނަމަކީ "ރާމްޔުގް"
ކުނާލްގެ ކޯލީގެ އާ ފިލްމްގެ ނަމަކީ "ރާމްޔުގް"

މަޝްހޫރު ޑައިރެކްޓަރު ކުނާލް ކޯލީ ޒަމާންގަނޑަކަށް ފަހު، ފިލްމެއް ޑައިރެކްޓްކުރަން އުޅޭކަން ހިއްސާ ކުރުމަށް ފަހު، ފިލްމްގެ ނަން އިއުލާންކޮށްފި އެވެ.

އިންޑިއާގެ ތާރީހުގެ މުހިއްމު ބައެއްގެ ގޮތުގައި ބަލާ ރާމާޔަން އަށް ބިނާކޮށް ހަދާ ފިލްމަށް ދީފައިވާ ނަމަކީ "ރާމްޔުގް" އެވެ. އެ ނަމާ އެކު، ކުނާލް ވަނީ ޓްވިޓާގައި ފިލްމްގެ ފަސްޓްލުކް ވެސް ދައްކާލައިފަ އެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ފިލްމްގައި ރާމާޔަންގައި ހިމެނޭ މުހިއްމު ޝަހުސިއްޔަތުތައް ހިމެނޭނެ އެވެ.

އޭގެ ތެރޭގައި ރާމް، ސީތާ، ލަކްޝްމަން، ހަނޫމަން އަދި ރާވަނާ ހިމެނެ އެވެ. "ރާމްޔުގް" ގެ ކާސްޓް އަދި އިއުލާނެއް ނުކުރެ އެވެ.

އެކަމަކު ކުނާލް ކުރިން ބުނެފައި ވަނީ ފިލްމުން ފެންނާނީ އާ އެކްޓަރުންތަކެއް ކަމަށެވެ. "ރާމްޔުގް" ޝޫޓިން މި އަހަރުގެ ފަށަން ނިންމާފައިވާ އިރު، މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ކަމްލޭޝް ޕާންޑޭ އާއި ކުނާލް އެވެ. އަދި ފިލްމްގެ މިއުޒިކް ހަދަން ހަވާލުކޮށްފައި ވަނީ ސާޖިދު-ވާޖިދުއާ އެވެ.

"ރާމްޔުގް" އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ނަމަވެސް އަދި ވަކި ތާރީހެއް ވެސް ކަނޑައައެއް ނާޅެ އެވެ. ފިލްމް ޑައިރެކްޓް ކުރުމުގެ އިތުރުން މީގެ ޕްރޮޑިއުސަރަކީ ވެސް ކުނާލެވެ.

"ހަމް ތުމް" އާއި ފަނާ" ފަދަ ހިތްގައިމު ލޯބީގެ ފިލްމްތައް ބެލުންތެރިންނަށް ގެނެސް ދިން ކުނާލް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ ޝާހިދު ކަޕޫރާއި ޕްރިޔަންކާ ޗޯޕްޅާ ލީޑް ރޯލް ކުޅުނު 2012 ގެ ފިލްމް "ތޭރީ މޭރީ ކަހާނީ" އެވެ.

އެކަމަކު އެއީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ. "ތޭރީ މޭރީ ކަހާނީ" އަށް ފަހު، ޑައިރެކްޝަނާ ދުރުގައި ހުރުމަށް ފަހު، ކުނާލް ވަނީ 2015 ގައި "ޕިރް ސޭ" ކިޔާ ފިލްމެއް ކުޅެފަ އެވެ.

އޭނާއާ އެކު ފިލްމްގެ ބަތަލާގެ ރޯލް ކުޅުނީ އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ޖެނިފާ ވިންގެޓް އެވެ.