04 އޯގަސްޓް 2016 - 08:52

ދިވެހިރާއްޖެ އަށް ފުޓްބޯޅައިން އެންމެ ބޮޑު އެއް ކާމިޔާބީ ހޯދައިދިން ކޯޗު ޖޯސެފް ޔަންކޭޒް އެނބުރި ގައުމީ ޓީމަށް އަންނަން ނިންމައިފި އެވެ؛ އެކަމަކު މި ފަހަރު ދައްކާލުމުގެ މެޗަކަށެވެ. ޔަންކޭޒްގެ ކޯޗުކަމުގެ ދަށުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ ހާއްސަ މެޗެއްގައި ރަމްޒީ ގޮތުން ކޯޗުކޮށްދިނުމަށެވެ.
މި މަހުގެ 29 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މި މެޗަކީ ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ 8 އަހަރު ފުރުމާ ގުޅިގެން ކުޅޭ މެޗެކެވެ.
އެފްއޭއެމްގެ ރައީސް އަދި އޭރު ގައުމީ ޓީމަށް ކުޅުއްވި، އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ މި ހާއްސަ މެޗުގައި ބައިވެރިވުމަށް ޔަންކޭޒަށް ދިން ދައުވަތު ގަބޫލުކުރުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. ތޯރިގް ވިދާޅުވީ ގައުމީ ކޯޗުކަމުގައި ޔަންކޭޒް ކޮށްދިން މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، މި މެޗަށް ފަހު ހާއްސަ ފިލައެއް ދޭނެ ކަމަށެވެ.
އޭރު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން، އެންމެ ފަހުން އެކުލަވާލި ސްކޮޑުގައި ހިމެނެނީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިމްރާން މުހައްމަދު އަދި މުހައްމަދު އުމެއިރެވެ.
އޭރު ގައުމީ ޓީމަށް ކުޅުނު މުހިއްމު ކުޅުންތެރިންގެ ތެރޭގައި އިމްރާނާއި ދަގަނޑޭ އަދި ޓޮމްގެ އިތުރުން އެފްއޭއެމްގެ ނައިބް ރައީސް އަލީ އުމަރާއި ބޯޑް މެމްބަރު އައްސަދު އަބްދުލްގަނީ އާއި މުހައްމަދު ޖަމީލާއި ސޮބާހު މުހައްމަދާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ފައިނަލުގައި ލަނޑު ޖެހި މުޚުތާރު ނަސީރު (ޓޫކިލޯ) އާއި އިސްމާއިލް މުހައްމަދު (އިއްސޭ) އާއި އަހުމަދު ސައީދު (އައްމަޓީ) އަދި މުހައްމަދު ޝިފާން (ކުޑައްޓޭ) ހިމެނެ އެވެ.
ސްލޮވާކިއާ އަށް އުފަން ޔަންކޭޒް އެންމެ ފުރަތަމަ ގައުމީ ޓީމަށް ކޯޗުކޮށްދިނީ 2001-2003 އަށެވެ. އެގޮތުން 2001 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށް ރާއްޖެ އަށް ތިން ވަނަ ހޯދައިދިނެވެ. އެ ފަހަރު މާލޭގައި ކެމްބޯޑިއާ އަތުން 6-0 އިން މޮޅުވިއިރު ގަދަގަދަ ޗައިނާ އަތުން ބަލިވީ 1-0 އިންނެވެ.
އޭގެ ފަހުން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ރާއްޖެ އަށް ހޯދައިދިނެވެ. ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ތޯރިގް އަށް އެ ފަހަރު ޖާގަ ދިން އިރު ފައިނަލުން ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެން ބަންގްލްދޭޝް އަތުންނެވެ.
އެ މުބާރާތަށް ފަހު މަގާމުން ވަކިވުމަށް ފަހު ޔަންކޭޒް އެނބުރި އައީ 2007 ގަ އެވެ. އަދި ޖެހިގެން އައި އަހަރު މާލެ އާއި ކޮލަމްބޯގައި އޮތް ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިނެވެ. އެ މުބާރާތަށް ފަހު އޭނާ މަގާމުން އިސްތިއުފާ ދިން އިރު، ފަހުން އޭނާ ގެންނަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
އުމުރުން 78 އަހަރުގެ ޔަންކޭޒް އަންނަނީ 1966 ވަނަ އަހަރުން ފެށިގެން ކޯޗިންގައި ހަރަކާތްތެރިވަމުންނެވެ. އޭނާ ވަނީ ގަތަރުގެ ގަތަރު ސްޕޯޓްސް ކްލަބާއި ސްލޮވާކިއާގެ ޑުބްނިސާ އަދި ސްލޮވަން ބްރަޓިސްލާވާ އަށް ކޯޗުކޮށްދީފަ އެވެ.