17 އޯގަސްޓް 2018 - 12:46

ސްޓޮކްހޯމް (އޮގަސްޓް 17) - ވަޒީފާގެ އިންޓަވިއުގެ ތެރޭގައި ފިރިހެނަކާ ސަލާމަތް ކުރަން ދެކޮޅު ހެދި ސްވިޑަންގެ މުސްލިމް އަންހެން މީހާގެ މައްސަލަ ކޯޓުގައި ކާމިޔާބުވެ އޭނާ އަށް ބަދަލު ދޭން ހުކުމްކޮށްފި އެވެ.
ތަރުޖަމާނެއްގެ ވަޒީފާ އަށް ހުށަހެޅި ފަރާހް އަލްހާޖިއާ އިންޓަވިއު އަށް ހާޒިރުވުމުން އޭނާއާ އިންޓަވިއު ކުރަން އިނީ ފިރިހެނެކެވެ. އެކަމަކު ދީނީ ސަބަބަކަށްޓަކައި އެ ފިރިހެން މީހާއާ އަތާއި އަތް ޖޯޑުކޮށް ސަލާމަތް ކުރުމުގެ ބަދަލުގައި ފަރާހް ވަނީ ސަލާމް ކުރުމުގެ ނިޔަތުގައި އޭނާގެ އަތް މޭމަތީގައި ޖައްސާލައިފަ އެވެ. އިންޓަވިއު ކުރަން އިން މީހާ އެކަމާ ހިތްހަމަނުޖެހިގެން އިންޓަވިއު ވަނީ އެ ހިސާބުން ހުއްޓާލައިފަ އެވެ.
އެ މައްސަލައިގައި ސްވިޑަންގެ ލޭބަ ކޯޓުން ބުނެފައި ވަނީ މުސްލިމް އަންހެނާއާ މެދު ތަފާތު ކުރުން ގެންގުޅެފައިވާ ކަމަށެވެ. އަދި ބަދަލެއްގެ ގޮތުން އެ އަންހެން މީހާ އަށް 40،000 ކްރޯނާ (4،350 ޑޮލަރު) ދިނުމަށް ވަނީ އަންގައިފަ އެވެ. ކޯޓުގެ ތިން ފަނޑިޔާރުން ފަރާހް އަށް ތާއީދު ކުރި އިރު އަނެއް ދެ ފަނޑިޔާރުންގެ ހުކުމް އައީ އޭނާއާ ދެކޮޅަށެވެ.
ފަރާހް ވަޒީފާ އަށް ހުށަހެޅި ކުންފުނިން ކޯޓުގައި ބުނެފައި ވަނީ އެ ތަނުގެ އަންހެން މުވައްޒަފުން ފިރިހެން ކަސްޓަމަރުންނާ ވެސް މުއާމަލާތްކޮށް ސަލާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި ފިރިހެނުންނާ ސަލާމް ކުރަން ދެކޮޅު ހަދާ އަންހެން މުވައްޒަފަކަށް ވަޒީފާ ހަމަނުޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ފަރާހުގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ އޭނާ އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރަން ދެކޮޅު ހެދި ނަމަވެސް އިހްތިރާމް އަދާކުރުމުގެ ގޮތުން މޭމަތީ އަތްޖައްސާލާ ސަލާމް ކުރި ކަމަށެވެ.
ހުކުމަށް ފަހު ފަރާހް ބުނެފައި ވަނީ އޭނާގެ ފަރާތުން އެ މައްސަލަ ކޯޓަށް ވެއްދީ މިފަދަ ހާދިސާތަކުން އެހެން އަންހެނުން ސަލާމަތް ކުރަން ކަމަށެވެ.
"ބަދަލުގެ ގޮތުގައި ލިބޭ ފައިސާ އަކީ މުހިންމު އެއްޗެއް ނޫން. މުހިންމު ކަމަކީ މިފަދަ ތަފާތު ކުރުންތަކުން އިންސާފު ލިބުން،" ސްވިޑަންގެ އެސްވީޓީ ޓީވީއާ ވާހަކަ ދައްކަމުން ފަރާހް ބުންޏެވެ.
މިދިޔަ އެޕްރީލް މަހު ވަނީ ރައްވެހިކަން ދިނުމުގެ ރަސްމިއްޔާތެއްގައި ފްރާންސްގެ އޮފިޝަލުންނާ ސަލާމް ކުރަން ދެކޮޅު ހެދި އަލްޖީރިއާގެ އަންހެނަކަށް ފްރާންސްގެ ރައްވެހިކަން ދިނުން ކެންސަލްކޮށްފަ އެވެ.