16 އޯގަސްޓް 2018 - 13:06

އީދު ބަންދާ ދިމާކޮށް މާލެ-ކޮލަމްބޯ ދަތުރުތަކުގެ އަގު ސްރީލަންކަން އެއާލައިންސް އިން ބޮޑުކުރުމާ ގުޅިގެން ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފި އެވެ.
ހަފުތާ ބަންދުގައި ކޮލަމްބޯ އަށް ދާން ޓިކެޓެއް ހޯދަން އުޅުނު މީހަކު ބުނީ މިއަދުން ފެށިގެން އަންނަ ހަފުތާގެ އަންގާރައާ ދެމެދަށް މިހާރު ޓިކެޓް ނުލިބޭ ކަމަށެވެ. ސްރީލަންކަން އިން މި ދުވަސްވަރު ޓިކެޓްގެ އަގު އިންތިހާ އަށް ބޮޑު ކުރުމުން އެކަމާ އެތައް ބަޔަކު ދަނީ ސޯޝަލް މީޑީއާގައި ހިތްހަމަނުޖެހުމުގެ ޝުއޫރު ފާޅުކުރަމުންނެވެ.
"ސްރީލަންކަން އިން އަންނަނީ މި ދުވަސްވަރު [ޗުއްޓީ]ގެ އެޑްވާންޓޭޖް ނަގަމުން. އެކަން އެ މީހުން އަބަދުވެސް ކުރޭ،" ޓުވިޓާގައި މީހަކު ބުނެފައިވެ އެވެ.
ޓުވިޓާގައި އިބޫ ޖަލީލް ކިޔާ މީހަކު ބުނެފައި ވަނީ ސްރީލަންކަން މާލެ-ކުއާލަމްޕޫރު ޓިކެޓެއް 600- 700 ޑޮލަރާ ދެމެދުގެ އަގަކަށް ލިބޭ އިރު މާލެ-ކޮލަމްބޯ ޓިކެޓެއްގެ އަގު 900 ޑޮލަރަށް ވުރެ ބޮޑު ކަމަށެވެ. އަދި މޯލްޑިވިއަން އިން ކޮލަމްބޯ އަށް ދަތުރު ނުކުރާތީ ސްރީލަންކަން އިން ދަނީ އެކަމުގެ އެޑްވާންޓޭޖް ނަގަމުން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"ރާއްޖޭގެ ސިވިލް އޭވިއޭޝަނުން އެބަ ޖެހޭ މިކަން ބަލައި ވީ އެންމެ އަވަހަކަށް ބަލައި މޯލްޑިވިއަންގެ ދަތުރުތައް މި ސެކްޓާ އަށް ފަށަން،" އިބޫ ޖަލީލް ބުނެފައިވެ އެވެ.
ސްރީލަންކަން އެއާލައިންސްގެ އެޖެންޓަކު ބުނީ އާއްމުކޮށް 280 ޑޮލަރަށް ވިއްކާ ޓިކެޓްގެ އަގު މިހާރު 400 ޑޮލަރަށް ވުރެ ބޮޑުވެފައިވާ ކަމަށެވެ. އަދި އީދު ބަންދުގެ އެއްވެސް ދުވަހެއްގައި މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުކުރަން ޓިކެޓް ނުލިބޭ ކަމަށް ވެސް އެޖެންޓް ބުންޏެވެ.
"އެންމެ އަވަހަށް ވެސް މިހާރު ޓިކެޓެއް ލިބެނީ އަންނަ ހޯމަ ދުވަހަށް. އަދި އެނބުރި އަންނަން ވެސް އެންމެ އަވަހަށް ލިބެނީ މި މަހުގެ 27 އަށް،" އެ މީހާ ބުންޏެވެ.
ސްރީލަންކަން އިން މިއަދު މެންދުރު 12:30ގައި ބޭއްވި ފްލައިޓުން ކޮލަމްބޯ އަށް ދާން އުޅުނު މީހަކު ބުނީ އެ ދަތުރުގެ ޓިކެޓެއްގެ ވިއްކީ 580 ޑޮލަރަށް ކަމަށެވެ.
ސްރީލަންކަން އެއާލައިންސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އީދު ބަންދާ ދިމާކޮށް މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުކުރަނީ ކިތައް މީހުން ކަމެއް މުޅިން ސާފުނުވާ ކަމަށެވެ. އަދި ޓިކެޓްގެ އަގުތައް ހާމަކުރަން ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިތުރު ފްލައިޓެއް ބަންދާ ދިމާކޮށް ބާއްވައިފިން. ބަންދާ ދިމާކޮށް ޑިމާންޑަށް ކޭޓާކުރަން އިތުރު ދެ ފްލައިޓް ދުވާލަކު ބޭއްވުމަށް މިދަނީ މަސައްކަތްކުރަމުން،" އެ އޮފިޝަލް ވިދާޅުވި އެވެ.
ސްރީލަންކަން އެއާލައިންސް އިން މާލެ އާއި ކޮލަމްބޯއާ ދެމެދު އާއްމުކޮށް ދުވާލަކު ހަތަރު ފްލައިޓް ބާއްވަ އެވެ.