އެޑިޓަރަކު ވަަގަށް ނެގި މައްސަލައިގައި ރާޖަޕަކްސާއާ ސުވާލު ކުރަނީ
އެޑިޓަރަކު ވަަގަށް ނެގި މައްސަލައިގައި ރާޖަޕަކްސާއާ ސުވާލު ކުރަނީ

ކޮލަމްބޯ (އޮގަސްޓް 16) - ސްރީ ލަންކާގެ ނޫހެއްގައި މަސައްކަތް ކުރި އެޑިޓަރަކު ވަގަށް ނެގި މައްސަލާގައި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާއާ ސުވާލު ކުރަން ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ނިންމައިފި އެވެ.

ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ ރާޖަޕަކްސާއާ ސުވާލު ކުރަން އެމަނިކުފާނުގެ ގެކޮޅަށް ސީއައިޑީގެ އޮފިޝަލުން ދާނީ މާދަމާ ކަމަށެވެ.

އިނގިރޭސި ބަހުން ނެރޭ "ނޭޝަން" ނޫހުގެ އެޑިޓަރު ކެއިތު ނޯޔަރު ވަގަށް ނަގާފައި ވަނީ މެއި 22، 2008 ގަ އެވެ. އެއް ދުވަސް ފަހުން އޭނާ ފެނުނު އިރު ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އޭނާ ވަގަށް ނެގީ މަސައްކަތް ނިންމުމަށް ފަހު އެނބުރި ގެއަށް ދިޔަ ތަނުންނެވެ. ކެއިތު މިހާރު ދިރިއުޅެނީ އޮސްޓްރޭލިއާގަ އެވެ.

ތަހުގީގު ޓީމުން ލަފާ ކުރަނީ ދިފާއީ މައްސަލަތަކާ ގުޅޭ ގޮތުން ލިޔަމުން ދިޔަ ނޫސްވެރިޔާ ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ސިފައިންގެ ކުރީގެ އޮފިޝަލުންތަކެއް ކަމަށެވެ. އެކަމުގެ އެންމެ ބޮޑު ތުހުމަތެއްކޮށްފައި ވަނީ މިލިޓަރީ އިންޓަލިޖެންސަށެވެ. ކެއިތު ވަގަށް ނެގުމާ ގުޅިގެން ސިފައިންގެ އިސް ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.

ނޫސްވެރިޔާ ވަގަށް ނެގުމާ ގުޅިގެން ސީއައިޑީން މިދިޔަ އަހަރު ވަނީ ސިފައިންގެ އަށް މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް މޭޖަ ޖެނެރަލް އަމާލް ކަރުނަސެކަރަ ހިމެނެ އެވެ.

ރާޖަޕަކްސާގެ ވެރިކަމުގައި ވަނީ 17 ނޫސްވެރިން މަރާލައިފަ އެވެ.