ނިއު ޒީލެންޑުން ބޭރު މީހުން ގެ ގަތުން މަނާކޮށްފި
ނިއު ޒީލެންޑުން ބޭރު މީހުން ގެ ގަތުން މަނާކޮށްފި

ވެލިންޓަން (އޮގަސްޓް 16) - ނިއު ޒީލެންޑުން ބިދޭސީން ގެ ގަތުން މަނާކުރާ ގާނޫނެއް އެ ގައުމުގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.

ނިއު ޒީލެންޑުން މި ފިޔަވަޅު އެޅީ އެ ގައުމުގެ ރައްޔިތުންނަށް ހެޔޮ އަގުގައި ގެ ގަތުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. ބިދޭސީންނަށް ގެ ގަތުން މަނާކުރި ނަމަވެސް އޭގެ ތެރޭގައި ސިންގަޕޫރާއި އޮސްޓްރޭލިއާ މީހުން ނުހިމެނެ އެވެ. އެއީ އެ ދެ ގައުމާ އެކު ނިއު ޒީލެންޑުން މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމްކޮށްފައިވާތީ އެވެ. އޯވަސީސް އިންވެސްޓްމަންޓް އެމެންޑްމެންޓް ބިލް ފާސްކޮށްފައި ވަނީ 63-57 ވޯޓުންނެވެ.

ނިއު ޒީލެންޑުގައި ގެދޮރުގެ އަގު މައްޗަށް ދާން ފަށާފައި ވަނީ އިންޓަރެސްޓް ދަށްވުމާއި ހައުސިން ސްޓޮކް މަދުވުމާ އަދި ހިޖުރަ ކުރާ މީހުން އިތުރުވުމުންނެވެ.

ނިއު ޒީލެންޑުގެ ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ޑޭވިޑް ޕާކަ ވިދާޅުވީ ބިލް ފާސްވުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ނިއު ޒީލެންޑުގެ ގެ ދޮރަކީ އެ ގައުމުގެ ރައްޔިތުންނަށް އޮތް މާކެޓެއް ކަމަށާއި އެއީ ބައިނަލްއަގުވާމީ މާކެޓަށް އޮތް ވިޔަފާރިއެއް ނޫން ކަމަށް ވިދާޅުވި އެވެ.

ނިއު ޒީލެންޑުން ގެ ގަތުމުގެ އެންމެ ބޮޑު މާކެޓެއް ހިއްސާކުރަނީ ޗައިނާގެ އިންވެސްޓަރުންނެވެ. އަދި އެމެރިކާގެ ސިލިކަން ވެލީގެ ބިލިއަނަރުން ވެސް ވަނީ ނިއު ޒީލެންޑުގެ ރަށްވެހިންނަށްވެ ގެ ގަނެފަ އެވެ.

ވޭތުވެދިޔަ 10 އަހަރު ތެރޭ ނިއު ޒީލެންޑުގެ ގެދޮރުގެ އަގު ވަނީ 60 ޕަސެންޓް ބޮޑުވެފަ އެވެ. އެ ގައުމުގެ އެންމެ ބޮޑު ސިޓީ އޮކްލެންޑުގައި ގެދޮރުގެ އަގު ވަނީ ދެ ގުނަ ބޮޑުވެފަ އެވެ.