04 އޯގަސްޓް 2016 - 10:08

ދ. މާއެނބޫދޫ ކައުންސިލް އިދާރާގައި ރޭ ދަންވަރު ރޯވެ، އެ ތަން އަނދައި ހުލިވެއްޖެ އެވެ.

ރޭ ދަންވަރު ތިނެއް ޖަހާކަންހާ އިރު ކައުންސިލް އިދާރާގައި ރޯވި އިރު އެ ތަނުގައި ސެކިއުރިޓީ ކެމެރާއެއް އަދި ގާޑެއް ވެސް ނެތް ކަމަށް ވެ އެވެ.

މާއެނބޫދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުއްރަޝީދު އިބްރާހީމް ވިދާޅުވީ އިމާރާތުގައި ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމެއް އަދި ރޯވީ ކަމެއް ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު، ރަށުގެ ހުރިހާ ކަމަކާ ގުޅޭ ލިޔެކިޔުންތައް ވެސް ހުރި އިމާރާތް އަނދައި ހުލިވުމުން ހުރިހާ މަސައްކަތްތަކެއް ހުއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް އެއްޗެއް އަދި ލިޔެ ކިޔުމެއް ވެސް ސަލާމަތެއް ނުކުރެވުން." އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިދާރާގައި ރޯވުމުން ލިބުނު ގެއްލުމުގެ އަގު ވަޒަން ކުރަން ނޭނގުނު ނަމަވެސް މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އަބްދުއްރަޝީދު ވިދާޅުވީ ކައުންސިލް އިދާރާ އަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު މީގެ ކުރިން ލިބިފައި ނުވާ ކަމަށާއި އެ ރަށުގައި އެއްވެސް އިރެއްގައި މާބޮޑު ހަމަނުޖެހުންތަކެއް ނޯންނަ ކަމަށެވެ. އަދި ސިޔާސީ ހިޔާލު ތަފާތުވުންތައް ވެސް އޮންނާނީ ހަމައެކަނި އިންތިހާބުތަކަށް ކެމްޕޭން ކުރާ ދުވަސްވަރެއްގައި ކަމަށް ވިދާޅުވި އެވެ.
"އެހެންވެ ހަމަ އެއްގޮތަކަށް ވެސް އަދި ނޭނގެ މިކަން ހިނގައި ދިޔަ ގޮތެއް ބުނާކަށް،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު އަތޮޅު ކައުންސިލަރުން ވެސް މާއެނބޫދު އަށް ވަނީ ގޮސްފަ އެވެ.