މި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި 206 މިލިއަން ޑޮލަރު ލިބުނު: މިނިސްޓަރު މުނައްވަރު
މި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި 206 މިލިއަން ޑޮލަރު ލިބުނު: މިނިސްޓަރު މުނައްވަރު

މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 206 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި މިއީ އެންމެ ގިނައިން ހިލޭ އެހީ ލިބުނު ސަރުކާރަށް ވެދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިސަރުކާރުގެ އަމަލުތަކުގެ ސަބަބުން ބޭރުގެ އެހީތައް ނުލިބޭ ކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު މުނައްވަރު ވިދާޅުވީ މިސަރުކާރުން އިންޓްރަސްޓް ރޭޓް ކުޑަކޮށް ގިނަައިން ފައިސާ ހޯދާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރަށް ހިލޭ އެހީ މިހާ ގިނައިން ލިބުނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ހަރުދަނާ ކަމުގެ ސަބަބުންނެވެ.

"އަޅުގަނޑުމެން ފައިނޭންސް ހޯދަނީ ލޯނުން ނުވަތަ ހައި އިންޓްރެސްޓް ރޭޓެއްގައެއް ނޫން. މިސަރުކާރަށް ވުރެ ގިނައިން ފަސް އަހަރު ތެރޭގައި ހިލޭ އެހީ ހޯދި ސަރުކާރެއް އަޅުގަނޑަށް ހިޔެއް ނުވޭ ހުންނާނެހެނެއް،" ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖް ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަމުން އަންނަނީ އެ އެހީތަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހިލޭ އެހީގެ އިތުރުން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބިލިއަނެއްހާ ޑޮލަރު މި ފަސް އަހަރު ތެރޭގައި ލިބިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.