ކޯޓުގެ ހުރުމަތް ކަނޑައިގެން ސައުދީ ޕްރިންސަކު ޖަލަށް
ކޯޓުގެ ހުރުމަތް ކަނޑައިގެން ސައުދީ ޕްރިންސަކު ޖަލަށް

ލަންޑަން (އޮގަސްޓް 17) - ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅާ ސައުދީ އަރަބިއާގެ ޕްރިންސަކު އެއް އަހަރަށް ޖަލަށްލާން އިނގިރޭސި ވިލާތުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

ޕްރިންސް ހުސާމް ބިން ސައުދު ބިން އަބްދުލް އަޒީޒް އާލް ސުއޫދުގެ މައްޗަށް ލަންޑަނުގެ ކޯޓުން ހުކުމް އިއްވާފައި ވަނީ ކުވޭތުގެ މޯބައިލް އޮޕަރޭޓަ ޒައިން އިން އުފުލާފައިވާ ލޯނެއްގެ މައްސަލާގައި ޕްރިންސް ހައްސާމް ކޯޓަށް ހާޒިރުވާން ދެކޮޅު ހަދާފައިވާތީ އެވެ. ޕްރިންސް ހުސާމް އަކީ ކުރިން ޒައިން ސައުދީ އަރަބިއާގެ ޗެއާމަނެވެ.

ޒައިން އާއި ޕްރިންސާ ދެމެދު ލޯނުގެ މައްސަލަ ޖެހުނީ 2010 ވަނަ އަހަރު އެވެ. އެ މައްސަލައިގެ އާބިޓްރޭޝަން ކުރިއަށް ދިޔައީ ލަންޑަނުގަ އެވެ. އާބިޓްރޭޝަން ޕްރިންސަށް ނާކާމިޔާބުވެ 500 މިލިއަން ޑޮލަރު ދައްކަން އެންގުމުން ޕްރިންސް ވަނީ އެ ހުކުމާ ދެކޮޅު ހަދާ އެ މައްސަލަ ސައުދީ ވެރިރަށް ރިޔާޒުގެ ކޯޓަކަށް ހުށަހަޅައިފަ އެވެ. ލަންޑަނުގެ ކޯޓުން ބުނީ އާބިޓްރޭޝަނުން ނިންމި ގޮތް ގަބޫލް ނުކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ.

ލޯން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޕްރިންސްގެ ސައުދީ ޕްލާސްޓިކް ފެކްޓަރީގެ ނަމުގަ އެވެ.

ޕްރިންސްގެ ވަކީލް ޔާސިރު އަލްމަސްނަދު ވިދާޅުވީ އެއީ އިނގިރޭސި ވިލާތުން ބެލޭނެ މައްސަލައެއް ނޫން ކަމަށާއި ޕްރިންސް އިނގިރޭސި ވިލާތަށް ވަޑައިގެންފި ނަމަ އޭނާ ހައްޔަރު ކުރާނެ ކަމަށެވެ.