ޕޯސްޓުން ފޮނުވި ތަކެތި ފަލަސްތީނަށް ލިބޭވަރުވީ އަށް އަހަރު ފަހުން
ޕޯސްޓުން ފޮނުވި ތަކެތި ފަލަސްތީނަށް ލިބޭވަރުވީ އަށް އަހަރު ފަހުން

ހުޅަނގު އައްސޭރި (އޮގަސްޓް 17) - ޕޯސްޓް މެދުވެރިކޮށް ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް ފޮނުވި ބައެއް ތަކެތި އަށް އަހަރު ފަހުން އޭގެ ހައްގުވެރިންނަށް ލިބޭ ގޮތް ވެއްޖެ އެވެ.

ޕާރުސަލްތަކާއި ސިޓީ އަދި ވީލްޗެއާ ފަދަ ތަކެތި ފަލަސްތީނުގެ ރައްޔިތުންނަށް ލިބުން މިހާ ލަސްވެފައި ވަނީ އިޒްރޭލުން އެ ތަކެތި ހިފަހައްޓާފައި ހުރުމުގެ ސަބަބުންނެވެ. ޕޯސްޓުން ގެނައި ތަކެތީގެ ތެރޭގައި އިންޓަނެޓް އޯޑަރުތައް ވެސް ހިމެނެ އެވެ. އެ ތަކެތި 2010 ވަނަ އަހަރުން ފެށިގެން ހުރީ ޖޯޑަންގަ އެވެ.

ފަލަސްތީނުގެ ޖެރީކޯގެ ޕޯސްޓަލް މަސައްކަތް ތެރިންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބުރަ މަސައްކަތަކީ ޕޯސްޓުން ފޮނުވައިފައި ހުރި ތަކެތި ވަކިކޮށް އެކި އެޑްރެސްތަކަށް ފޮނުވުމެވެ. ޕޯސްޓުން ފޮނުވައިފައި ހުރި ތަކެތީގެ ބަރުދަން 10 ޓަނަށް އަރަ އެވެ. އެ ތަކެތީގެ ހައްގުވެރިންނާ ހަވާލު ކުރަން ދެ ހަފުތާއަށް ވުރެ ދިގު މުއްދަތެއް ހޭދަވާނެ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެ އެވެ.

ޖެރީކޯގެ ޕޯސްޓް އޮފީހުގެ މުވައްޒަފެއް ކަމަށްވާ ރަމަދާން ގަޒާވީ ބުނީ އެ ތަކެތި އިޒްރޭލުން ހިފަހައްޓާފައިވާ ކަމަށް ބެލެވެނީ ސަލާމަތީ ސަބަބެއް ދެއްކުމަށް ފަހު ކަމަށް ބެލެވޭ ކަމަށެވެ. ޖޯޑުންގެ ބޯޑަރުން ހުޅަނގު އައްސޭރި އަށް ގެންދާ ހުރިހާ ތަކެއްޗެއް ކޮންޓްރޯލް ކުރަނީ އިޒްރޭލުންނެވެ.

ފަލަސްތީނުގެ ކޮމިއުނިކޭޝަން މިނިސްޓަރު އައްލާމް މޫސާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕޯސްޓުން ފަލަސްތީނަށް ފޮނުވާ ތަކެތި ރައްދުކޮށްދޭން 2016 ވަނަ އަހަރު ގާއިމްކުރި އެމްއޯޔޫއާ އިޒްރޭލުން ޚިލާފުވެފައިވާ ކަމަށެވެ. އެމްއޯޔޫގައިވާ ގޮތުން ޕޯސްޓުން ފޮނުވާ ތަކެތި އިޒްރޭލުގެ ޕޯސްޓް އޮފީހަށް ގެންދިއުމުގެ ބަދަލުގައި އެ ތަކެތި ގެންދަން ޖެހޭނީ ފަލަސްތީނަށެވެ.